މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މަސައްކަތެރިންނާ ގުޅޭ އެކި ޖަމުޢިއްޔާ ޖަމާޢަތްތައް ތަމްޞީލުކުރުމަށް އެކުލަވާލައިފައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމް.ޓީ.ޔޫ.ސީ) ގެ މެންބަރުންނާ ބައްދަލުކުރައްވައި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓް ކުރަށްވަމުން ގެންދަވާކަމަށް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެމް.ޓީ.ޔޫ.ސީ ގެ މެންބަރުން ވަނީ މަސްވެރިކަމާއި، ތަޢުލީމާއި، ޞީއްޙީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެެވެ. މިގޮތުން ހުރިހާ ބޭފުޅުން ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމާއި ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެބޭފުޅުން ވިދާޅުވިގޮތުގައި އިންޓަރނޭޝަނަލް ލޭބަރ ރިލޭޝަންސް (އައި.އެލް.އޯ) ގެ ފަންނީ ލަފަޔާއެކު 2013 ވަނަ އަހަރު ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ ޑްރާފްޓެއް އެކުލަވާލައިފައިވާކަމަށާއި، ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ޙައްލު ލިބެން އޮތީ މި ޤާނޫނު ވުޖޫދުވެގެން ކަން ފާހަގަކުރައްވާފައެވެ.

އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައި ވިދާޅުވެ ވީހާވެސް އަވަހަކަށް ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށްފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާއެކީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނު ވަނީ ވަކި ވަކި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން