ދަޢުލަތުގެ މާލީ ވުޒާރާ
ދަޢުލަތުގެ މާލީ ވުޒާރާ
އޮގަސްޓް މަހުގެ މުސާރަ ޖަމާކުރިއިރު ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް އިތުރަށް ޖަމާވި ފައިސާ ލިބުނު 32 މީހެއް އަނބުރާ އެފައިސާ ރައްދުކޮށްފައި ނުވާކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން މިއަދު ބުނެފައިވަނީ 1،796 މީހަކަށް އޮޅިގެން ފައިސާ ޖަމާކުރެވުނު ކަމަށާއި، އޭގެތެރެއިން 32 މީހުން ފިޔަވާ ބާކީތިބި މުވައްޒަފުން އިތުރަށް ޖަމާވި ފައިސާ އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި މަދުން މުސާރަ ޖަމާވި 34 މީހަކަށް އެ ފައިސާ މިހާރު ހަމަކޮށްދީފައިވާކަމަށްވެސް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ސަރުކާރު މުވައްޒަފުންނަށް އޮގަސްޓް މަހުގެ މުސާރަ ޖަމާވިއިރު ހެލްތު މިިސްޓްރީގެ ދަށުން ހިންގާ ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 70000 ރުފިޔާވެސް މުސާރައިގެ ގޮތުގައި ޖަމާވެފައިވެއެވެ. އަދި އެކަމާއި ގުޅިގެން މާލީ ވުޒާރާއިން އެދިގެން ބޭންކްތަކުން ވަނީ މުސާރައިގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޖަމާވި މުވައްޒަފުންގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.

މާލީ ވުޒާރާއިން މިކަމާއި ގުޅޭގޮތުން ބުނީ 2021 އޮގަސްޓް މަހުގެ މުސާރަ ޖަމާކުރިއިރު ހެލްތު ސެކްޓަރގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކުރުމުގައި އުނި އިތުރު އައިސްފައިވާކަމަށެވެ. މިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ 31 އޮގަސްޓް 2021 ވަނަ ދުވަހުގެރޭ 7:45 ގައިކަމަށާއި، މިގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުންކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މި މައްސަލަ ފާހަގަ ކުރެވުމާއެކު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ, އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސުން ބުނެއެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރައާއި ގުޅުންހުރި މަސައްކަތްތައް ރާވާފައިވާ ކަމުގައިވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން