ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބައްދަލުކުރެއްވުން
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަކީ ދަޢުލަތުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ބައްދަލުވުންތަކެއް ބާއްވަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ އެކުދިންނަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިއްޔެވެސް މިފަދަ މުހިއްމު އިތުރު ބައްދަލުކުރެއްވުމެއް ކުރިއަށްގެންދަވާފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކެބިނެޓްގެ ކަމާގުޅުންހުރި ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ވަޒީރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެ މަނިކުފާނު ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ، އެ މަރުކަޒުގައި ތިބި ކުދިންނާއި އެ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުޑަކުދިންގެ ހައްޤުތަކަށް ދެއްވާ ހާއްޞަ ސަމާލުކަން ފާހަގަކުރައްވަމުން، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުތައް ވުޖޫދަށް ގެނައުމުން ފެށިގެން އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދީ އެކުދިންގެ ކަންކަން ގާތުން ބަލައިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހާއްޞަ އިސްކަމެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ކޮންމެ ކުއްޖަކީވެސް ރަނގަޅު ކުއްޖެއް ގޮތުގައި މުޖުތަމައަށް ނެރެވޭ ކުއްޖަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން