ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުން
ތުޅާދޫ އެއަރޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި މޭރުމުން ވިދާޅުވީ، ތުޅާދޫ ކައުންސިލް މެންބަރުންނާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މިއަދު ވިދާޅުވީ ތުޅާދޫ އެއަރޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ކަމަށާއި، ތުޅާދޫގައި ޢިމާރާތް ކުރަމުންދާ 50 ހައުންސންގ ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓްކުރުމަށްފަހު ރަނގަޅު ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

\އަދި، މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ކައުންސިލުން އިތުރަށް ފާހަގަކުރެއްވެވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ރަށް ތަރައްޤީކުރުމުގައި ސަރަޙައްދީ ތަރައްޤީއަށްވެސް ވިސްނައިގެން ކުރިޔަށްދިޔުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ތުޅާދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ތުޅާދޫގައި ޤާއިމުކުރުމަށް ނިންމާފައިވާ އެއަރޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ޞިއްޙީ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން މަޢުލޫމާތު އަރުވާފައެވެ.

އަދި ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުންނާއި، ރަށުގައި އަޅާފައިވާ 50 ހައުސިން ޔުނިޓާއި، ބާކީ އަޅަން ނިންމާފައިވާ 50 ހައުސިންގ ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށް ގެންދަވާ ބައެއް މަޝްރޫޢުތަކާއި ކައުންސިލުން ކުރިޔަށް ގެންދަވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން