ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށްސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އަދި މިދިޔަ ޖެނުއަރީމަހު ހައިކޯޓުން ވަނީ އެ ހުކުމަށް ތާއީދުކޮށްފައެވެ.

ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް އަންނަ މަހުގެ 12 އަދި 13 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ އިތުރުން، އެމަނިކުފާނާއި ދެކޮޅަށް އިތުރު މައްސަލަތަކެއް ކޯޓުގައި ދަނީ ހިންގަމުންނެވެ. އަދި 5 މިލިއަން ޑޮލަރު ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން