އަލިފުށީ އެއަރޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުން
އަލިފުށީ އެއަރޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުން
ރ. އަލިފުށީގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް އެމްޓީސީސީ އާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަކްޗަރގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މިމަޝްރޫޢުގެ ދަށުން ރ. އަލިފުށީ ގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 10 ހެކްޓަރުގެ ބިމަކީ އެރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޙާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްޤީކުރުމަށް ހިއްކޭ ބިމެކެވެ.

މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއްވެސް ޤާއިމްކުރެވިގެން ދާނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މި މަޝްރޫއު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 451.6 މިލިއަން ރުފިޔާއަށެވެ. މިއީ 750 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢަކީ އަގުގެ ގޮތުންނާއި، މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން އެކުންފުންޏާއި ހަވާލުކުރެއްވި އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން