ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. އަނގޮޅިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. އަނގޮޅިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުން
ސާޅީސް އަހަރާ ނުބައްދަލު މަޝްރޫޢުތައް އަނގޮޅިތީމުގައި މި ސަރުކާރުން ހިންގަމުން ދާކަމަށް ރ. އަނގޮޅިތީމު ކައުންސިލުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. އަނގޮޅިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މި ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ދިގު ތާރީޚުގައިވެސް ނުހިނގާވަރަށް އެއްފަހަރާ ޕްރޮޖެކްޓްތައް އެރަށުގައި މިހާރު މިސަރުކާރުން ކުރިޔަށްގެންދަވާކަން ފާހަގަކޮށްފައެވެ. މި ބައްދަލުކުރެއްވުން އޮތީ އަނގޮޅިތީމު ޓޫރިސްޓު ވިޒިޓަރސް ސެންޓަރުގެ ހޯލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ޕްރޮޖެކްޓްތައް ހިނގަމުންދާއިރު އުފެދޭ ކުނިބުނި މެނޭޖުކުރުމުގައި ހުރި ދަތިތަކާއި ރަށުން ކުނިގެންދިއުމަށް ފަސޭހައަކަށް ޓީޖެޓީއެއް ހެދުމާއި މޫދަށްއެރޭ ސަރަޙައްދެއް ތަރައްޤީކުރުމާއި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރިއެވެ. މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން ކޮމެޓީގެ މެންބަރުން ވަނީ ކޮމެޓީގެ މަސައްކަތްކުރިޔަށް ގެންދިއުމުގައި ޖާގައިގެ ދަތިކަން ފާހަގަކޮށްފައެވެ. އަދި ރަށު ތެރެސާފުކޮށް ބަލަހައްޓާ ކަނބަލުންނަށް ކަނޑައަޅާފައި އޮންނަ ފައިސާގެ ޢަދަދު ބޮޑުކޮށްދިނުމުގެ މުހިންމުކަން ކޮމިޓީން ފާހަގަކުރިއެވެ.

މި ބައްދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުނިމެނޭޖުކުރުމުގައި ހުރިދަތިތަކާއި އަދި ޓުއަރިސްޓް ވިޒިޓަރސް ސެންޓަރާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމާ އަދި މި ނޫންވެސް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ އަނގޮޅިތީމު ޓުއަރިސްޓް ވިޒިޓަރސް ސެންޓަރުގައި ބަހައްޓާފައިހުރި ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފައެވެ. މި ތަކެއްޗަކީ އަނގޮޅިތީމުން އެކި ދުވަސްވަރު ނެގިފައިހުރި ބައެއް އާސާރީ ތަކެއްޗެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން