މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ހެއްކާބެހޭ ބިލުގައި އޮތް މާއްދާ އިސްލާޙުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީން ގޮވާލައިފިއެވެ.

އެމްއެމްސީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމާމެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި، އަދި އެފަދަ ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކައުންސިލުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނާފައިވުމަކީ، އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އެމްއެމްސީން ބުނީ، ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭ ކަމަށާއި، މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

"މޯލްޑިވްސް މީޑިއާ ކައުންސިލުން ދެކޭގޮތުގައި، މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ މި ކައުންސިލުން ނުހަނު ކަންބޮޑުވާކަމެކެވެ." އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

ހަމަ އެފަދައިން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ޤާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަޤުވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމެއްކަން އެމްއެމްސީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއި ބެހޭ ބިލުންވެސް މިފާހަގަކުރެވުނު ބައިތައް އުނި ކުރުމަށް އެ ކައުންސިލުން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން