ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު
ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގުކަން ސާބިތުކުރަން ހަތްފަހަރު ހުވާ ކުރަން ތައްޔާރު ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު މި ބީދައިން ވިދާޅުވީ، އޭނާ ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ދޭހަވާ މޭރުމަކުން ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކު ހުވާ ކުރައްވައި އިއްޔެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޢަލީ ޒާހިރު ވިދާޅުވީ، އެވާހަކަތަކަކީ ދޮގެއްކަން ސާބިތުކޮށްދިނުމަށް 7 ފަހަރަށް ހުވާކުރަން ތައްޔާރު ކަމަށާއި، ނަމަވެސް ހެކި ދެއްކުމަކީ މައްސަލަ ހުށައަޅާ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތުކުރާ ފަރާތުން އަދި ހެކި ނުދައްކާ ކަމަށާއި، ހެކި ދެއްކުމުން 7 ފަހަރު ހުވާ ކުރާނެ ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ޒާހިރު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކުގައި އަސްލު އޯޑިއޯއެއް ނޯންނާނެ ކަމަށާއި، އެފަދަ އޯޑިއޯއެއް ލީކު ވެއްޖެނަމަ އިސްތިޢުފާ ދެއްވާނެ ކަމަށެވެ.

"އަސްލު އޯޑިއޯއެއް ނުހުންނާނެ. ލީކެއް ނުވާނެ. ނެތް އެއްޗެއް ލީކެއް ނުވާނެތާ." ޢަލީ ޒާހިރު މިއަދު ވިދާޅުވެފައިވެއެވެ.

ކޯޓުތަކާ ގުޅުވައިގެން އޭނާ އަށް ނިސްބަތްކޮށް ކުރަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށާއި، ނަމަވެސް އޭނާގެ ނަން މިކަމުގައި އަންނަންވީ ސަބަބެއް ނުވިސްނޭ ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެފަދަ ތުހުމަތު ކުރަށްވާ ފަރާތްތަކަކީ ވަރަށް ފިނޑި ބައެއް ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

"ކީއްވެހޭ އަޅުގަނޑު؟ އަޅުގަނޑަކަށް ނޭނގެ!" ފެތުރިފައިވާ އަޑުތައް ދޮގުކުރަށްވަމުން ޢަލީ ޒާހިރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން