14 ވަނަ އެޕިސޯޑް

==========

އޭނާ ހީކުރިއެވެ. ނާއިލް ޢައިޝާއާ ދޭތެރޭ ދެކެމުން އައިސްފައިވަނީ މުސްތަޤްބަލްގެ ބައިވެރިޔާގެ ގޮތުގައެވެ. ނަމަވެސް، މިއަދު މިވަނީ ނާއިލް ޢައިޝާއާމެދު ދެކޭގޮތް އެނގި ސާބިތުވެފައެވެ.

[ނާޒިމާ...އަނެއްކާވެސް އަހަންނަށް މިކުރިމަތިވީ ވަރަށްބޮޑު މާޔޫސްކަމަކާ. އެކަމަކުވެސް ނާއިލާ ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު އަހަރެން ވަރަށް ދެރަވެއްޖެ.] އިލްޔާސް މާޔޫސްވެފައި ހުރެ ނާޒިމާއާ ވާހަކަ ދެއްކިއެވެ. އޭރު ނާއިލް، އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ޝާޢިރާ ހޯދަންދިޔަ މީހުން ޝާޢިރާ ގޮވައިގެން އައިސް އެގެއަށް ވަނީ އެވަގުތެވެ. އޭރު ފެން ނުވަރާތާ ގިނަ ދުވަސްވުމުގެ ސަބަބުން ޝާޢިރާ ލައިގެން ހުރި ހެދުމުން ވަރަށް ނުބައިވަސްވެސް ދުވައެވެ. ޝާޢިރާ ގެނައުމާއެކު ޝާޢިރާ ފެންވަރުވަން ފާޚާނާއަށް ގެންދަން ނާޒިމާ ޙަވާލުކުރީ އެގޭގައި އުޅޭތާ އެންމެ ގިނަދުވަސްވީ އަންހެން މީހާ މަރީނާއާއެވެ.

[ޝާޢިރާ....ހިނގާ ފެންވަރަން ފާޚާނާއަށް.] މަރީނާ ޝާޢިރާގެ އަތުގައި ހިފެހެއްޓިއެވެ.

[ކަލޭތީ ކާކު...އަތުން ދޫކުރޭ....އަހަރެން މިއައީ ދެންމެ ފެންވަރައިގެން...ކަލެޔާއެކު ނުދާނަން...އަހަރެން ދާނީ...އެބޭބެއާއެކު....] ޝާޢިރާ އިޝާރާތްކުރީ ކުރިމަތީގައި ހުރި އިލްޔާސަށެވެ. އިލްޔާސް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން އޭނާ ޝާޢިރާ ފެންނަފަށުން ދުރަށް ދިޔައެވެ.

އެތައް މަސައްކަތަކަށްފަހު ޝާޢިރާ ފެންވަރަން ދިޔައީ އޭނާގެ ދަރިފުޅު ނަޝާއާ އެކުގައެވެ.

ނާޒިމާގެ ކޮއްކޮ ޔޫސުފްވެސް ފަރުވާއަށްފަހު މާލެ އައި ދުވަހަކީ އެއީއެވެ. ޔޫސުފް ފެނުމުން ނާޒިމާއަށް ލިބުނީ ބަޔާން ކުރަންވެސް ދަތި އުފާވެރި އިޙްސާސްތަކެކެވެ.

ހިތުގައި ރަޙުމް އުފެދިގެން ކަމަށްވިޔަސް ނާޒިމާ އަލުން އެގެއަށް ޝާޢިރާ ގެނައުމަކީ އިލްޔާސް ވަރަށް ހިތްހަމަނުޖެހޭ ކަމެކެވެ.

އިލްޔާސް ޤަބޫލުކުރަން ބޭނުންވަނީ އެޙާލުގައި ހުރެވެސް އޭނާ، އެޢާއިލާގެ އުފާތަކަށް ހުރަސްއަޅާފާނެ ކަމަށާއި، ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެ ކަމަށެވެ.

[ނާޒިމާ...ޝާޢިރާ ރަނގަޅެއް ނުވާނެ. އޭނާ އެޙާލުގައި ހުރެވެސް މިޢާއިލާއަށް ގެއްލުންދޭނެ. އޭނާއަށް ފާރަވެރިވެ ބަލަންވާނެ.] އިލްޔާސް ނާޒިމާ ގާތު ބުންޏެވެ. މެދުގޭތެރޭގައި ހުރި ފޯނު ރިންގްވާން ފެށީ އެވަގުތެވެ. ފޯނު ނެގީ ސީދާ އިލްޔާސެވެ. އެކޮޅުން ވާހަކަ ދެއްކީ ޢައިޝާގެ ޢާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހެކެވެ.

[އިލްޔާސް...ޢައިޝާ ކާރު އެކްސިޑެންޓް ވެއްޖެ. ޢައިޝާގެ ޙާލު ވަރަށް ސީރިއަސް.] އެކޮޅުން ވާހަކަ ދެއްކި މީހާ މިހެން ބުނެފައި ފޯނު ބޭއްވިއެވެ.

އިލްޔާސް ވަގުތުން ގުޅީ ޢައިޝާގެ ބައްޕައަށެވެ. ނަމަވެސް އޭނާގެ ފޯނަކުން ޖަވާބެއް ނުދެއެވެ. ވުމާއެކު އިލްޔާސް ކާރަށް އަރައިގެން ދިޔައީ ހޮސްޕިޓަލަށެވެ. ނަޞީބު ދިމާކުރިގޮތުން އޭނާ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ދިޔައިރު ޢައިޝާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް ވަރަށް ހާސްވެފައި ތިއްބެވެ.

ޢައިޝާ އެކްސިޑެންޓްވިކަން އެނގުމުން ނާއިލްވެސް ވަރަށް ދެރަވިއެވެ. ޙަޤީޤަތުގައި ޢައިޝާއަކީ އޭނާ ވަރަށް ގާތްކޮށްދެކޭ ކުއްޖެކެވެ. އޭނާގެ ހިތުގައި ޢައިޝާއާމެދު ޢިޝްޤީ ލޯބި އުފެދިފައި ނުވިޔަސް، އެއީ އޭނާއާ ވަރަށް ގާތް އަންހެން ކުއްޖެކެވެ.

[ޢައިޝާ އެކްސިޑެންޓް ވެއްޖެ.] ނާއިލް ޢައިޝާ އެކްސިޑެންޓްވި ޚަބަރު، އޭނާގެ ލޯބިވެރިޔާ ޒޭނާއަށް ދިނެވެ. މިހާރު ޒޭނާ އެދަނީ އޭނާގެ މަންމަވެސް ގޮވައިގެން ކައިވެންޏަށްޓަކައި މާލެ ދިޔުމަށް ތައްޔާރުވަމުންނެވެ.

ހަމަގައިމުވެސް ޔަޤީންވާ ކަމަކީ ނާއިލްގެ ލޯބިވެރިޔަކީ އެގޭ ގެންގުޅޭ ކުއްޖެއްކަން އެނގޭ ހިސާބުން އެޢާއިލާ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާނެކަމެވެ. އިލްޔާސްވެސް އަދި ނާޒިމާވެސް ނާއިލާމެދު ކުރަނީ ވަރަށް ފޮނި އުއްމީދުތަކެކެވެ. ކުރަނީ ފޮނި އިންތިޒާރުތަކެކެވެ. ކުރިން އިލްޔާސް ޔަޤީންކޮށްގެން ހުރީ އޭނާ ދައްކާ ކޮންމެ މީހަކާވެސް ނާއިލް ކައިވެނިކޮށްފާނެ ކަމަށެވެ. ނަމަވެސް، އެކަން މިހާރު ވަނީ ބަދަލުވެފައެވެ.

[ޒޭނާ ކޮންއިރަކުންތަ އަންނަނީ...މިހާރު އަހަރެން މިދަނީ ކައިވެންޏަށްޓަކައި ހުރިހާ ކަމެއްވެސް ތައްޔާރު ކުރަމުން.] ނާއިލް ބުންޏެވެ.

[މިހާރު ދަތުރު ހަދަމުން މިދަނީ. ނާއިލްގެ ބައްޕަމެން ގާތު ބުނެފިންތަ، ނާއިލް އިންނަން އުޅެނީ އަހަންނާއޭ. ފަހަރެއްގައި އަހަރެން ކަހަލަ ނިކަމެއްޗަކާ އިންނަން ތިޢާއިލާއިން ވަރަށް ބޮޑަށް ދެކޮޅުހަދާފާނެއެއްނު.] ޒޭނާ ފަހަރެއްގައިވެސް އޭނާގެ ނިކަމެތިކަން ހަނދާންނައްތައެއް ނުލައެވެ.

[އަހަންނާ ޒޭނާ ވަކިކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ. އަހަންނަކަށް ޒޭނާގެ ލޯތްބާނުލާ ޒަވާޖީ ޙަޔާތެއް ފަށައިގެން، ދިރިއުޅުމައިގެން ކުރިއަކަށް ނުދެވޭނެ.] ނާއިލް ޒޭނާދެކެވަނީ ތެދުވެރި ލޯތްބެވެ.

އޭނާ އުއްމީދު ކުރެއެވެ. އެލޯތްބަށް ހުރަސްއަޅާނޭ އެއްވެސް މީހަކު ނުހުންނާނެއެވެ.

[އެކަމަކު ނާއިލް، އަހަރެމެން މާލެ ދިޔުމުގެ ކުރިން ނާއިލްވާނެ ނާއިލްގެ ބައްޕަމެނާ ވާހަކަ ދައްކަން. މިހާރު ނާއިލް މަންމަވެސް ހުންނާނެތާ. މަންމަ ރުހޭނެ ކަމަށް ވަރަށް ބޮޑަށް އުއްމދު ކުރަން.] ޒޭނާ ބުންޏެވެ. ޙަޤީޤަތުގައި ޒޭނާ ބޭނުންވަނީ ޢާއިލާގެ ރުހުން ލިބުމުން ނޫނީ މާލެވެސް ނުދާށެވެ.

[ކަންބޮޑުނުވޭ ޒޭނާ. އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.] ނާއިލް މިހެން ބުނެފައި ފޯނު ބޭއްވީ އެވަގުތު އެތަނަށް އޭނާގެ ބައްޕަ އައިސް ހުއްޓުނީމައެވެ.

[ދަރިފުޅާ....ޢައިޝާއަށް ދިމާވިގޮތުން ބައްޕަ މިހުންނަނީ ވަރަށް ދެރަވެފައި. އެމީހުންނަށް ދައްކާނޭ މޫނެއްވެސް ބައްޕައަކަށް ނޭނގެ....ދަރިފުޅުގެ ނިންމުމާ ބެހޭގޮތުން އަދި ބައްޕަ އެއްވެސް ވާހަކައެއް ނުދައްކަން.] އިލްޔާސް ހުރީ ނާއިލްގެ ނިންމުމުގެ ސަބަބުން ޢައިޝާގެ ޢާއިލާއާ ކުރިމަތިލާންވެސް ނުކެރިފައެވެ.

[އަދި މިދަނޑިވަޅު އެއްވެސް ވާހަކައެއް ދެއްކުން ރަނގަޅެއް ނުވާނެ. ޢައިޝާގެ ޙާލު ހިސާބަކަށް ރަނގަޅުވެ، ޢާއިލާއަށް ހަމަޖެހުން ލިބުނީމާ ނޫނީ ތިވާހަކަ ދައްކާކަށް ނުފެނޭ.] ނާއިލް ބުންޏެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ގޮސް މިހާރު ޢައިޝާގެ ޙާލުވެސް ހިސާބަކަށް ރަނގަޅުވާން ފަށައިފިއެވެ.

ނަމަވެސް، އަދި ޢައިޝާއަކާ އެއްވެސް މީހަކު ނާއިލްގެ ނިންމުމާ ބެހޭގޮތުން އިތުރަކަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. ޢައިޝާގެ ބައްޕަ އިސްމާޢީލްގެވެސް އުއްމީދަކީ އޭނާގެ ދަރިފުޅުގެ ކައިވެނި ނާއިލާ ކުރެވުމެވެ.

[ދަރިފުޅާ...ދަރިފުޅު ހޮސްޕިޓަލުން ދޫކުރަންވާއިރަށް ބައްޕަމެން މިދަނީ ކައިވެނީގެ ހުރިހާ ކަމެއް ތައްޔާރު ކުރަމުން. ދަރިފުޅު ގާތު ނާއިލް ކައިވެނީގެ ވާހަކަ ނުބުނޭތަ؟] ޢައިޝާ އޮތް އެނދުގެ މަގަތުގައި އިށީނދެ ދަރިފުޅުގެ ނިތްކުރީގައި އިސްމާޢީލް ފިރުމާލިއެވެ. ހަމައެޔާއެކު، ޢައިޝާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.

[ދަރިފުޅާ ކިހިނެއްވީ...ދަރިފުޅު ކަމަކާ ހިތްހަމަނުޖެހެނީތަ؟ ބުނެބަލަ.] ޢައިޝާ އެނބުރުނު ގޮތުން އިސްމާޢީލަށް ޝައްކުވިއެވެ. އޭރު ޢައިޝާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަން ފަށައިފިއެވެ.

[ދަރިފުޅާ...ނުރޮއި ބުނެބަލަ ކިހިނެއްވީތަ؟] އިސްމާޢީލް އަނެއްކާވެސް ޢައިޝާގެ ބޮލުގައި އަތް ކާއްތާލިއެވެ.

[ބައްޕާ....އަހަރެން ނާއިލަކާ ނީންނާނަން. ނާއިލާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. ބައްޕާ....ނާއިލް ގާތު ބުނޭ، އަހަރެން ނާއިލާ އިންނާކަށް ބޭނުމެއް ނޫނޭ...] މިހެން ބުނެވުމާއެކު، ޢައިޝާގެ ބަޑި ފަޅައިގެންދިޔައެވެ. ދަރިފުޅުގެ އެޙަރަކާތުން ކޮންމެވެސް ކަމެއް ސިއްރުކުރާކަން އިސްމާޢީލަށް އެނގުނެވެ. ވުމާއެކު، އޭނާ ތަކުރާރުކޮށް ސުވާލުކުރިވެސްމެއެވެ.

[ބައްޕާ، އަހަންނާ އިތުރަށް ސުވާލު ނުކުރޭ. ބައްޕަ އަހަރެންދެކެ ލޯބިވަންޏާ، އަހަރެންގެ މިނިންމުން ނާއިލްމެނަށް ފޯރުކޮށްދީ....] ޢައިޝާ އަތުގެ ނުފުށުން ދެލޯ ފޮހެލަމުން ވާހަކަ ދެއްކިއެވެ.

ޢައިޝާ އެގޮތަށް ޢަމަލު އެކުރީ، އޭނައާއި ނާއިލްގެ ސަބަބުން އެދެޢާއިލާގެ ގުޅުމަށް ހުރަސްއެޅެން ބޭނުންނުވާތީއެވެ. އޭނާ ބޭނުންވަނީ ޢާއިލީ މަޞްލަޙަތެވެ. އޭނާ ނާއިލްދެކެ ކިތަންމެ ލޯބިވިޔަސް، ނާއިލް އޭނާއާމެދު ދެކެނީ ކޮންގޮތަކަށްކަން އޭނާއަށް މިހާރު އެނގި ސާބިތު ވެއްޖެއެވެ. އޭނާ ކިތަންމެ ލޯބިވިޔަސް، ނާއިލް އޭނާދެކެ ލޯބިނުވާކަންވެސް އޭނާއަށް މިހާރުވަނީ ކަށަވަރުވެފައެވެ.

[ޢައިޝާ....ކީއްވެތަ ތިހާ ފަސޭހައިން ހަތިޔާރު ބެހެއްޓީ. ލޯބި ޙާޞިލް ކުރުމަށް އެއްވެސް ވަރަކަށް މަސައްކަތެއް ނުކޮށް ލޯބި ކަފުންކޮށްލަން ތި ނިންމީ....ޢާއިލީ މަޞްލަޙަތަށް އެހެން މީހުން ނުބެލިއިރު، ޢައިޝާ ވަކި ބަލަންޖެހޭ ސަބަބެއް އަހަންނަކަށް ނުފެނޭ.] ޢައިޝާއާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ސީނާއެވެ. މިހާރު ޢައިޝާ އޮތް ޕްރައިވެޓް ކޮޓަރީގައި އެތިބީ އެދެއެކުވެރިން އެކަންޏެވެ.

[އަހަރެން ކިތަންމެ ލޯބިވިޔަސް، އެލޯތްބެއް އަހަންނަކަށް ނުލިބޭނެ ސީނާ.] އަނެއްކާވެސް ޢާއިޝާގެ ދެލޯ ފެންކަޅިވިއެވެ.

މިހާރު ނާއިލް ވިސްނަމުންދަނީ އޭނާގެ ޙަޔާތަށް ގެނައުމަށް ނިންމާފައިވާ އަންހެން ކުއްޖާގެ މަޢްލޫމާތު، އޭނާގެ ޢާއިލާއަށް ކިޔައިދޭނެ ގޮތަކާ މެދުގައެވެ. އެހެންވެ މެންދުރުގެ ކެއުމަށްފަހު، އޭނާ އެކަމަށް އިޝާރާތް ކުރަން ފެށިއެވެ.

އެގެއަށް ޢައިޝާގެ ބައްޕަ އިސްމާޢީލް އައިސް ވަނީ އެވަގުތެވެ. އެގެއަށް އިސްމާޢީލް އައިސް ވަންއިރު، އޭނާގެ މޫނުމަތީގައި ރޫޙެއް ނެތެވެ. އެހެންވެ އިލްޔާސް ވަރަށް ކަންބޮޑުވިއެވެ. އޭނާ ހީކުރީ ޢައިޝާ ނާއިލްގެ ނިންމުމުގެ ވާހަކަ ކިޔައިދިނުމުން، އެކަމާ ހިތްހަމަނުޖެހިފައި ހުރީ ކަމަށެވެ.

[އިލްޔާސް...މިއަދު މިވާހަކަ ދައްކަން އަހަރެން ދެރަވެސްވޭ. ލަދުވެސްގެނޭ. މިދެޢާއިލާއަކީ އަހަރެމެންގެ ޅަޢުމުރުއްސުރެން ލާމެހިފައިވާ ދެޢާއިލާ. މިހެން ކަންތައް މެދުވެރިވެދާނެ ކަމަކަށް ކުރިން އަހަރެންގެ ހިތަކަށްވެސްނާރާ. ދަރިފުޅާ، ނާއިލް އިސްމާޢީލްބެވެސް މިއަދު މަޢާފަށް އެދެން. ކައިވެނީގެ ހުރިހާ ކަމެއްވެސް ތައްޔާރުވެފައިވާކަން އެނގޭ. އެކަމަކު...ހިއެއްނުވޭ ޢައިޝާއަކީ ގޮތްދޫކުރާނެ ކުއްޖެއްހެނެއް...] އިސްމާޢީލް ފުން ނޭވާއެއްލިއެވެ.

[އިސްމާޢީލް ކީކޭތަ ކިޔަން ތިއުޅެނީ...އަހަރެމެންވެސް މިތިބ ވަރަށް ކަންބޮޑުވެފައި. އަހަރެންވެސް ނޭދެން މިކަމުގެ ސަބަބުން ޢާއިލީ ގުޅުމަށް ބުރޫއަރާކަށް.] އިލްޔާސް ހީކުރީ ނާއިލް ޢައިޝާއާ އިންނަން ބޭނުންނުވާކަން، ޢައޝާގެ ފުށުން އިސްމާޢީލަށް އެނގިގެން އުޅެނީ ކަމަށެވެ.

[އިލްޔާސް....އަހަރެން ބުނަން މިއުޅެނީ ޢައިޝާ މިހާރު ނާއިލާ އިންނަން ދެކޮޅުހަދާ ވާހަކަ. ފަހަރެއްގައި ވެދާނެ، އެމަންޖެ ހިތްއެދޭ އެހެން ކުއްޖަކު ހުރީ ކަމަށްވެސް. އެމަންޖެ ބުނީ، އެމަންޖެ ބޭނުމެއް ނޫނޯ ކައިވެނިކުރާކަށް.] އިސްމާޢީލް ފުން ނޭވާއެއްލިއެވެ.

[އެއީ ކީއްވެ؟ ނީންނާނަމޭ ބުނީ. ޙަޤީޤަތަށް ބުނިނަމަ މާރަނގަޅެއްނުން. ކޮންކަމެއްތަ ފޮރުވަނީ.] ޢައިޝާގެ ރަޙްމަތްތެރިޔާ ސީނާ ވާހަކަ ދެއްކީ ޢައިޝާއާއެވެ.

[ބަލަ އަހަރެން ކިތަންމެ ވަރަކަށް އިންނަން އުޅުނަސް ނާއިލް އިންނަން ނެތިއްޔާ ކިހިނެއްތަ އެކަން ކުރާނީ؟] ޢައިޝާ، އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލައިފިއެވެ.

[ޢައިޝާ ތިޔަކަހަލަ ކަންކަމުގައި ތިޔަހާ ފަސޭހައިން ހަތިޔާރު ބަހައްޓާކަށް ނުވާނެ. މިހާރު ޢައިޝާ ތިމަސައްކަތް ކުރަނީ ނާއިލްގެ އުފާތަކަށް ފަހިކުރަން. ހަމަގައިމުވެސް އަހަރެންނަމަ ދުލެއް ނުކުރާނަން.] ސީނާ ބުންޏެވެ.

ތެދެކެވެ. ސީނާވަނީ ފާއިތުވެދިޔަ ތަނުގައި އެކަން ސާބިތުވެސް ކޮށްދީފައެވެ. ސީނާއަށް އޭނާގެ މިހާރުގެ ލޯބިވެރިޔާ ރިޝްވާން ކާމިޔާބު ކުރެވުނީ، އެތަކެއް މަސައްކަތްތަކެއް ކުރެވިގެންނެވެ.

ފުރަތަމަ ރިޝްވާނަށް ލޯބި ހުށަހެޅީވެސް ސީދާ ސީނާއެވެ. ނަމަވެސް ފުރަތަމަ ރިޝްވާން އެކަމަށް އިންކާރު ކުރީ އޭނާ އެވަގުތު އެހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެފައެވެ. ނަމަވެސް، ސީނާ ގޮތްދޫނުކޮށް ރިޝްވާނަށް ގުޅުމުގެ ނަތީޖާއަކަށްވީ ރިޝްވާންގެ ހިތުގައި ސީނާއަށްޓަކައި މުހިއްމު މަޤާމެއް ކަށަވަރުވުމެވެ.

މިހާރު ރިޝްވާންދެކެ ސީނާ ލޯބިވާ މިންވަރަށްވުރެން މާބޮޑަށް ސީނާދެކެ ރިޝްވާން ލޯބިވެއެވެ.

[ސީނާ، ކޮންމެ އަންހެނަކީ ތިޔަކަހަލަ ހިތްވަރުގަދަ އަންހެނަކަށް ނުވާނެއެއްނު. އަހަންނަކަށް ގަދަކަމުން ލޯތްބެއް ހޯދާކަށް މަސައްކަތެއް ނުކުރެވޭނެ. އަހަރެން އަޑުއަހަން ހުއްޓައޭ އޭނަ ބުނީ އޭނާ މިހާރު ލޯބިވާ ބައިވެރިޔާގެ ލޯތްބާނުލާ އޭނައަށް ދިރިއުޅެން އުނދަގޫވާނެ ވާހަކަ.] ޢައިޝާ ބުންޏެވެ.

[ދެން ކީއްވެތަ ޢައިޝާ ތިކަން ޢައިޝާގެ ބައްޕަމެނަށް ސިއްރު ކުރަނީ؟] ސީނާ އެއްސެވެ.

[ދެއާއިލާގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް އަންނާކަށް އަހަރެން ނޭދޭތީ. އަހަރެންގެ މަންމަގެ ދުނިޔޭގައި އަބަދުވެސް މަންމަ ބުނަމުން އަންނަ ވާހަކައެއް، ދެޢާއިލާގެ ގުޅުމަށް ހުރަހެއް އެޅިގެން ނުވާނެޔޭ.] ޢައިޝާ އަބަދުވެސް އޭނާގެ މަންމަގެ ވާހަކަ ހަނދާން ބަހައްޓައެވެ.

[ބަލަ ޢައިޝާ، ޢައިޝާގެ މަންމަގެ މަޤްޞަދަކަށްވެސް ވެފައިވަނީ ޢައިޝާއާއި ނާއިލް ކައިވެނި ކުރުވަން. އެކަމަކު މިއަދު ތިދައްކަނީ ޢާއިލީ ގުޅުން ބަދަހިކުރުމުގެ ބަދަލުގައި ދުރަށްޖެހޭ ވާހަކަ. ބުނެބަލަ، ނާއިލް މިހާރު ރައްޓެހިވެގެން އުޅެނީ ކާކާތަ؟] ސީނާ އެއްސެވެ.

[ނޭނގެ. އެގޭ އެއްވެސް މީހަކަށް އެނގުނު ކަމެއްވެސް ނޭނގެ. އޭނާގެ ބައިވެރިޔާއަކީ ހުވަފެނީ މީހަކަށްވެސް ވެދާނެއެއްނު.] ޢައިޝާ ބުންޏެވެ.

ހިތާއި ހިތުގެ އިޙްސާސްތަކާ ދެކޮޅަށް ޢައިޝާ ނާއިލާ ވަކިވި ކަމުގައިވިޔަސް، އޭނާގެ ހިތް ހީވަނީ އެތެރެހަށީގައި އޮބިނޯވެގެން އުޅޭހެންނެވެ. ހިތް ގިސްލާ ރޮއި އާދޭސް ކުރަމުން ދަނީ ނާއިލްގެ އޯގާތެރި ކަމަށް އެދިއެވެ.

[ސީނާ، އަހަރެން ކެތްތެރިވާން ވަރަށް އެބަ މަސައްކަތް ކުރަން. އެކަމަކު އަހަރެންގެ ހިތް ހީވަނީ އޮބިނޯވެގެން އުޅޭހެން. ޙަޤީޤަތުގައިވެސް އަހަރެން ވަރަށް ލޯބިވޭ ނާއިލްދެކެ.] ޢައިޝާއަށް މިހެން ބުނެވުނު ވަގުތަކީ، ޢައިޝާގެ ބައްޕަ އިސްމާޢީލް އެތަނަށް އައިސް ވަން ވަގުތެވެ. އޭނާއަށް ވަރަށް ސާފުކޮށް ޢައިޝާގެ އެންމެފަހު ޖުމްލަ އަޑު އިވުނެވެ.

[ދަރިފުޅާ....ޢައިޝާ....ޢައިޝާ ތިޔަހާ ވަރަށް ލޯބިވާއިރު، ކީއްވެގެންތަ ނާއިލާ ވަކިވާން ނިންމީ. ދަރިފުޅު ބައްޕައަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ. ބައްޕަ ގާތު ބުނޭ، އެއްވެސް ކަމެއް ފޮރުވާނެ ކަމެއް ނެތް. ހުރިހާ ކަމެއްގައިވެސް ދަރިފުޅަށް އެހީތެރިވާން ހުރީ މި ބައްޕައެއް ނޫންތަ؟] އިސްމާޢީލް ވަރަށް ކަންބޮޑުވިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


6

އަފްނާން ރަޝީދު

14-May-2020

ތައުރީފުހައްގު ފުރިހަމަ ވާހަކަ އެއް


18

ސަމާ

14-May-2020

ވަރަށް ރީތި މިބައި ވެސް މާ އަވަސް އަރުވާލާފައި ވާހަކަ ނުނިންމައިފިއްޔާ ވަރަށް ރަނގަޅު


23

ޢަސްމާ

13-May-2020

ވާހަކަ މާބޮޑަށް ވެސް ސަޅި


17

ުތޫބާސަރީފު

13-May-2020

ސަޅި ސްޓޯރީއެއް މަށަށް ކިޔުނު އެއްމެ އިންޓްރެސްޓިން ސްޓޯރީ


20

މުނާ

13-May-2020

އަހަރެން މީ ވާހަކަ ކިޔާ މީހެއްވެސް ނޫން ރައްޓެއްސަކު މިވާހަކަ ސަޅި އޭ ބުނީމަ މިފެށި ތެދެއް ވ ވ ސަޅި


10

ސަކީނާ

13-May-2020

ހީވަނީ ހަމަ ސްޓަރ ޕްލަސް އިންދައްކާ ޒާތުގެ ސިލްސިލާ ޑުރާމާ އެއް ބަލާލެވޭހެން ވަރަށް ސަޅި ގެނެސް ދީފައިވާގޮތް ވާހަކަ އެއް ވިއްޔާ މިގެން މި ފެންނަ އަސަރު ފެންނަން ޖެހޭނެ


8

މުސާ

13-May-2020

މިރޭ މާކުރު ކޮށް ގެނެސްދީފައިވަނީ ވަރަށް ސަޅި



ޓްރެންޑިން