އަފްޣާނިސްތާން | ފޮޓޯ: ސޯޝަލް މީޑިއާ
އަފްޣާނިސްތާން | ފޮޓޯ: ސޯޝަލް މީޑިއާ
އަފްޣާނިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ އަލީ ޝާފިއުގެ ޢާއިލާ މިނިވަންވެއްޖެއެވެ.

ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ ކުރީގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އަކީ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ތަހްގީގްކޮށް އެޤައުމުގެ ސުޕްރީމްކޯޓުން ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދެމަފިރިންކަމަށާއި، އެމީހުންގެ ހަތަރު ދަރިންވެސް ތިބީ ޖަލުގައިކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ޝާފިއު ގެ އާއިލާއާ ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި، ޝާފިއު އާއި އޭނާގެ އާއިލާ މިނިވަންވީ އަފްޣާނިސްތާނުގެ ވެރިކަން ބަދަލުވުމުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް ކޯޓުން މުރާޖައާކުރުމަށް ފަހުގައެވެ. އެހެންނަމަވެސް އަފްގާނިސްތާނުގެ ހާލަތު ގޯސްވެ އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެ އާދެވޭނެ ގޮތެއް ނެތް ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނެފައި ވެއެވެ.

ޝާފިއުއާއި އޭނާގެ އަނބިމީހާއާއި ހަތަރު ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު 18 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުމާއި ގުޅިގެން ޝާފިއުއާއި އޭނާގެ އަނބިމީހާގެ މައްޗަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާކަމުގެ މައުލޫމާތު ހާމަކޮށް، އެކަމުގެ ތަފްސީލްތައް 2019 ޑިސެންބަރު 03 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ފުލުހުން އާންމުކޮށްފައި ވެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއް ކަމަށާއި، ޝާފިއު އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީއަށް ދިއުމަށް ފުރަން އުޅެނިކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން 2015ވަނަ އަހަރުގެ ފެބްރުއަރީ 09 ވަނަ ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ. ޝާފިއުއަކީ ހަތިޔާރު ގެންގުޅެ ފޮރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 2015 ސެޕްޓެމްބަރު 30 ވަނަ ދުވަހު ހައްޔަރުކުރި މީހެކެވެ. މިގޮތުން ބ. ހިބަޅިދޫ ކައިރީ ކަނޑުތެރެއިން ފެނުނު ހަތިޔާރާއި، ގޮވާތަކެއްޗާއި ގުޅުންހުރި ބައެއް ތަކެތި ޝާފިއުގެ އަތުން ފެނުނު ނަމަވެސް އެމައްސަލައިގައި ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު ޝާފިއު ވަނީ ބަންދުން ދޫކޮށްލާފައެވެ.

އޭގެފަހުން 2018 ޖޫން 23 ވަނަ ދުވަހު ޝާފިއު ވަނީ އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާއިއެކު ބޭސްފަރުވާކުރުމަށް ސްރީލަންކާއަށް ގޮސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް އެތެރެވެފައެވެ. ޝާފިއު ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކުރިކަމުގެ މަޢުލޫމާތު ފުލުހުނަށް ލިބުމާއި ގުޅިގެން ބޭރުގެ ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ގުޅިގެން ބެލިބެލުމުން އޭނާ ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބުނެވެ. އޭގެފަހުން 2018 ނޮވެމްބަރު 11 ވަނަ ދުވަހު ޝާފިއުއާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ވަނީ ހައްޔަރުކޮށްފައެވެ.

ޝާފިއުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އަފްޣާނިސްތާނުގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އެމައްސަލަ ތަހްގީގުކޮށް، ޝަރީއަތް ހިންގުމަށްފަހު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން