13 ވަނަ އެޕިސޯޑް

==========

[ދަރިފުޅާ....ކޮންމެވެސް ގޮތަކުން ނަޝާއަށް ގުޅާފަ ބުނެބަލަ، މަންމަމެނަށް ކޮންމެވެސް އެހީއެއްވެދޭށޭ. އަތުގައި އެއްވެސް ފައިސާއެއްނެތި މިމާލެއަކު ނޫޅެވޭނެޔޭ ދަރިފުޅާ....މުޙްސިނަކަށްވެސް ނުގުޅުނު.....] ވިލިނގިލީ ފެރީ ޓަރމިނަލާ ހިސާބުގައި މަޑުޖެހިލަމުން ޝާޢިރާ ނާއިޝްއާ ވާހަކަ ދެއްކިއެވެ.

މިހާރު ޝާޢިރާއާ ކުރިމަތިވެފައިވާ އިމްތިޙާނަކީ، ކުރިން އޭނާ ހިތަށްވެސް އަރާފައިނުވާފަދަ ހިތްދަތި އިމްތިޙާނެކެވެ.

ނަޞީބު ދިމާކުރި ގޮތުން ނާއިޝްގެ ކްލާސްމޭޓެއް ކަމުގައިވާ ރީހާން އެދިމާއަށް އަންނަތަން ނާއިޝަށް ފެނުނީ އެވަގުތުއެވެ.

[ރީހާން...ފޯނުދީބަލަ، އަހަރެން މީހަކަށް ގުޅާލާފަދޭނަން.] ހިތް އަވަސްވެފައި ހުރި ނާއިޝް އެދުނީމާ، ރީހާން ފޯނުދިނެވެ.

[އަޅެ މުޙްސިން އަހަރެމެން މަގުމަތިވެއްޖެ. ކޮންތާކަށްތަ އަހަރެމެން ވަންނާނީ.] މުޙްސިން ފޯނު ނެގުމާއެކު، ވާހަކަ ދެއްކީ ޝާޢިރާއެވެ. އޭނާ ވާހަކަ ދެއްކީ ރޮމުންނެވެ. ފުރަތަމަ އޭނާ ވާހަކަ ދައްކަމުން ދިޔައީ އެއްވެސް ވާހަކައެއް ދައްކާނެ ފުރްޞަތު މުޙްސިނަށް ނުދީއެވެ.

[ޝާޢިރާ....އަހަންނަކަށްވެސް ނުވިސްނޭ، މިވަގުތުން މިވަގުތަށް ޝާޢިރާމެން ވައްދާނެ ތަނެއް. އަހަރެންގެ ގެވެސްހުރީ ވަރަށް ފުލްކޮށް. ކުޑަކުޑަ އެންމެ ކޮޓަރިގަނޑެއް ހުހަށްހުރީވެސް.] މުޙްސިން ބުންޏެވެ.

[މުޙްސިން ކިތަންމެ ކުޑަ ތަންކޮޅެއް ހުއްޓަސް މަގުމަތީގައި ތިބުމަށްވުރެން ދެން ރަނގަޅުވާނެތާ. ވިލިނގިލީ ފެރީ ޓަރމިނަލް ސަރަޙައްދަށް އައިސްދީބަލަ އަހަރެމެން ބަލާ.] ޝާޢިރާ މިހެން ބުނެފައި ފޯނު ކަނޑާލިއެވެ.

އޭގެ ދެތިންމަސް ފަހެވެ. ނާޒިމާގެ ކޮއްކޮ ޔޫސުފްގެ ޙާލުވެސް ރަނގަޅުވެފައި ވުމާއެކު، އޭނާވެސް މާލެ އަތުވެއްޖެއެވެ. ޔޫސުފަކީ ނާޒިމާއާ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި މީހާއެވެ. ވުމާއެކު، ނާޒިމާ ޔޫސުފްދެކެ އިންތިހާއަށް ލޯބިވެއެވެ.

[އިރާދަކުރެއްވިއްޔާ، އެތައް ޒަމާންތަކަކަށްފަހު އަހަރެމެންގެ ޢާއިލާއަށް މިވަނީ އުފާވެރިކަން އައިސްފައި. ދެން އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޔޫސުފްވެސް އަލުން ޒަވާޖީ ޙަޔާތެއް ފެށުމާއި، އަހަރެންގެ ދަރިފުޅު ނާއިލްގެ އަލަތު ކައިވެނި ކުރާ ދުވަސް.] ނާޒިމާ ވާހަކަ ދެއްކީ އިލްޔާސާއެވެ.

ނާޒިމާއަށް ނަޝާގެ މަތިން ހަނދާންވީ އެހެން ބުނެފައި ދޮރާ ދިމާއަށް ބަލައިލެވުނު ވަގުތު ނަޝާ ދޮރުމަތިން ހުރަސްކުރި މަންޒަރު ފެނުނީމައެވެ.

[ނަޝާ ޒަވާޖީ ޙަޔާތެއް ފަށާ ދުވަހަކީވެސް އަހަރެން ވަރަށް ދެކެން ބޭނުންވާ ދުވަހެއް.] ނާޒިމާ އިތުރުކޮށްލިއެވެ.

މާލެ އާދެވުމާއެކު، ޔޫސުފްގެ ހަނދާނަށް އަންނަން ފެށީ އޭނާގެ ކުރީގެ އަނބިމީހާ ޒާހިދާގެ މަތިންނެވެ. ހަމަގައިމުވެސް އޭނާއާ ޒާހިދާ ވަކިވާން ޖެހުނީ އޭނާގެ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ.

އެދެލޯބިވެރިން ވަކިކުރުވީ ތަޤްދީރެވެ. ކުއްލިއަކަށް ކުރިމަތިވި ބަލިހާލުގެ ސަބަބުން އޭނާއަށް މަޖުބޫރީ ހުރަސްތަކަކާ ކުރިމަތިލާން ޖެހުނީއެވެ. ނަމަވެސް، އެކައިވެނި ރޫޅުނުފަހުން އޭނާއަށް ނޭނގޭކަމެއް ވެއެވެ.

އޭނާއާއި ޒާހިދާގެ ކައިވެންޏަށް ކުއްޖަކު އުފަންވި ކަމެއް މިއަދާ ހަމައަކަށްވެސް އޭނާއަށް އަދި އޭނާގެ ޢާއިލާއަކަށްވެސް އެނގިފައެއް ނުވެއެވެ.

[މަންމާ...ވަރަށް އަވަހަށް އަހަރެންގެ ކައިވެނި ކުރަން އަހަރެން ނިންމައިފިން. މިހާރު މިވަނީ އަހަރެން އުއްމީދުކުރި ގޮތަށް މަންމައާއި ބޮޑުބޭބެގެ ބަލިހާލުވެސް ﷲގެ ރަޙްމަތްފުޅާއެކު ރަނގަޅުވެފައި.] ނާއިލް ފުރަތަމަފަހަރަށް އޭނާގެ ކައިވެނީގެ ޚަބަރު މަންމައަށް ދިނެވެ.

ނާޒިމާ ހީކުރީ އިލްޔާސް ނިންމައިގެން ހުރިގޮތަށް އޭނާ ޢައިޝާއާ ކައިވެނި ކުރަން ނިންމީ ކަމަށެވެ.

ޢައިޝާއަކީ އޭނާވެސް ވަރަށް ރުހޭ، އެޢާއިލާގެ ވަރަށް ގާތް އަންހެން ކުއްޖެކެވެ.

[މަންމަ މިއަދު ވަރަށް އުފާވެއްޖެ. ދަރިފުޅު އަމިއްލައަށް ކައިވެނީގެ ވާހަކަ ދެއްކުމަކީ، މަންމައަށް ލިބުނު ވަރަށްބޮޑު އުފަލެއް....ބައްޕަ ގާތުވެސް ބުނޭ، އޭރުންތާ ބައްޕައަށްވެސް ކަންތައްތައް ހަމަޖައްސަން އެނގޭނީވެސް.] ނާޒިމާ ފިސާރި އުފާވެފައި ހުރެމެ ވާހަކަ ދެއްކިއެވެ.

[އަހަރެން މިއަދު ބައްޕައާވެސް ވާހަކަ ދައްކާނަން...ބައްޕަ ގާތު މަންމަވެސް ބުނާތި....މަންމަ.....މިދުވަސްވަރު އެއްވެސްވަރަކަށް ނަޝާ ބާކީކޮށްގެން އެއްވެސް ކަމެއް ނުނިންމާތި. ނަޝާ ވަރަށް ބޮޑަށް ވިސްނާނެ ކުޑަމަންމަމެނާމެދު. ކޮންމެ ގޮތެއްވިޔަސް، ވިހޭ މައިމީހާ އެއީ. އެގުޅުން ނުކެނޑޭނެ. އެހެންވީމާ، އޭނައަށް ވިސްނާނެ ފުރްޞަތުދީގެނެއް ނުވާނެ.....ލޯބިދޭންވާނެ....] ނާއިލްވެސް ނަޝާދެކެ އޭނަޔާ އެއްބަނޑު އެއްބަފާ ކޮއްކޮއެކޭ އެއްފަދައިން ލޯބިވެއެވެ.

[ދަރިފުޅާ، މަންމަވެސް ތިކަމާމެދު ވަރަށް ބޮޑަށް ވިސްނަން. ޙަޤީޤަތުގައި ނަޝާގެ ޙައްޤުގައި މަންމަ ބޭނުންވޭ، ޝާޢިރާ މިގޭގައި ބަހައްޓަންވެސް. އެކަމަކު އޭނާ މިޢާއިލާއަށް ދީފައިވަނީ މަޢާފް ޙައްޤުވާވަރުގެ އަނިޔާތަކެއް ނޫން.] ނާޒިމާ ބުންޏެވެ.

ހަމަ އެދުވަހު ނާއިލް ޒޭނާއަށް ގުޅާފައި، އޭނާ ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާ ކަމަށާއި، ކައިވެންޏަށްޓަކައި ޒޭނާގެ މަންމަ ގޮވައިގެން މާލެ އައުމަށް އެދުނެވެ.

[މަންމަ ނުދާނަން މާލެއަކަށް. ދަރިފުޅު އިންނަން އުޅޭ މީހަކާ އިންނަން ދިޔަޔަސް މަންމައަށް އެންމެ ރަނގަޅު. ދެން ތިކައިވެނީގެ ޙަފްލާގައި މަންމަ ބައިވެރި ކުރަން ބޭނުމިއްޔާ، މިރަށަށް އައިސް މިރަށުގައި ކައިވެނިކުރޭ. އެހެން ނޫނަސް މާލޭ މީހަކާ ދަރިފުޅު ކައިވެނި ކުރުމަކީ މަންމަ ރުހޭ ކަމެއްވެސް ނޫން.] ޒާހިދާ ބުންޏެވެ.

ޒާހިދާގެ ދިރިއުޅުމުގައި ދިމާވެފައިވާ ހިތްދަތި މާޒީއަކީ އޭނާގެ ހިތުން ފިލައިގެންދާނޭ ކަމެއް ނޫނެވެ. އޭނާގެ މާޒީގައި ކުރެހި ބިންވަޅު ނެގިފައިވަނީ ހިތާމައާއި ހިތްދަތިކަމެވެ. އޭނާގެ ދަރިފުޅު ޒޭނާ މިއަދާ ހަމައަށް އޭނާ ގެންގުޅެމުން އައިސްފައިވަނީ ބައްޕައެއްގެ ލޯތްބާނުލާ ކަމުގައިވިޔަސް، މަންމައެއްގެ ލޯބިން އޭނާ އެދަރިފުޅުގެ ހިތް ފުރާލަދީފައިވެއެވެ.

އޭނާ އަތޮޅުން ލިބެންހުރި ތަޢްލީމީ މަރްޙަލާ ނިންމުމަށްފަހު މާލެ ދިޔައީވެސް އެމަންމަގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖައްސައިދިނުމުގެ ފޮނި އުއްމީދުގައެވެ.

[ތިހެން ނުބުނޭ މަންމާ. އަހަރެންގެ އުފަލަށް މަންމަ އެދޭ ކަމަށްވާނަމަ، އަހަންނާއެކު މަންމަ މާލެ ދާންވާނެ. އެހެން ނޫނީ އަހަންނެއްވެސް ނުދާނަން.] ޒޭނާ ފެންކަޅިވިއެވެ.

އެންމެފަހުން ޒާހިދާއަށް ޖެހުނީ އެއްބަސްވާށެވެ. ދަރިފުޅުގެ އުފަލަށްޓަކައެވެ. އެހެން ނަމަވެސް، އޭނާ ޝަރުޠުކުރީ ކައިވެނީގެ ކުރިން ނާއިލްގެ ގެޔަށް ނުދެވޭނެ ކަމަށާއި، މާލެ ގޮސް ފުރަތަމަ ތިބެންވާނީ ކުލީ ކޮޓަރިއެއްގައި ކަމަށެވެ. އެޝަރުޠުވެސް ނާއިލް ނުހަނު އުފަލާއެކު ޤަބޫލުކޮށް، ޒޭނާމެން މާލެ އަންނަންވާއިރަށް ދެކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިފިއެވެ.

ނަމަވެސް އެހާ ހިސާބަށް ކަންތައްތައް ނިންމިއިރުވެސް އޭނާ ކައިވެނި ކުރަން އުޅެނީ ޢައިޝާއާ ނޫންކަމެއް އިލްޔާސްމެނަކަށް ނޭނގެއެވެ.

[ދަރިފުޅާ ކައިވެނީގެ ކުރިން ވަރަށްގިނަ ކަންތައްތައް ކުރަންޖެހޭނެ. މަންމައާއި ނަޝާ މިއުޅެނީ ޢައިޝާ ގޮވައިގެން ބާޒާރަށް ދާން. މިހާރު ޢައިޝާވެސް އެބައުޅޭ ނަޝާއާއެކު އެކޮޓަރީގައި.] ނާޒިމާއަށް މިހެން ބުނެވުނު ވަގުތު އެތަނަށް ޢައިޝާއާއި ނަޝާ އައިސް ވަނެވެ. ވުމާއެކު، ނާއިލަށް އޭނާ ކައިވެނި ކުރަން އުޅެނީ ޢައިޝާއާ ނޫން ކަމަށް ބުނާނެ ފުރްޞަތެއް އެވަގުތު ނުލިބުނެވެ. އެވަގުތު ނާޒިމާ، މަންމަމެން ދަނީއޭ ބުނެފައި ގޭގެ ދޮރުމަތީގައި އޮތް ކާރަށް އަރައިފިއެވެ. ފަހަތުން ނަޝާއާއި ޢައިޝާވެސް އަރައިފިއެވެ.

[މަޖީދީމަގުގެ ފިހާރަތަކަށް ވަދެ އެއްޗެއް ގަނެނުލެވޭތާ އެތައް ޒަމާނެއްވެއްޖެ.] ޑްރައިވަރު ކާރު ދުއްވާލުމާއެކު ނާޒިމާ ބުންޏެވެ.

[މަންމާ ބަލާބަލަ އެހެރަ ފިހާރައިގެ ނިވަތްދަށުގައި އެއިނީ ކާކުތަ؟] މަޖީދީމަގުގެ ފިހާރައެއްގެ ކުރިމައްޗަށް ކާރު މަޑުކުރުމާއެކު، ޢައިޝާ ވާހަކަ ދެއްކިއެވެ. ޢައިޝާ އެހެން ބުނުމާއެކު، ނަޝާއާއި ނާޒިމާގެ ސަމާލުކަންވެސް އެދިމާއަށް ހުއްޓުނެވެ.

ބޯހާވާލައިގެން ބިންމަތީގައި އިށީނދެގެން އިނީ ޝާޢިރާއެވެ. ޝާޢިރާ އެނިކަމެތި ހާލުގައި އިންދާ ފެނުމާއެކު، ނަޝާގެ ދެލޯ ފެންކަޅިވިއެވެ. ޝާޢިރާ އެހާލުގައި އިންދާ ފެނުމުން، ނާޒިމާއަށްވެސް ވަރަށް ފުން އަސަރު ކޮށްފިއެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ޝާޢިރާއާ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. ޝާޢިރާގެ ފަހަތުން ނަޝާއަށްވެސް ހިނގައިގަނެވިއްޖެއެވެ. އޭރުވެސް ނަޝާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

]ޝާޢިރާ....މިތާނގައި ކީއްތިކުރަނީ؟] ނާޒިމާ ޝާޢިރާއާ އަރާހަމަކޮށް ޝާޢިރާއާ ވާހަކަ ދެއްކިއެވެ.

[ކާކުތީ!؟ ކޮންބައެއްތަތީ؟...ތީ އަހަރެން ދަންނަ ބައެއް ނޫން. ކަލޭމެން ދާންވީ...އަހަރެން ބިރުގަނޭ....އަހަރެން ސަލާމަތްކުރޭ....] ޝާޢިރާ ރޮއިގަންނަމުން ނާޒިމާމެނަށް މޫނު ފޮރުވަން މަސައްކަތް ކުރިއެވެ. ހަމައެއާއެކު، ޝާޢިރާގެ ސިކުނޑި ސަކަރާތްވެފައިވާކަން ނާޒިމާމެނަށް އެނގުނެވެ. މަންމަގެ ސިކުނޑި ސަކަރާތްވެފައިވާކަން އެނގުމާއެކު، ނަޝާއަށް ކުރިއަށްވުރެވެސް ފުން އަސަރުތަކެއް ކޮށްފިއެވެ. މަންމަގެ އެނިކަމެތި ހާލު ދުށުމަށް އޭނާއަށް ކެތްކުރެވުނީ ކުޑައިރުކޮޅަކަށެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނާ ކާރަށް އަރައިފިއެވެ.

ނަޝާ ދުއްވައިގަތުމާއެކު ޝާޢިރާ ނިކަން ބާރަށް ހޭން ފެށިއެވެ.

[އެމޮޔަ ދައްތަ ދުއްވައިގަތީ ކީއްވެ؟ އޭތް އެންމެން މިތަނަށް އާދޭ...މިހުރީ ކަލޭމެންގެ ޝާޢިރާބާނޫ....] އަނެއްކާވެސް ޝާޢިރާ ނިކަން ބާރަށް ހީނގެންފިއެވެ.

[ޝާޢިރާ...ހިނގާ ގެއަށްދާން.....] ނާޒިމާ، ޝާޢިރާގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ.

[އަހަރެންގެ ގައިގައި އަތްނުލާތި، ތީ ކާކުތަ؟] ޝާޢިރާ ފަހަތަށް ޖެހެން ފެށިއެވެ.

[މިއީ ނާޒިމާ. ޝާޢިރާގެ އެކުވެރި ނާޒިމާ. ކާރުތެރޭގައި އެއިނީ ޝާޢިރާގެ ލޯބިވާ ދަރިފުޅުވެސް. އަވަހަށް ހިނގާ ގެއަށްދާން....] ނާޒިމާ ޝާޢިރާގެ އަތުގައި ހިފަހައްޓާލިއެވެ. ނަމަވެސް ޝާޢިރާ ނިކަން ބާރަށް ނާޒިމާގެ އަތް ފޮޅުވާލުމަށްފަހު ދުއްވައިގެންފިއެވެ.

ނާޒިމާ ކާރު ޑްރައިވަރު ގާތު ޝާޢިރާ ހިފަހައްޓަން ބުނީމާ، އޭނާ މަސައްކަތް ކުރިވެސްމެއެވެ. ނަމަވެސް، އޭނާގެ އަތުގައި ދަތް އެޅުމަށްފަހު، ޝާޢިރާ ވީއްލިގަނެގެން ގޮސް ޖެހިގެން އޮތް ގޯޅި އަޅައިގެން ހިނގައްޖެއެވެ.

[ހިނގާ ގެއަށް ދަމާ.....ޝާޢިރާ އެހާލަށް ދޫކުރާކަށް އަހަންނަކަށް ކުޅަދާނައެއް ނޫން. ގެއަށް ގޮސް ޝާޢިރާ ހޯދަން އިލްޔާސާއި ނާއިލް ފޮނުވާނަން. އަޙްމަދު އަވަހަށް ކާރު ދުއްވާލާ....] ނާޒިމާ ކާރަށް އެރިއެވެ. އޭރު ކާރުތެރޭގައި އިނދެ ނަޝާ ރޮނީއެވެ. އޭނާ މަންމަދެކެ ކިތަންމެ ރުޅިއައިސްފައި ހުއްޓަސް، މަންމަ އެނިކަމެތި ހާލުގައި ހުއްޓާ ފެނުމަކީ ވަރަށް ފުން އަސަރުތަކެއް ކުރި ކަމެކެވެ. އޭނައަށްވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.

[ދަރިފުޅާ، ނަޝާ ދެރަނުވޭ. ޝާޢިރާ އެހާލުގައި ހުއްޓާ ފެނުމުން، މިމަންމައަށްވެސް ވަރަށް ފުން އަސަރުތަކެއް ކޮށްފި. މިމަންމަ މިހާރު ނިންމައިފިން، ދަރިފުޅުގެ ބައްޕައާއި ބޭބެއާ ވާހަކަ ދައްކައިގެން ޝާޢިރާ ގެއަށް ގެނެސް ބޭސްކުރަން.] ނާޒިމާ ނަޝާގެ ދެލޯ ފޮހެދެމުން ވާހަކަ ދެއްކިއެވެ.

އޭރު ގެއަށް ދިޔުމަށްޓަކައި ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. ނަޞީބު ދިމާކުރިގޮތުން، އެމީހުން ގެޔަށް ދިޔައިރު ގޭގައި އިލްޔާސް ހުއްޓެވެ. ނަމަވެސް، ނާއިލެއް ނެތެވެ. ނާއިލް ހުރީ ހޮސްޕިޓަލްގައި ޑިއުޓީގައެވެ.

[އިލްޔާސް، އެއްވެސް ކަމެއްގައި ބަދަލު ހިފުމަކީ އަހަރެން ބޭނުންވާ ކަމެއް ނޫން. މިއަދު އަހަންނަށް ވަރަށް ފުން އަސަރުތަކެއް ކޮށްފި. އަހަންނާ ދޭތެރޭ ކިތަންމެ ނިކަމެތިކޮށް ކަންތައްތައް ކުރިކަމުގައި ވިޔަސް، ޝާޢިރާ މަންމައެއްގެ ލޯބިދީގެން ނާއިލް ބަލައި ބޮޑުކުރި، މިހާރު ޝާޢިރާ އުޅެމުން އެދަނީ ވަރަށް ނިކަމެތި ޙާލެއްގައި. އެޙާލަށް ޝާޢިރާ ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން.] ޝާޢިރާއަށް އިލްޔާސް މަޢާފް ނުކުރާނެކަން އެނގިހުރެވެސް ނާޒިމާ ބުންޏެވެ. އޭރު ނަޝާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

[ނާޒިމާ، އޭނާ ކޮންމެ ޙާލެއްގައި އުޅުނަސް، އަހަރެންގެ ފަރުވާލެއްނެތް. އަހަރެން އޭނައަށް މަޢާފެއް ނުކުރާނަން. އަހަރެން ފެންނަ ހިސާބަކަށް އޭނާ ގެންނާކަށްވެސް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ޙަޔާތުން ޝާޢިރާއާއި ނާއިޝް މަރުވެއްޖެ. އަހަރެންގެ ޢާއިލާއަކީ ނާއިލާއި ނަޝާގެ އިތުރުން ނާޒިމާ....] އިލްޔާސް ބުންޏެވެ.

[ތިހެން ނުބުނޭ އިލްޔާސް...އަހަރެމެން ކިތަންމެ މަސައްކަތް ކުރިޔަސް، ނަޝާއާއި ޝާޢިރާ ދުރެއް ނުކުރެވޭނެ. އެއީ ނަޝާގެ މަންމަ. ޝާޢިރާ އެގޮތަށް މޮޔަވެ މަގުމަތީގައި މިލަޖަހައިގެން އުޅޭ މަންޒަރު ބަލާކަށް އެމަންޖެގެ ހިތަކަށް ކުޅަދާނައެއް ނުވާނެ. އިންސާނިއްޔަތަށްޓަކައި ވިޔަސް، އެދަރިފުޅުގެ ޙައްޤުގައި ޝާޢިރާ މިގެއަށް ގެނެސް، ބޭސްފަރުވާ ކުރަން އަހަރެން ވަރަށް ބޮޑަށް އެދެން. ޙަޤީޤަތުގައި އޭނާ އެޙާލުގައި އެގޮތަށް އުޅުމަކީ، މިޢާއިލާވެސް ބަދުނާމުވެގެންދާނެ ކަމެއް.] ނާޒިމާ ބޭނުންވަނީ ޝާޢިރާ އަނބުރާ އެގެއަށް ގެންނާށެވެ. ނަމަވެސް، ޝާޢިރާގެ ފިރިހެން ދަރިފުޅު ނާއިޝް އެގެއަށް ގެނައުމަކީ އޭނާ ރުހޭ ކަމެއް ނޫނެވެ.

[އެންމެ ރަނގަޅު، އޭނާ ގެނަޔަސް، އެކަމަކު އަހަރެން ފެންނަ ހިސާބުގައި އޭނާ އުޅެގެން ނުވާނެ. އޭނާގެ ފަރާތުން މިޢާއިލާއަށް އިތުރު ހިތްދަތި ކަމެއް ކުރިމަތިވެއްޖެއްޔާ، ނާޒިމާ ޒިންމާވާންޖެހޭނެ.] އިލްޔާސް އެއްބަސްވިއެވެ.

އެވަގުތު ނާޒިމާ އެގޭގައި ގެންގުޅޭ ހަތަރު މީހަކު ކާރުގައި ޝާޢިރާ ހޯދަން ފޮނުވިއެވެ. އެދުވަހު ބާޒާރު ނުކުރެވުމުން، ޢައިޝާ ގެއަށް ދިޔައީ އެރޭ އަލުން ބާޒާރަށް ދާން އަންނާނަމޭ ބުނެފައެވެ. މިހާރު އޭނާވެސް އެހުންނަނީ ވަރަށް އުފާވެފައެވެ. އޭނާ ނާއިލާ ކައިވެނި ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަތާ ލައްކަ ދުވަސް ވެއްޖެއެވެ.

އޭނާ ކައިވެނި ކުރެވޭ ވާހަކައާއި، އެޙަފްލާއަށް ދުރާލާ ތައްޔާރުވަމުންދާ ވާހަކަ، އޭނާގެ ހުރިހާ ރައްޓެހިންގެ ގާތުގައިވެސް ބުނެފިއެވެ.

[އެންމެފަހުން ޢައިޝާގެ ހުވަފެންތައް ޙަޤީޤަތަކަށްވަނީދޯ؟ ބުނެބަލަ ޢައިޝާ ވަރަށް ލޯބިވޭތަ ނާއިލްދެކެ.] ޢައިޝާގެ ބެސްޓް ފްރެންޑް ނޫރާ ވާހަކަ ދެއްކީ ޢައިޝާއާ ދިމާކުރާފަދަ ގޮތަކަށެވެ.

[ލޯބިނުވާނަމަ އަހަރެން އެހާވަރުން އެކަން ކުރާކަށް ނޫޅޭނެދޯ.] ޢައިޝާ ބުންޏެވެ. ޢައިޝާ އަބަދުވެސް ނާއިލާމެދު ދެކެމުން ދަނީ ފޮނި ހުވަފެންތަކެކެވެ. ނަމަވެސް ޢައިޝާއާމެދު ނާއިލް އެފަދަ ގޮތަކަށް ވިސްނާފައެއް ނުވެއެވެ. ނާއިލް ޢައިޝާ ދެކެނީ ކޮއްކޮއެއްގެ ގޮތުގައެވެ.

[ދަރިފުޅާ، ކައިވެނި ކުރާނޭ ތާރީޚު ކަނޑައަޅާފައި ޢައިޝާގެ ޢާއިލާއަށްވެސް އަންގަންވާނެއެއްނު. އޭރުންތާ އެމީހުންނަށްވެސް ތައްޔާރުވެވޭނީ.] އިލްޔާސް ވާހަކަ ދެއްކީ ނާއިލާއެވެ. އެއީ ނާއިލް ޑިއުޓީ ނިންމާފައި އައިސް ގެއަށް ވަން ވަގުތެވެ.

[ބައްޕާ....އަހަރެންގެ ކައިވެނީގެ ވާހަކަ ކުރިން ޢައިޝާއަށް އެނގުމުގެ މާނައެއް އޮތް ކަމަކަށް ނުފެނޭ. އަހަންނަށް މަޢާފް ކުރައްޗޭ ބައްޕާ....އަހަރެން ކައިވެނި ކުރަން އުޅެނީ ޢައިޝާއަކާ ނޫން....އަހަރެންގެ ޙަޔާތަށް ގެންނަން އަހަރެން ނިންމާފައިވާ އަންހެން ކުއްޖާއަކީ މީގެ ފަސްއަހަރު ކުރިން އަހަރެން ހޮވާފައި ހުރި ކުއްޖެއް.] ނާއިލް މިހެން ބުނުމާއެކު، އިލްޔާސާއި ނާޒިމާގެ ދެލޯ ބޮޑުވިއެވެ.

ދަރިފުޅުގެ އެޖުމްލައާއެކު އޭނާއަށް ލިބުނީ ވަރަށްބޮޑު ޝޮކެކެވެ.

[ދަރިފުޅާ....ކީކޭތަ ތިބުނީ؟ ދަރިފުޅު ޢައިޝާއަކާ ނީންނާނަމޭ، އެއީ ކީއްވެ؟] އިލްޔާސް މިހެން އަހާލި ވަގުތު، އެއަޑު އަހަން، އެގޭ ދޮރުމަތީގައި ޢައިޝާވެސް ހުއްޓެވެ. އެހިނދު ޢައިޝާއަށް ލިބުނީ އިންތިހާއީ ހިތްދަތި ކަމެކެވެ.

[އާނ...ބައްޕާ....ޢައިޝާދެކެ އަހަރެން އެއްވެސްވަރަކަށް ލޯތްބެއްނުވޭ.] ނާއިލްގެ އެޖުމްލައިން ހީވީ ޢައިޝާގެ ހިތް ތޮރުފާލިހެންނެވެ. ވަގުތުން ޢައިޝާގެ ބަޑި ފަޅައިގެންދިޔައެވެ. އިލްޔާސްމެނަށް އޭނާ އެތާ ހުރިކަން އެނގުނީވެސް އޭނާގެ ގިސްލުމުގެ އަޑާ އެކުގައެވެ.

[ޢައިޝާ....މަޑުކުރޭ ޢައިޝާ.....] ޢައިޝާ ނުކުމެގެން ދުއްވައިގަތީމާ އިލްޔާސް، ޢައިޝާ ހިފެހެއްޓިއެވެ. ނަމަވެސް، ޢައިޝާ އިލްޔާސްގެ އަތުން ވީއްލިގަތުމަށްފަހު ނިކަން ބާރަށް ދުއްވައިގަތެވެ.

[ނާއިލް ޢައިޝާ ހިފަހައްޓާ. ޢައިޝާއަށް އެވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައި.] އިލްޔާސް އެދުނެވެ. ނަމަވެސް، ނާއިލް ޢައިޝާ ހުއްޓުވާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ޢައިޝާ ރޮމުން ގިސްލަމުން އެތަނުން ނުކުމެގެން ދިޔައެވެ.

އެއީ އިލްޔާސް ވަރަށް ކަންބޮޑުވި މައްސަލައެކެވެ. އަނެއްކާވެސް އޭނާގެ ދިރިއުޅުމުގައި ހީނުކުރާކަހަލަ ކަމަކާ ކުރިމަތިލާން ޖެހުނީއެވެ. ޢައިޝާއާއި ނާއިލްގެ ކައިވެންޏަކީ، އޭނާ ވަރަށް އުއްމީދު ކުރި ކައިވެންޏެކެވެ. ނަމަވެސް، ތަޤްދީރު އެކައިވެންޏަކަށް ފުރްޞަތެއް ނުދިނެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


7

ހާޝިމް

12-May-2020

މޫސާ ކީއްވެތޯ މިހާރު މިކަހަލަ ސަޅި ފޮތެއް ނުނެރުއްވަނީ ؟


18

އަފްނާން ރަޝީދު

12-May-2020

މި ވާހަކަ އެކީ ކިޔާލަން ލިބިދާނެތޯ ؟ ވަރަށް ރީތި ފުރިހަމަ ވާހަކަ އެއް


11

ހަސަން

12-May-2020

އަސްލު ވަރަށް ސަޅި ވާހަކަ އެއް ކޮންމެ ރެއަކު ކިޔާހިތުން ހުއްޓާނިމެނީ


13

އިއބޭ

12-May-2020

މިކހަލަ ވާހަކަ އެއް ވިއްޔާ ދިގުކޮށް ޖަހައިލަބަލަ މަމެން އެހައި ދިގުއިންތިޒާރުކުރާން ދަންނަ ބައެއް ނުން އެކަމަކު ދެން ކެތް ކުރާނީ


20

ރިޔާ

12-May-2020

ހަބޭސް ވާހަކައެއް


9

ސަނާ

12-May-2020

ވަރަށް ރީތި ވަރަށް ފުރިހަމަ ގެނެސްދީފައިވާގޮތް ވެސް ވާހަކަ އެއްގެފުރިހަމަކަން އެބަފެނޭ މި ވާހަކައިން


11

ރިސާމާ

12-May-2020

ތިއުޅެނީ އަނެއްކާ ޝާއިރާގެ ދުއްޕާން ޖެހެން ވަރަށް ސަޅި މިވާހަކަ



ޓްރެންޑިން