ފެނަކައިގެ މުވައްޒަފުންތަކެއް ޚިދުމަތުގައި
ފެނަކައިގެ މުވައްޒަފުންތަކެއް ޚިދުމަތުގައި
މަސައްކަތް ނުނިމެނީސް، ފައިސާ ދޫކުރުމުން ފެނަކައިގެ ދެ މުވައްޒަފަކަށް ދަޢުވާކުރަން އެންޓި ކަރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިރޭ ބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި 2017 ވަނަ އަހަރުގެ ތެރޭގައި ބިލިންގ ސޮފްޓްވެޔަރއެއް ހެދުމަށް "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ޙަވާލުކުރި ނަމަވެސް، އެ ޚިދުމަތް އަދި މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެޔަރ ނިމުނު ކަމަށް ލިޔުން ދޫކޮށް، ފައިސާ ދީފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކޮށްކޮށް ދިނުމަށް އެދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލާގައި، ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙްޤީޤުން އެނގޭތީ ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ޙަވާލުވެހުރި އިސްމާޢީލް ޝަމްޢޫން އާއި އެކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިޞިއްޔަތުން އޭރު މަސައްކަތް ކުރި އަޙްމަދު ނަޖާޙު ގެ މައްޗަށެވެ.

އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އަދި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާކުރުމަށެވެ.

އޭސީސީން ބުނީ، ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 08 ނޮވެމްބަރ 2017 ގައި ނިންމުމަށާއި، އެ ސޮފްޓްވެއަރ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއަރ ޑިޒައިން ކޮށް، އިމްޕްލިމެންޓް ކުރުމުންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވާ ކަމަށެވެ. އެހެންނަމަވެސް، 15 އޮކްޓޯބަރ 2018 ގެ ނިޔަލަށް ވެސް އެ ސޮފްޓްވެއަރ ނިންމާފައިނުވާކަމާއި، އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި އެ ސޮފްޓްވެއަރ އިމްޕްލިމެންޓް ކޮށްފައިނުވާކަން ތަޙްޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނިންމާފައި ނުވަނީސް، އެމަސައްކަތް 06 ނޮވެމްބަރ 2017 ގައި ނިންމާފައިވާކަމަށް ބަޔާންކޮށް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ސިޓީގައި އިސްމާޢީލް ޝަމްޢޫން އަދި އަޙްމަދު ނަޖާޙު ވެސް ސޮއިކޮށްފައިވެއެވެ.

އެހެންކަމުން އެމަސައްކަތަށްވާ ފައިސާ ފުރިހަމައަށް ދޫކޮށްފައިވަނީ، އިސްމާޢީލް ޝަމްޢޫން އަދި އަޙްމަދު ނަޖާޙު ސޮއިކޮށްފައިވާ ހުއްދައަށް ރިޢާޔަތްކޮށްގެންކަން ތަޙްޤީޤުން އެނގޭތީ، މިކަންކަމުގެ ސަބަބުން ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން ތަޙްޤީޤުން އެނގޭކަމަށް އޭސީސީން މިރޭ ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން