08 ވަނަ އެޕިސޯޑް

==========

[މަނިކު.....] މަޑުމަޑުން މާޒީގެ ހަނދާންތަކެއް އާވެ، އޭނާގެ ސިކުނޑީގައި ކުރެހިގެންދިޔައެވެ. އެހިނދު އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެއީ ހަމަ އެ ކެހިވެރިޔާއެވެ. އަނެއްކާ ޒައިހާއަށް މިއީ ކާކުކަން އެނގުނީބާއެވެ. ޒައިހާ ކޮޓަރިން ނުކުމެގެން އައިސް، އެތަނަށް ހުއްޓުނީ ބަދުރިއްޔާ، މާޒީގެ ތެރޭގައި އިންދައެވެ.

[މަންމަ ތިމީހާ ދަންނަންތަ؟] ޒައިހާގެ އަޑަށް ބަދުރިއްޔާ ސިހުނެވެ.

[އުނހު...ނުދަންނަން....ކާކުތަ މިއީ؟] ބަދުރިއްޔާގެ އަނގަ އޮޅޭގޮތްވިއެވެ.

[މުއީޒް ބުނީ، ތިއީ މާލޭގެ ވިޔަފާރިވެރިއެކޯ....މަނިކޯ ކިޔަނީ. އަޅެ، މަންމާ ބުނެބަލަ، މިމީހާ މުއީޒާ ވައްތަރެއް ނޫންތަ؟ ވައްތަރުވެގެން އަހަރެން ދިމާކުރީމާ، މުއީޒް ބުނީ ވެދާނެ ނޫންހޭ، މިއީ މުއީޒްގެ ބައްޕައަށްވެސް....] ޒައިހާގެ ފަހު ޖުމްލައިން ބަދުރިއްޔާއަށް ބޮޑު ސިހުމަކާއި ޝޮކެއް ލިބުނެވެ.

[މުއީޒްގެ ބައްޕައޭ....ފިސާރި ތެދެއް؟] ބަދުރިއްޔާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

[މަންމަ ހާދަ ހާސްވީ....އެއީ މުއީޒް ސަމާސާއަކަށް ބުނި އެއްޗެއް.] ޒައިހާ މަންމަގެ އަތުން އަލްބަމް އަތުލިއެވެ. އެއަށްފަހު، އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އެހިނދު ބަދުރިއްޔާގެ ސިކުނޑީގައި މާޒީގެ ހަނދާންތަކެއް ކުރެހިގެންދިޔައެވެ. މަނިކު، އޭނާގެ ފުށުން ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި، ވީ ވަޢުދުތަކާއި ހުވާތަކެވެ. އެއަށްފަހު، އޭނާ ބަލިވެއިން ޚަބަރު ދިނުމުން ދިން ހިތްދަތި ޖަވާބެވެ.

އެއީ މުޅި ޙަޔާތުގައިވެސް ބަދުރިއްޔާ އެންމެބޮޑު ހިތްދަތިކަމެއް ބަރުދާސްކުރި ދުވަހެވެ. ބަދުރިއްޔާއަށް އޭނާ ބަލިވެއިންކަން އެނގުނީ، މަނިކު ދުވަސް ހަމަކޮށް މާލެދިޔަފަހުންނެވެ. ވުމާއެކު، ބަލިވެއިން ޚަބަރު ބަދުރިއްޔާ، މަނިކަށް ދިނީ ފޯނުންނެވެ. ނަމަވެސް، އެދުވަހު މަނިކު އޭނާއަށް ދިނީ އޭނާ އުންމީދުކުރިފަދަ ޖަވާބެއް ނޫނެވެ. އޭނާ ބުނީ އޭނާއަށް ބަދުރިއްޔާއާ ކައިވެނި ކުރެވެން ނެތް ކަމަށާއި، އަވަހަށް ދަރި ވައްޓާލުމަށެވެ. ނަމަވެސް، އެއީ ބަދުރިއްޔާ ބޭނުންވި ގޮތެއް ނޫނެވެ. ދެތިން ހަތަރުފަހަރު މަނިކަށް ގުޅައިގެންވެސް ރަނގަޅު ގޮތެއް ނުވުމުންނެވެ. ބަދުރިއްޔާ ގަސްތުކުރީ ދުނިޔޭގެ ލަދުވެތިކަމަށް ބީރުކަންފަތްދީ، އޭނާގެ ބަނޑުގައި ފުރަތަމަ ގަރުބަގަތް ދަރިފުޅަށް ދުނިޔޭގެ އަލިކަން ދެއްކުމަށެވެ.

ބަދުރިއްޔާއާ ދޭތެރޭ މަނިކު ކިތަންމެ އިހާނެތިކޮށް ހިތިނަމަވެސް، އެއްވެސް މީހެއްގެ ގާތަކު ބަދުރިއްޔާ އެވާހަކައެއް ނުދައްކައެވެ. އަދި އަދަށްދާންދެންވެސް އޭނާ އަންނަނީ މީހުންނަށް އެކަން ސިއްރު ކުރަމުންނެވެ.

ޚުދު ޒައިހާ ގާތުވެސް އޭނާ މަނިކާބެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަމުދުން ޒައިހާވެސް އޭނާގެ ޙަޤީޤީ ބައްޕަ ހޯދާކަށް ނޫޅެއެވެ.

[ބަދުރިއްޔާ...ކޮން ފިކުރެއްގަ.....] ބޭރުން އައިސްވަން ޙުސްނީ ބަދުރިއްޔާ އިންގޮތުން ސުވާލުކޮށްލިއެވެ.

[ކަމަކާ ނުވިސްނަން....] ސިހޭފަދައިން ތެޅިގެންފައި ބަދުރިއްޔާ ބުންޏެވެ.

[އަހަރެން ނައިސްގެން ލަސްވެފަދޯ.] ބަދުރިއްޔާގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން، ޙުސްނީ ބުނެލިއެވެ.

އެރޭ ވީ ބަދުރިއްޔާއަށް ވަރަށް އުނދަގޫވި ރެއަކަށެވެ. މާޒީގެ ހަނދާންތައް އޭނާއަށް އުނދަގޫކުރަން ފެށިއެވެ.

ބަދުރިއްޔާފަދަ އެތައް އަންހެނުންތަކަކަށް ކެހިދީފައިދިޔަ މަނިކު މިހާރު ކޮބައިހެއްޔެވެ؟ މަނިކު އެބައުޅެއެވެ. އެކަމަކު އުފަލެއްގައެއް ނޫނެވެ. އޭނާގެ އަންހެނުން ފަރީދާއާއި ދެކުދިންވަނީ ކަނޑުމަތީގެ ނުރައްކާތެރި ހާދިޘާއެއްގައި، އޭނާއާ ވަކިވެގެން ގޮސްފައެވެ. ވުމާއެކު، ފައިސާގެ ތަނަވަސްކަމެއް ލިބިފައިވިޔަސް، އޭނާ އުޅެނީ ނިކަން އެކަނިވެރިކަމާ އެކުގައެވެ.

މިހާރަކަށް އައިސް، މަނިކުގެ ސިކުނޑީގައިވެސް އޭނާއަށް ކުރީގައި އުޅެވިފައިވާ ގޮތުގެ ހަނދާންތައް ކުރެހެއެވެ. ބައެއްފަހަރު ބަދުރިއްޔާއަށް ގުޅާފައި މަޢާފަށް އެދެންވެސް ހިތަށްއަރައެވެ.

ޔަޤީނެވެ. ބަދުރިއްޔާ ދުވަހަކުވެސް އޭނާއަކަށް މަޢާފެއް ނުކުރާނެއެވެ. ބަދުރިއްޔާގެ މަޢާފް ހޯދަން މަސައްކަތް ކުރުމަކީ އޭނާ ލަދުވެތިވާ ކަމެކެވެ.

[ދުވަހަކުވެސް އޭނާއަށް މަޢާފެއް ނުކުރާނަން.] މިހާރުވެސް ހިތާހިތާ ބަދުރިއްޔާ ބުނެއެވެ. އަމުދުން މަނިކާ ހަތަރުކަޅި ހަމަކުރާކަށްވެސް ބަދުރިއްޔާ ބޭނުމެއް ނޫނެވެ.

އެކަމަކު މަނިކުގެ ވިސްނުމުގެ އޮއިވަރު މިހާރުވަނީ ބަދަލުވެފައެވެ. އޭނާ މިހާރު ބޭނުންވަނީ، ބަދުރިއްޔާއާއި އަދިވެސް އެނޫން އޭނާގެ ފަރާތުން ކެހި ލިބުނު ފަރާތްތަކުގެ ކިބައިން މަޢާފް ލިބިގަންނާށެވެ.

މިހާރު މަނިކު ވިސްނަމުންދަނީ އިނގުރައިދޫއަށް ދިޔުމަށް އަވަސް ކުރިމަގެއްގައި ދަތުރެއް ރޭވުމަށެވެ.

[ކޮން ދަތުރެއް ރާވާ ވާހަކައެއްތަ؟] މިރުޒާ ވާހަކަ ދެއްކީ ޒައިހާއާއެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.

[ހަނީމޫން ދަތުރެއް. މުއީޒް ބޮޑަށް އުޅޭހިތްވަނީ ފަޅުރަށެއްގައި އެކަނިމާއެކަނި ކަމަށްވާތީ، މުއީޒް ބޭނުންވަނީ ފަޅުރަށަކަށް ދާން. އެކަމަކު ފަޅުރަށަކަށް ދާން އަހަރެން ބިރުގަނޭ.....] ޒައިހާ ބުންޏެވެ.

[ބައެއް އިންސާނުން ހާދަ ފިނޑިއޭދޯ.....] ދޮރުމަތީގައި ޒައިހާގެ ވާހަކަ އަޑުއަހަން ހުރެފައި މުއީޒް ބުންޏެވެ.

[އެންމެ ރަނގަޅޭ. މުއީޒަށް ތިވަރަށް ކެރެންޏާ، އަހަރެން މުއީޒް ދާން ބޭނުން ކޮންމެ ތަނަކަށް ދާނަން. ކޮންމެ ތަނަކަށްވެސް ހިނގައިދާނަން....] ޒައިހާ ގަދަކޮށްލިއެވެ.

[ދެކުނުގެ ރަށަކަށްދާނީ....ފަޅު ރަށަކަށް.] މުއީޒް ބުންޏެވެ. ޙަޤީޤަތުގައި އޭނާ ބޭނުންވަނީ މީހުން ނޫޅޭ ތަނެއްގައި އުޅޭށެވެ. އެއީ އަޑުގަދަ ތަންތާނގައި ދިރިއުޅެން ފަސޭހަ ނުވާތީއެވެ.

[މައްސަލައެއް ނެތް...ހޭވައްލާ ތައްޔާރު....] ޒައިހާ ބުންޏެވެ.

[މާދަމާރޭ ފުރާ ދޯނިން މާލެދާން ފުރަންވާނެ. މާލެގޮސް ދެކުނަށް ދަތުރު ފަށާނީ....] އެހެން ބުނެލާފައި މުއީޒް ގެއިން ނުކުތެވެ. މަންޒިލަށް ވާސިލްވެވޭތީ ހިތްހަމަޖެހިފައި ހުރެއެވެ.

ދެން އޭނާ ރޭވީ ދަތުރު ކުރިއަށް ގެންދާނެ ގޮތެކެވެ. ރޭވުންތެރި ޚިޔާލާއި ވިސްނުން ބޭނުންކޮށްގެން އޭނާ ނިންމީ، އެރޭ އެރަށުން ފުރުމަށެވެ.

ޒައިހާގެ މަންމައާއި ބައްޕަ ޙުސްނީއާއި އޭނާގެ މަންމަ މުއުމިނާ ގާތު އޭނާ ބުނީ، އެމީހުން ދަނީ މާލެއަށް ކަމުގައެވެ.

އިއްތިފާޤުން އެރަށުން މާލެ ދަތުރުކުރާ އޮޑިއެއް ކަމަށްވާ ކަސްތޫރި ބޯޓް މާލެ ދިޔުމަށްޓަކައި ފުރަން ހަމަޖެހިފައިވަނީވެސް، އެރޭގެ މެންދަމުގެ ވަގުތެއްގައެވެ. އެއީ މުއީޒަށް ލިބުނު ވަރަށްބޮޑު ހިތްވަރެކެވެ. ޒައިހާމެން ފުރުވަން ދިޔުމަށްޓަކައި އެރޭ އެންމެންވެސް ތައްޔާރުވިއެވެ.

[ބޯޓަށް އަރަން ޖެހެނީ ކިހާއިރަކުތަ؟] އަށެއް ޖަހަން އުޅެނިކޮށް، މުއީޒް ގާތު ބަދުރިއްޔާ އެއްސެވެ.

[ބާރަ ޖެހުމުގެ ކުރިން.] މުއީޒް ބުނީ ފުރަން ޖެހިފައިވާ ގަޑިއަށްވުރެ ދެގަޑިއިރު ކުރިއަށް ޖައްސާފައެވެ. އެކަމުގެ ފަހަތުގައިވެސް ކޮންމެވެސް ސިއްރެއްވާނެކަން ޔަޤީނެވެ.

[ތިހެންވީއިރު އެގާރަގަޑި ބައިގައި އަތިރިއަށްދާންވާނެތާ. ދަރިފުޅާ ޒައިހާ، ހުރިހާ ކަމެއް ތައްޔާރުކޮށްފިންތަ. މުއީޒް، މި މަންޖެ ގޮވައިގެން ވަރަށް އަވަހަށް އަންނަންވާނެ. މަންމައަށް މިމަންޖެއާނުލާ އުޅެން ވަރަށް އުނދަގޫވާނެ.] ބަދުރިއްޔާ ވާހަކަ ދެއްކީ މުއީޒާއި ޒައިހާ ޝާމިލްވާ ގޮތަށެވެ.

[މާގިނަ ދުވަހެއް ނުވާނެދޯ ޒައިހާ.] މުއީޒް މަންމައަށް ޖަވާބުދެމުން، ޒައިހާއަށް ދޯދިނެވެ. ޒައިހާވެސް މުއީޒްގެ ވާހަކައަށް ތާއީދުކޮށް ބޯޖަހާލިއެވެ.

އެރޭ ބަރާބަރު އެގާރަގަޑިބައިވިއިރު، ޒައިހާމެން ތިބީ އަތިރިމަތީގައެވެ. މިރުޒާވެސް ޒައިހާމެންނާ ފަހުގެ ސަލާން ކުރުމަށްޓަކައި އައިސް ހުއްޓެވެ.

[މިރޫ....އަހަރެން ނެތިސް ކައިވެނި ނުކުރާތި. ކޮންމެހެންވެސް މިރޫގެ ކައިވެނީގެ ޙަފްލާގައި ބައިވެރިވާން އަހަރެން ބޭނުން.] މިރްޒާގެ އަތުގައި ހިފަހައްޓައިގެންހުރެ، ޒައިހާ ވާހަކަ ދެއްކިއެވެ. އޭރު މުއީޒާއި ޙުސްނީ ފޮށިތަންމަތި ބޯޓަށް އެރުވުމުގައި އަވަދިނެތި އުޅެއެވެ.

[މަންމަމެން ދެންދޭ....މިހާރު ބޯޓު ނައްޓާލާ ގަޑި އެ ޖެހެނީ...ދަމުން މިރޫ ގެއަށްލައިދޭތި.....] ގަޑިއަށް ބަލައިލަމުން ޒައިހާ ބުންޏެވެ. އެންމެ ރަނގަޅޭ، ހިތްހެޔޮ ކުރާށޭ ބުނެފައި، ޙުސްނީއާއި ބަދުރިއްޔާ މިރްޒާ ގޮވައިގެން ހިނގައިގަތީ، މާ ހިތްހަމަޖެހިފައި ތިބެއެއް ނޫނެވެ. މަންމަމެން ހިނގައިގަތުމާއެކު، މުއީޒް ޒައިހާ ގޮވައިގެން ބޯޓަށް އަރައިފިއެވެ.

ބޯޓަށް އެރުމަށްފަހު، މުއީޒްވީ ފަސްވަރަކަށް މިނެޓެވެ. އޭނާ ޒައިހާގެ އަތުގައި ހިފައިގެން ބޯޓުން ފައިބައިފިއެވެ.

[ކިހިނެއްވީ؟] ތޮށިގަނޑު މައްޗަށް ފޭބުމަށްފަހު، ޒައިހާ އެއްސެވެ. ހިސާބަކަށް ޙައިރާންވެފައި ހުރެއެވެ.

[މިބޯޓަކުން ނުދާނަން. އޭގައި މާ މީހުން ގިނަ.] މުއީޒް ފޮށިތަންމަތިވެސް ބޭލިއެވެ.

[ދެން ކޯއްޗެއްގައި ދާނީ....] ޒައިހާ އެހިއެވެ.

[މިއަންނަނީ....] މުއީޒް އިނގިލި ދިއްކުރީ، ދުރުން މާދުރުން ފެންނަމުންދިޔަ އައްޔަކާ ދިމާއަށެވެ. ނަމަވެސް، އެއީ ކޮންމެވެސް ބޯޓެއް ނޫނީ ދޯންޏެއްގެ އަލިކަމަށް ލަފާކުރެވެއެވެ.

[މުއީޒް ކުއްޔަށް ހިފައިގެން ގެންނަ އެއްޗެއްތަ އެއީ؟] އެދިމާއަށް ނަޒަރު ހުއްޓައިގެންހުރެ، ޒައިހާ ބުންޏެވެ.

[އާނ....އެކަމަކު އަހަރެންނަށް ހީވަނީ، އެއަށް އަރައި ޒައިހާ ހުންނަންޖެހޭނީ، ލޮލުގައި އަތް އަޅައިގެންހެން.] މުއީޒް ހީގަތެވެ. އާދަޔާ ޚިލާފަށް އަލިގަދަ ބޯޓް އޭރު ނިކަން ބާރު ދުވެއްޔެއްގައި އޮވެ އާދެއެވެ.

މާގިނައިރުތަކެއްނުވެ، އެ ބޯޓް އައިސް ކައިރިކޮށްލައިފިއެވެ. އެންމެ ޢަޖައިބުވި ކަމަކީ އެތާނގައި އޮތް ކަސްތޫރި ބޯޓުގެ އެއްވެސް ބަޔަކަށް އޭގެ ހިލަންވެސް ނުވިކަމެވެ.

[އަރަން ހިނގާ....] މުއީޒް ފޮށިތަންމަތި އެރުވުމަށްފަހު، ޒައިހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

[ވަރަށް ކެތްތެރިވާންވާނެ..... މީގައި އުޅޭނީ ހުސް އަހަރެންގެ ރައްޓެހިން.] މުއީޒް ޒައިހާ އުފުލާލައިގެން ގޮސް އެބޯޓަށް އެރިއެވެ. އެއާއެކު ޒައިހާގެ ދެލޯ ބޮޑުވިއެވެ.

އޭގެތެރެއިން އޭނާއަށް ފެންނަމުންދިޔައީ، މުޅިން އާދަޔާ ޚިލާފު މަންޒަރުތަކެކެވެ. އެބޯޓްތެރޭ ތިބި އަންހެނަކަސް، ފިރިހެނަކަސް އެއްވެސް ފޭރާމެއް ނެތެވެ. ނަމަވެސް، އެއިން އެއްވެސް މީހެއްގެ މޫނުމަތިން ލަދުވެތިކަމުގެ ޒައްރެއްވެސް ނެތްކަހަލައެވެ.

[މުއީޒް....އަޅެ މިއީ ކޮންކަމެއް؟] ޒައިހާ އިސްޖަހާލަމުން، މޫނުގައި އަތް އަޅައިފިއެވެ. އޭރު އެބޯޓް، އެއަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގިރޭފުށްޓާ ދިމާއަށް ދަތުރު ފަށައިފިއެވެ. ޒައިހާ މޫނުމަތީ އަތް އަޅައިގެންހުރެ، މުއީޒްގެ މޭގައި ބޯއަޅާލިއެވެ.

[ޒައިހާ.....އަށް އެނގޭތަ، މިރެއަކީ ކޮން ރެއެއްކަން....މާދަމާ ހުކުރު....މިރެއަކީ ރޭވިލޭރޭ.....އަހަންނާ ޒައިހާ ބައްދަލުވީވެސް މިފަދަ ރެއެއްގައި...މުއީޒް، އޭނާ ލައިގެންހުރި ގަމީހުގެ ގޮށްތައް ނައްޓަން ފަށައިފިއެވެ. އޭރުވެސް އެއްވެސް ފޭރާމެއް ނެތް ހާލުގައި، އަންހެނުންނާއި ފިރިހެނުން ބޯޓްތެރޭ ޙަރަކާތްތެރިވަމުންދެއެވެ. ޒައިހާ ލޯހުޅުވާވެސްނުލައެވެ.

[މުއީޒް، އަހަރެން ބޭނުމެއް ނޫން މީގައި ދާކަށް.] މުއީޒްގެ މޭތެރޭ މޫނު ފޮރުވަމުން ޒައިހާ ކުސްތަޅަން ފެށިއެވެ.

[ކަންބޮޑުނުވެބަލަ ޒައިހާ.] މުއީޒް ޒައިހާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ.

[އެކަމަކު މުއީޒް، މިއީ އިންސާނުން އުޅެންވާނެ ގޮތެއް ނޫނެއްނު....] އިސްއުފުލުނު ވަގުތު، ފެނުނު މަންޒަރުން ދެލޯ މަރާލަމުން ޒައިހާ ބުންޏެވެ.

[އެއީ އިންސާނުންނެއް ނޫން. ޒައިހާ، އިންސާނުންނަކީ ނުލާހިކު އަބުރުވެރި ބައެއްނު...] މުއީޒް ބުނެލިއެވެ. މުއީޒްގެ އެ ޖުމްލައިން ޒައިހާއަށް ލިބުނު ސިހުމާއެކު، މުއީޒާ ދުރަށް ޖެހިލެވުނެވެ.

[އޭނ....ކީކޭ، އިންސާނުންނެއް ނޫނޭ. އެއީ ދެން ކޮންބައެއް.....] ޒައިހާ ބިރުން ތުރުތުރުއަޅަން ފެށިއެވެ.

[ޒައީ ހާދަ ހާސްވީ....އެއީ ހައްތަހާވެސް އަހަރުމެން ކަހަލަ ދެމަފިރިން. އެމީހުންވެސް ހަނީމޫން ހަދަނީ. ޒައިހާ ލަދުނުގަނެބަލަ.....އަހަރުމެންގެ ދޭތެރޭ އެއްވެސް ހުރަހެއް ނެތެއްނު.....] މުއީޒް މިހެން ބުނެފައި ޒައިހާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

އިސާހިތު މުއީޒެކޭ، އެބޯޓުގައި ތިބި އެހެން މީހުންނެކޭ އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް، ޒައިހާ ހުރީއެވެ. ނުކެރިފައެވެ.

[ހަނީމޫން ހަދަން ތިނޫން އެހެން ގޮތެއް ނެތީތަ؟] ޒައިހާ ހިތްހަމަނުޖެހިފައި، އަނެއްފަރާތަށް އެނބުރުނެވެ. މުއީޒް، ޒައިހާގެ އަތުގައި ހިފާ ގާތަށް ލަފާލިއެވެ.

[ނޫން މުއީޒް، އަހަރެން ބޭނުންވަނީ ރަށަށް ދާން. މިކަހަލަ ނާސި ބޯޓެއްގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން....] ޒައިހާ އޭނާގެ ވަށައިގެން ހިނގަމުންދާ އެއްވެސް ޙަރަކާތަކަށް ބަލައިވެސްނުލައި، މުއީޒް ގާތު ޝަކުވާ ކުރަމުންދިޔައީ އެނބުރި ރަށަށް ދިޔުމަށެވެ.

[މިތާނގައި ޒައީ ލަދުގަންނަންޏާ ހިނގާ...އެހުރީ ކޮޓަރިއެއް. އެއީ އަހަރުމެންނަށްޓަކައި ޚާއްޞަ ކުރެވިފައިވާ ތަން.] މުއީޒް ޒައިހާގެ އަތުގައި ހިފައިގެން ގޮސް އޭނާ އިޝާރާތްކުރި ކޮޓަރިއަށް ވަދެއްޖެއެވެ.

އެވެރިންގެ ޙަޤީޤީ މަންޒިލް ކަމުގައި މުއީޒް ބުނާ ރަށަށް އެބޯޓް ލެފީ، އަނެއް ދުވަހު އިރުއެރިފަހުންނެވެ.

[ކޮން ރަށެއްމީ؟] ބޯޓް ރަށަށް ލެފުމާއެކު، އެއްގަމަށް ފައިބަމުން ޒައިހާ އެއްސެވެ. ހިސާބަކަށް ނުތަނަވަސްވެފައި ހުރެއެވެ.

[ގިރޭފުށި، މިއަތޮޅުގައި އޮންނަ އެންމެބޮޑު ފަޅުރަށް....އެކަމަކު ޢާންމުކޮށް، އެއްވެސް ބަޔަކު އައިސް އުޅޭ ރަށެއް ނޫން މީކީ.....މިބުނީ އިންސާނުންގެ ވާހަކަ....] ކުރިއަށް ހިނގައިގަންނަމުން މުއީޒް ބުނެލިއެވެ.

[އަހަރުމެންވެސް މިތިބީ އައިހެންނު. މި ބޮޑު ފަޅުރަށުގައި އެއްވެސް އަލިކަމެއްނެތި، ކިހިނެއްތަ އުޅޭނީ....] ޒައިހާ ވިސްނީ، އިރުއޮއްސުމަށްފަހު، އެރަށް ސިފަވާނޭގޮތާ ދޭތެރޭގައެވެ.

[މިރަށުގައި ހުންނާނެ، އަހަރެންގެ ގެއެއް. އެގެއިން ހުރިހާ ޚިދްމަތެއްވެސް ލިބޭނެ. ހިނގާ....] މުއީޒް، ޒައިހާ ގޮވައިގެން ޖަންގަލީގެ ތެރެއަށް ވަދެގެން ހިނގައިގެންފިއެވެ.

އެރޭ ބޯޓުން ފެނުނު ކަންތައްތަކާ ބެހޭގޮތުން ޒައިހާ މުއީޒާ ސުވާލުކުރީ އެވަގުތެވެ. މިފަހަރުވެސް ތަކުރާރުކޮށް މުއީޒް ބުނީ އެއީ ހައްތަހާވެސް އޭނާގެ ރައްޓެހިން ކަމަށާއި، އެމީހުން ދެން ދުވަހަކުވެސް ޒައިހާއަށް ނުފެންނާނޭ ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން އިތުރަށް ސުވާލު ނުކުރުމަށްވެސް އޭނާ ޒައިހާއަށް އަމުރު ކުރިއެވެ.

[އެންމެ ރަނގަޅު، ޒައިހާ އަހަރެންކުރާ ސުވާލުތަކަށް އަހަންނަށް ޖަވާބުދީފާނަންތަ؟] މުއީޒް، އޭނާގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި މަގު ހުޅުވުމަށް މަސައްކަތް ކުރިއެވެ.

[އާނ، މުއީޒްގެ ކޮންމެ ސުވާލަކަށްވެސް އަހަރެން ޖަވާބުދޭން ތައްޔާރު......] ޒައިހާއަށް މިހެން ބުނެވުނު ވަގުތު، މުއީޒް ބުނި ގެޔާ ހަމައަށް އާދެވިއްޖެއެވެ. އެގެ ފެނުމާއެކު، ޒައިހާ ޢަޖައިބުވެ އަންތަރީސްވެ ދެލޯ ބޮޑުވެއްޖެއެވެ. އެހާ ފުރިހަމަ ރީތި ގެއެއް، މީގެކުރިން ދުވަހަކުވެސް އޭނާ ދެކެފައިނުވެއެވެ.

[މާސިންގާ ފަޅުރަށެއްގައި މިހާ ފުރިހަމަ ގެއެއް، މިއީ ކޮންކަހަލަ ޢަޖައިބެއް....އަނެއްކާ އަހަންނަށް މިހުރެވުނީ ހުވަފެނެއްގައިތަ؟] ޝޯޚްވެފައި އެގެޔާ ދިމާއަށް ބަލަންހުރެ، ޒައިހާ މުއީޒާ ސުވާލު ކުރިއެވެ.

[ހުރިހާ ކަމަކާ ވާހަކަ ދައްކާނީ އެތެރެއަށް ވަދެ ހަމަޖެހިލުމަށްފަހު....] މުއީޒް، ޒައިހާގެ އަތުގައި ހިފައިގެން ގެޔަށް ވަނެވެ. އޭރުވެސް ޒައިހާ ހުރީ ބަސްހުއްޓި ތަލިން ކުޅު ހިކިފައިވާ ހާލުގައެވެ.

[ޒައިހާ އަހަރެންދެކެ ވަރަށް ލޯބިވަންދޯ؟ އަހަރެންގެ ކޮންމެ ސުވާލަކަށްވެސް ޖަވާބުދޭނޭ ވާހަކަ ބުނީމާ، ވަރަށް ޔަޤީންކަން އެބައޮތް، ޒައިހާ އަހަރެންދެކެ ލޯބިވާކަމުގެ....ގޭގެ ހިތްގައިމު ފެންޑާ ހުރަސްކޮށް، ކޮޓަރިއަށް ވަދެ މުއީޒް އަނެއްކާވެސް އޭނާގެ ޙަޤީޤީ މަޥްޟޫއަށް ދިޔައެވެ.

[ދެންވެސް މުއީޒް ތިކުރަން އުޅޭ ސުވާލުކޮށްބަލަ. މިހާރު ތިސުވާލު އަހާހިތުން އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި.....] ޙަޤީޤަތުގައިވެސް ޒައިހާގެ ހިތްވަނީ އަވަސްވެފައެވެ.

[އަބަދު ޒައިއަށް ކަންތައްތައް ސިއްރު ކޮށްގެނެއްވެސް ނޫޅެވޭނެ. އެކަމަކު...އަހަންނަކީ ކޮންމެފަދަ މީހަކަށްވިޔަސް، ޒައި އަހަރެންދެކެ ލޯބިވާނޭ ކަމަށް އުންމީދު ކުރަން....] މުއީޒް ކޮޓަރީގައި ހުރި ހިތްގައިމު އެނދުގައި ދެފައި ދަމާލާ އޮށޯވެލިއެވެ.

[އާނ، ތިބުނީ ރަނގަޅަށް. އަހަންނަކަށް ދެނެއް މުއީޒާ ވަކިން ނޫޅެވޭނެ.] ޒައިހާ މުއީޒްގެ މޭގައި ބޯއަޅާލިއެވެ. އެހިނދު މުއީޒްގެ ދެއަތް މަޑުމަޑުން ޒައިހާ ވަށާލިއެވެ.

އިނގުރައިދޫ ދަތުރަށްޓަކައި މަނިކު އެދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. ފުރަތަމަ އޭނާ ދާން ގަސްތުކުރީވެސް، ކުރިންވެސް އޭނާ އުޅުނު ގެ ކަމުގައިވާ މުއީޒްގެ މާމަމެން ގެޔަށެވެ.

[މަނިކު ތިހާވަރުން އެރަށަށް ދާން ތިއުޅެނީ އަނެއްކާ ކޮން ބޭނުމަކުތަ؟] މަނިކުގެ ވިސްނުން ހުންނަގޮތުން، ހިތްހަމަނުޖެހޭ އޭނާގެ ދުވަސްވީ ރަޙްމަތްތެރިޔާ ބާޤިރު، މަނިކުގެ ދަތުރާ ބެހޭގޮތުން ވާހަކަ ދެއްކީ، މަނިކުމެންގޭގެ ސިޓިންގރޫމްގައި އިނދެއެވެ.

[ބާޤިރު....މިރަށުގައި މިހާރު އަހަރެންގެ މީހަކަށް ހުރީ ކާކުތަ؟ ކިރިޔާވެސް ހިތްހަމަޖެހުމެއް އަހަންނަށް ލިބޭނީ އެރަށަށް ދެވިގެން.] ގެއްލިދިޔަ ދެކުދިންނާއި އަނބިމީހާގެ ހަނދާންތައް ސިކުނޑީގައި ކުރެހުމުން، މަނިކު ވަގުތުން ފެންކަޅިވިއެވެ.

[މާނައަކީ އެރަށުގައި މަނިކުގެ ދަރިޔަކު އުޅެނީތަ؟ ނޫނީ އަންބަކު ހުރީއޭތަ؟] ބާޤިރު އެއްސެވެ.

[އެކެއްވެސް ނޫން. އެރަށުގައި އުޅޭނެ އަހަރެންގެ ދެކުދިން....އެކަމަކު އަންބަކު ނުހުންނާނެ.....އަޞްލު އަހަރެން ބޭނުން، އެކުދިންނާއި އެކުދިންގެ މައިންގެ ފުށުން މަޢާފް ލިބިގަންނަން....]

ގިނަ ދުވަސްތަކެއް ވަންދެން ސިއްރުކޮށްގެން ހުރި ކަންތައްތައް، ލިބިފައިވާ ހިތްދަތިކަމާއެކުވެސް މަނިކަށް ހާމަކުރެވުނީ އަމިއްލަ އިޚްތިޔާރެއްގައެއް ނޫނެވެ.

[ފިސާރި ތެދެއް!؟ ދެކުދިން ތިބޭނޭ....މީގެކުރިން އެކުދިން ކޮބާ؟ މަނިކުގެ އަނބިމީހާއާއި ދެކުދިން މިދުނިޔެ ދޫކުރިހިނދު، ކުއްލިއަކަށް ލިބުނު ކުދިންތަކެއްތަ؟] ބާޤިރު ހުރީ ޙައިރާންވެ އަންތަރީސްވެފައެވެ.

[އެވާހަކަ ފަހުން ކިޔައިދޭނަން. މިވަގުތު ދަތުރު ތައްޔާރު ކުރަން އުޅޭ.....] މަނިކު ބުންޏެވެ. މަޥްޟޫޢު ބަދަލުކުރުމުގެ ގަސްތުގައެވެ.

[އެންމެ ރަނގަޅު. އެކުދިންގެ ޙާލު އަހާލަން ދުވަހަކުވެސް ގުޅާލިންތަ؟] އަދިވެސް އެ މަޥްޟޫޢު ބަދަލުކުރާކަށް ބާޤިރު ބޭނުމެއް ނޫނެވެ.

[ކޮންމެވެސް ވަރަކަށް އެއްކުއްޖެއްގެ ޙާލު ބަލައިލެވޭ. އެކުން މިހާރު މުއުމިނާއާވެސް ގުޅާނުލެވޭތާ ދެއަހަރެއްހާ ދުވަސް ވެދާނެ. ގުޅޭނެ ނަންބަރުވެސް ހަނދާނެއްވެސް ނެތް...] މަނިކު އަނެއްކާވެސް ކޮންމެވެސްވަރެއް ތިލަކޮށްލިއެވެ. ވުމާއެކު އަދިވެސް ބާޤިރު ކޮންނަން ފެށިއެވެ. ނަމަވެސް، ދެން މަނިކު އެއްވެސް ވާހަކައެއް ކިޔައެއްނުދެއެވެ.

ބާޤިރު ބުނަން އަހަންނާއެކު އެރަށަށް ދިޔައިމާ، ހުރިހާ ކަމެއްވެސް އެނގިދާނެ....މިހާރު މީގެ އަށާރަ ނޫނީ ނަވާރަވަރަކަށް އަހަރު ކުރިއާ، އެރަށްވެސް ވަރަށް ތަފާތުވާނެދޯ؟] މިހެން ބުނެފައި، އިށީނދެ އިން ސޯފާއިން ތެދުވެ، ގޭގެ ޚާދިމާއަށް ގޮވާލާ، ދެތަށި ޖޫސް ގެނެސްދޭށޭ ބުނެފިއެވެ.

ހަމަ އެވަގުތެވެ. މާސިންގާ ފަޅު ރަށެއްގައި މިނިވަން މާޙައުލެއްގައި، އުފާވެރި އިޙްސާސްތަކެއްގައި، ހިތްގައިމު ހަވޭލީއެއްގައި، ލޯބިވާ ފިރިމީހާއާއެކު ޒައިހާ އުފާވެރި ވަގުތުތައް ހޭދަކުރަމުން ދަނީއެވެ.

[ޒައި....އަހަރެންދެކެ ލޯބިވަނީ ކިހާވަރަކަށް؟] އުފާވެރި އިޙްސާސްތަކަށްފަހު، ފުން ނޭވާއެއް، ވައިގެ ތެރެއަށް ދޫކޮށްލަމުން، މުއީޒް ޒައިހާ ގާތު އެއްސެވެ.

[މިވަރަށް...މިވަރަށް....] ދެއަތް ދެފަރާތަށް ދިއްކޮށްލަމުން، ސަމާސާ އިޙްސާސެއްގައި ޒައިހާ ބުންޏެވެ.

[ތިވަރު މާކުޑަ......] ނިކަން ލޯތްބާއެކު ޒައިހާގެ ނޭފަތަށް ފިތާލަމުން މުއީޒް ބުނެލިއެވެ.

[މުއީޒް....ކީއްވެތަ އަބަދު ލޯތްބާ ބެހޭގޮތުން އަހަންނާ ތި ސުވާލު ކުރަނީ. އަހަރެންނާ ދޭތެރޭ ޝައްކުވަނީތަ؟] ކުއްލިއަކަށް ޒައިހާގެ މޫޑު ބަދަލުވިއެވެ.

[ނޫނޭ، އަހަރެންގެ ނަފްސްފައިން އަހަރެން ޒައިހާއަށް އިތުބާރު ކުރަން...މީހުން ބުނާތީ އަހަރެންވެސް އަހަން. އަންހެން ކުއްޖާގެ ފަރާތުން ފުރަތަމަ ހިތްހަމަޖެހުމެއް ލިބިގަންނަ ފިރިހެނެއްގެ މަތިން ދުވަހަކުވެސް އެ އަންހެން ކުއްޖަކު ހަނދާނެއް ނުނެތޭނެއޭ.....އެއީ އަހަރެންވެސް ގަބޫލުކުރާ ޙަޤީޤަތެއް. އަހަންނަށް ޒައިހާ ފެނުނުއިރު، ޒައިހާ ތީ ޢިއްފަތްތެރި އަންހެން ކުއްޖެއް.....ފުރަތަމަ ރޭ ޒައިހާގެ ފުށުން އަހަންނަށް ޢިއްފަތްތެރިކަން އިޙްސާސް ކުރެވުނީ.] މުއީޒްގެ ވާހަކަތަކުން ޒައިހާގެ މޫޑު، ކުރިއަށްވުރެވެސް ބަދަލުވިއެވެ. އެހިނދު އޭނާ ހީކުރީ މުއީޒް އޭނާއަށް މަލާމާތް ކުރަނީ ކަމަށެވެ. ކައިވެނީގެ ފުރަތަމަރޭ ލިބެންވީ އަރާމާއި ލައްޒަތު ނުލިބުނީމާ، ދުރުދުރުން މުއީޒް އެ ވާހަކަ ދައްކަނީއެވެ. އޭނާ ދެރަކުރަން ވެގެންނެވެ. ޒައިހާއަށް ކެތްކުރެވުނީ ހިނދުކޮޅަކަށެވެ.

[މުއީޒް އަހަންނަށް މަލާމާތް ނުކޮށްބަލަ.] އިސާހިތު ޒައިހާ ބަޑިފަޅައިގެން ހިނގައްޖެއެވެ.

[މަލާމާތޭ....އަނެއްކާ އަހަންނާ ގުޅުނުއިރު، ޒައިހާ ޢިއްފަތްތެރި ނޫނީތަ؟] ބޭނުންވާ މިޞްރާބަށް ދަތުރުކުރުމަށްޓަކައި މުއީޒް މަގު އަމާން ކުރަމުންދިޔައެވެ. ރޮއިގަންނަމުން ޒައިހާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

[އަހަންނަށް މަޢާފްކުރޭ....މުއީޒް....] ޒައިހާ މުއީޒްގެ މޭގައި ބޯއަޅައިގެން އޮވެ، ބާރަށް ރޮމުން، ކަންތައް ހިނގި ގޮތް މުއީޒަށް ކިޔައިދިނެވެ.

[ދެރަނުވޭ ޒައިހާ، ކައިވެނީގެ ކުރިން އަހަރެންވެސް ވަނީ ގުޅުންތަކެއް ހިންގާފަ...ބުނަން މިއުޅެނީ އަހަރެންވެސް ލޯބިވަނީ ފުރަތަމަ ގުޅުން ހިންގި ކުއްޖާދެކެއޭ....ޒައިހާވެސް ދޮގުނަހަދާ ބުނޭ...ޒައިވެސް ލޯބިވަނީ ޢިއްފަތުގެ މީރުކަން ފުރަތަމަ ލިބިގަތް މީހާދެކެއެއްނު. އެއީ އިންސާނެއް ނޫންކަން އެނގޭއިރުވެސް، އެ އިޙްސާސްތަކަށް އެދެވެއެއްނު މިހާރުވެސް...] މުއީޒް ޒައިހާގެ ދަތްދޮޅީގައި ހިފައި އިސް އުފުލުވާލިއެވެ. ބޭއިޚްތިޔާރުގައި ޒައިހާއަށް ބޯޖަހާލެވުނީ، ތިޔައީ ތެދެކޭ ބުނާ ފަދައިންނެވެ. ޒައިހާގެ އެ އިޝާރާތާއެކު މުއީޒްގެ މޫނުމައްޗަށް އުޖާލާ އަލިކަން ފެތުރުނު ކަހަލައެވެ.

[ވަރަށް އުފާވެއްޖެ...] މުއީޒް އެނދުން ތެދުވެގެން ކުރިއަށް ހިނގައިގަތެވެ.

[ޒައިހާގެ ޢިއްފަތުގެ މީރުކަން ފުރތަމަ ލިބިގަނެ، ޒައިހާގެ ހިތުން މަޤާމެއް ކަށަވަރުކޮށްފައިވާ، އެ އިޙްސާސްތަކަށް ޒައިހާގެ ނަފްސު އެދެމުންދާ ބީހުންތަކުގެ ވެރިޔަކީ...ވެސް އަހަރެން........] މުއީޒް ދޮރާ ދިމާއަށް ހުއްޓި، ޒައިހާއާ ދިމާއަށް އެނބުރުނެވެ. އެއާއެކު ޒައިހާގެ ދެލޯ ބޮޑުވިއެވެ. އެހާމެ ބިރުވެސްގަތެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު


16

އިއބޭ

13-May-2020

މީ ހާދަވަހުޝީ ވާހަކައެއް އެކްމަކު ވަރަށް ރީތިމިވާހަކަ



ޓްރެންޑިން