ޖާބިރު ސްޓޭޖުން ފައިބައިވަޑައިގެންނެވުމުން އެމްޑީޕީގެ މެންބަރުން ތަރުހީބުދެއްވައި ހިތްވަރު ދެއްވަނީ
ޖާބިރު ސްޓޭޖުން ފައިބައިވަޑައިގެންނެވުމުން އެމްޑީޕީގެ މެންބަރުން ތަރުހީބުދެއްވައި ހިތްވަރު ދެއްވަނީ
އެމްޑީޕީގެ މިފަހަރުގެ އެތެރޭގެ އިންތިޚާބުގައި ވަރަށް "ހަޑިހާވާނެ" ކަމަށް އެޕާޓީގެ ގިނަ މެންބަރުންނަށްވެސް އޮތީ ޔަގީންވެފައެވެ. އެކަން އެންމެ ފުރަތަމަ ފެށްޓެވީ ޕާޓީގެ ރޫހާނީ ލީޑަރެވެ. ޕާޓީގެ ރައީސެވެ. އެމްޑީޕީގެ ރައީސްގެ ހުރިހާ ވެސް މަސައްކަތަކީ ބަރުލަމާނީ ނިޒާމު ގެނަސްގެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމެވެ. އެކަން ކާމިޔާބު ކުރަށްވަން ކުރެވެން އޮތް ހުރިހާކަމެއް ކުރަށްވާނެމަށް ސީދާ އެމަނިކުފާނުވެސް ވަނީ ވިދާޅުވެފައެވެ. އެއީއަކީ މައްސަލައެއް އޮތް ކަމެކޭ ނުދަންނަވަމެވެ. މައްސަލައަކީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި "ހަޑީހާވަން" ފެއްޓެވުން ކަމުގައި ގިނަ ބަޔަކު ބުނެއެވެ. ވިދާޅުވީ ތާއީދު ކުރަށްވާނީ ބަރުލަމާނީ ކެންޑިޑޭޓުންނަށް ކަމަށެވެ. އެހެންވީމާ މިފަހަރު މިއޮތީ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ނޫނެވެ. ބަރުލަމާނީއާއި ރިޔާސީ ނިޒާމުގެ އިންތިޚާބެއް ކަމުގައި ބެލެވެއެވެ.

މިހެން މިކަން އޮއްވާ މާލޭގެ މޭަޔަރުކަން އެންމެ ފަހުން ކުރެއްވި ޝިފާ މުހައްމަދު އިހަށްރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މިފެނުނީ ވަރަށްވެސް ލަދުވެތި ހުތުރުވެގެންވާ އަމަލުފުޅެއް ހިންގެވިތަނެވެ. ރާއްޖޭގައި ސިޔާސީ ގޮތުން މިފަހުން ނުފެންނަ ވަރުގެ "ހުރިހާ އެއްޗެއް ކެނޑިފައި" ހުރި ކަމަށް އެންމެން ގަބޫލުކުރާ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ އެންމެ އިއްޒަތްތެރި ކާށިދޫ ދާއިރާގެ މެންބަރު "ލައިގެން ހަޑިހޭވީ" އެމްޑީޕީގެ މެންބަރުން ވެސް ލަދުވެތިވާ މިންވަރަށެވެ. ޝިފާ ވާހަކަ ދައްކަވަން ހުއްޓާ އިއްޒަތްތެރި މެންބަރު ސްޓޭޖް މައްޗަށް އަރުއްވައިގެންވެސް އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް މަލާމާތްކޮށް ހުތުރު އެއްޗެހި ކިޔައި ނަސްލީ ތަފާތުކުރުންތަކުގެ ބަސްތައް ރަށްދުކޮށް އިސްތިއުފާއަށް ގޮވައި ހެދިއިރު ޝިފާ ޖާބިރާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިކަން މިއީ އެޖަލްސާގެ ވީޑިއޯތަކުން މިހާރުވެސް ފެންނަން ހުރި މަންޒަރު ތަކެވެ.

ނަމަވެސް ޝިފާ ޖާބިރު ލައިގެން އެ ހަޑި ހާވާފައި ނުކުމެ ވަޑައިގެންއިރު ކަމަކު ދާކަށް ނެތެވެ. މުޅި މީހާގެ ގަޔަށް ވެސް ހުރީ "ދަނޑިން ތެޅީމާ ބުރާ ބީދައިން އެހޭވި ހަޑިއެއްގެ ތިކި" ބުރާފައެވެ. ދެން މީހުންގަނޑު މީސް މީޑިއާގައި ބަވާނަގަން ފެށީމާ އަވަހަށް ބޯދަމައިގަންނަންވެގެން ނޫސްބަޔާނެއް ނެރެ އެއީ އެހެން ބަޔަކު ކުރުވި ކަމެއް ކަމަށް ހަދާ އެކަން އެހެން ބައެއްގެ ބޮލަށް ކަނޑާލީއެވެ.

ހިތުން ކުރީ ނިކަން މޮޅު ކަމެކެވެ. އެކަމަކު އެހަޑި ހޭވުމުން ތިމާ ވީ ރީތިކޮށް "ބަރަހަނާ" އެވެ. މާލޭގެ މޭޔަރުކަން ހަވާލު ކުރީމާ މުޅި ކައުންސިލް ބޮއްސުންލައި ފެއިލްވެ ކޮރަޕްޝަންގެ ހުތުރު އަމަލުތައް އިސްތަށިފުޅުގައި އެޅުނީމާ އެލްޖީއޭގައި އޮތް ބާރުގެ ބޭނުން ކުރަށްވައިގެން މައްސަލަ އޮއްބާލިއަސް އެމައްސަލަތައް ކޮންމެވެސް ދުވަހަކުން އަދި ބަލާނެކަން ޝިފާއަށް ވެސް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ތިމަންނާގެ ކެމްޕޭން ޖަލްސާއަށް ޖާބިރު ގެންދިޔައީ ބަޔަކު ރާވައިގެން ކަމަށް ޝިފާ ވިދާޅުވެ ވާހަކަ ދައްކަވާއިރު ޖާބިރު އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ޕޯޑިއަމްގައި ވާހަކަ ދައްކަވަން ފުރުސަތު ދެއްވައި ޖާބިރު ވާހަކަ ދައްކަވަމުން ގެންދެވިއިރު ޝިފާއާއި އަދި އެމްޑީޕީގެ އެހެން ބައެއް މެންބަރުންވެސް އޭނާއަށް ތަރުހީބު ދެއްވައި އަތްތިލަބަޑިޖަހައި ހެއްދެވިކަން މިއީ މިހާރުވެސް ފެންނާން ހުރި މަންޒަރުތަކެވެ. އަދި އޭނާ ޕޯޑިއަމުން ފައިބައިވަޑައިގަތުމުން އޭނާއަށް ހިތްވަރު ދެއްވައި އަދި ޝިފާ ވާހަކަ ދައްކަވަން ހުއްޓާ އެތަނަށް އަރާވަޑައިގެން ހުންނަވައި ރައީސް ޞާލިހަށް ނިސްބަތްކޮށް ހުތުރު ބަސްތައް ވިދާޅުވަމުން ގެންދެވިއިރު ޝިފާ ވެސް އެވާހަކަ ތަކުގައި ބައިވެރިވެ ވަޑައިގެން އޭނާއަށް ހިތްވަރު ދެއްވި މަންޒަރާއި އަޑުތައް އެހެރީ ރެކޯޑް ކުރެވި މީސްމިީޑިއާގައެވެ.

އެހެންވީމާ ޖާބިރު ލައިގެން އެ ހަޑި ހާވާފައި "ބަރަހަނާ ވީމާ" ބޯދަމައިގަންނަން އަމިއްލައަށް ބަޔާން ނެރުނަސް ކެމްޕޭން އޮފީހުން ބަޔާން ނެރުނަސް އެކަން މީހަކު ގަބޫލެއް ނުކުރާނެއެވެ. އެއީ ޖޯކެއްވެސް ނޫނެވެ. މަލާމާތެއްވެސް ނޫނެވެ. އެއީ ތިމާގެ ފެންވަރުދަށްކަމެވެ. ކުފޫ ހަމަނުވާ ކަމެވެ. ގޮތެއްފޮތެއް ނެތްކަމެވެ. އަމިއްލަ ޕާޓީގެ ރައީސަކު ވެރިކަމުގައި ހުއްޓާ އެރައީސަށް ޕާޓީގެ އިސްވެރިން އިހުތިރާމު ނުކޮށް ގޮތެއް ފޮތެއް ނެތި ދިމާކޮށްލުމުން އެވެއްޓެނީ އަމިއްލަ އަގު އެކަންޏެއް ނޫނެވެ. އެވެއްޓެނީ ޕާޓީގެވެސް އަގެވެ. ރައްޔިތުންގެ ކުރިމަތީގައި ތިމާގެ އަގު އަމިއްލައަށް ވައްޓާލައި ޕާޓީގެ އަގު ވައްޓާލީމާ ދެން ރައްޔިތުން ކުރާނީ ކޮން އިހުތިރާމެއް ހެއްޔެވެ؟

ތިޔަ ކުރެއްވި އަމަލުތައް ބަލައިގަނެ ޝިފާއަށް މާލޭގެ ރައްޔިތުން ވޯޓެއް ދީފިނަމަ މާލޭގެ ރައްޔިތުން އަމިއްލައަށް ލަދުގަންނަން ޖެހޭނެއެވެ. ޖާބިރު ލައިގެން އެވަރުގެ ހުތުރު އަމަލުތަކެއް ހިންގި މީހަކަށް ވޯޓު ދީފާ އެކަމާ ހިތާމަ ކުރަން ޖެހޭނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އެމްޑީޕީއަކީ ޑިމޮކްރެސީގެ ރިވެތި ސިފަތައް ދަމަހައްޓާން އަބަދުވެސް މަސައްކަތް ކުރާ ޕާޓީއެކެވެ. އިންސާނީ ހައްގުތަކާއި ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެކެވެ. އުސޫލުތަކެއްގައި ހިފަހައްޓާ ޕާޓީއެކެވެ. ޕާޓީގެ މަގާމެއް ދިނުމުގައި، ބަސްބުނުމުގައި، ހިންނަވަރެއް، ނައިފަރެއް، އައްޑޫއެއް، ކަޅެއް، ދޮނެއް، މުއްސަންޖެއް، ފަގީރެއް، ދަނޑުވެރިއެއް، މަސްވެރިއެއް، ޑޮކްޓަރެއް ތަފާތު ނުކުރާން ވަކާލާތުކުރާ ޕާޓީއެކެވެ. އެޕާޓީގެ އިސްވެރިން ނުކުމެ ހިންނަވަރު މީހަކަށް ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށް މީހަކު ގޮވާއިރު އަތްޖަހައި، ތަރުހީބުދީ، ހިތްވަރުދޭން ތިބުމަކީ މާލޭ މީހުންވެސް އަދި ރާއްޖޭގެ އެއްވެސް ރަށެއްގެ މީހުންވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން