މިނިސްޓަރ އަސްލަމް
މިނިސްޓަރ އަސްލަމް
މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިހާރުވެސް 251 ޕްރޮޖެކްޓެއް ކުރިއަށް ގެންދާކަމަށް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި މެމްބަރުންގެ ފަރާތުން މިނިސްޓަރ އަސްލަމާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމްގެ ފަރާތުން ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާ ސަބަބާއި، އަމަލީ މަސައްކަތް ފެށޭނެ ދުވަހާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ފޭދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ސާރވޭ ނިމިފައިވާކަަމަށާއި، ޕަމްޕް ސްޓޭޝަން ތަކާއި، އޮފީސް އިމާރާތް އެޅުމަށް ބިން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މަޝްރޫއުގައި 180 ދުވަސް ޑިޒައިން ފޭސްއަށް ކަނޑައަޅާފައިވާއިރު، އެއްކޮށް މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ ދޮޅު އަހަރުންނެވެ. އެ މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވާފައިވެއެވެެ.

ބިލެެތްފަހީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ، ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއްކަމަށާއި، ދެފަހަރެއްގެ މަތިން ޓެންޑަރަށް ހުޅުވާލި ކަމަށެވެ. އެހެންނަމަވެސް އެކަށީގެންވާ ކޮންޓްރެކްޓަރެއް އަދި ލިބިފައި ނުވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ދެން ބަލަން ޖެހޭނީ، އެސްއޯއީއަކާ ހަވާލުކޮށްގެން މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަމަށެވެ. ބިލެތްފަހި ހިމެނޭ ގޮތަށް 11 ރަށެއްގެ ފެނާއި ނަރުދަމާ ވެސް މީގެތެރޭގައި ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މެމްބަރުންވަނީ އެ މެމްބަރުންގެ ދާއިރާގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، އެ މަޝްރޫއުތަކާ ގުޅޭ ގޮތުން މެމްބަރުންނަށް ވަކިން ބައްދަލު ކުރެއްވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން