16 ވަނަ އެޕިސޯޑް

==========

[ދެން ތިފުރްޞަތު ލިބޭކަށް މާގިނަ ދުވަސްތަކެއް ނެތް. އިރާދަކުރެއްވިއްޔާ، މަންމަމެންނަށް އަޅުގަނޑުގެ މިނިންމުމާމެދު ހިތްހަމަޖެހުން ލިބޭނެ.] ނާއިލް ބުންޏެވެ.

ޝާޢިރާ އެތަނަށް އައިސް ވަނީ އެވަގުތެވެ. ޙަޤީޤަތުގައި ޝާޢިރާއާމެދު ނާޒިމާގެ ހިތްބަރު ނޫނަސް، ނާއިލް މިހާރު ޝާޢިރާއާ ދިމާއަށް ބަލައިލަންވެސް ބޭނުމެއް ނޫނެވެ.

އެހެންކަމުން، ޝާޢިރާ ވަނުމާއެކު ނާއިލް އެތަނުން ނުކުމެއްޖެއެވެ. ޝާޢިރާއަށް ޙަޤީޤަތުގައި ސިކުނޑީގެ މައްސަލައެއް ކުރިމަތިވެފައިވިޔަސް، އެކަން ޤަބޫލުކުރާކަށް ނާއިލް ބޭނުމެއް ނޫނެވެ.

[އަހަރެން މިތަނަށް ވަނީމާ އެމީހާ ދަނީތަ؟ އެއީ މިގޭ ކުއްޖެއްތަ؟ އެއީ ވަރަށް ނުލަފާ މީހެއް. އެކުއްޖާ ހުންނަނީ އަހަރެންދެކެ ރުޅިއައިސްފައި. އެމީހާ ކިތަންމެ ރުޅިއަޔަސް ވަރިހަމަ. އަހަރެން އެކުއްޖާދެކެ ރުޅިއެއް ނޫން.] ޝާޢިރާ ނާޒިމާގެ ގާތުގައި އިށީނެވެ.

[ޝާޢިރާ، އެކުއްޖާ ޝާޢިރާއަކާ ރުޅިއެއް ނޫނޭ. އެކުއްޖާ ޝާޢިރާދެކެ ވަރަށް ލޯބިވޭ. ބަލަ ތިޔައީ އެކުއްޖާގެ ކުޑަމަންމައޭ. އޭނާ އަބަދުވެސް ދައްކާ ޝާޢިރާގެ ރަނގަޅު ވާހަކަ....] ނާޒިމާ ބުންޏެވެ. އެވަގުތު އިލްޔާސް އެކޮޓަރިއަށް ވަންނަން އެތެރެއަށް ބޯދިއްކޮށްލުމަށްފަހު އެނބުރި ހިނގައިގަތް މަންޒަރު ޝާޢިރާއަށް ފެނުނެވެ. އެމަންޒަރު ފެނުމާއެކު، ޝާޢިރާ އިލްޔާސާ ދިމާއަށް އަތް އައިސްބަލާށޭ ބުނެ ގޮވަން ފެށިއެވެ.

[އޭތް ބޭބޭ އައިސްބަލަ، އެއީ ކަލޭގެ ދަރިއެއްތަ؟ އެއީ ވަރަށް ނުލަފާ ބޭބެއެއް.] ޝާޢިރާގެ އަޑަށް އިލްޔާސް ސިހުނެވެ. އިލްޔާސް ވަގުތުން ހުއްޓުނެވެ. ނަމަވެސް އޭނާ ފަސްއެނބުރި ބަލައިލުމަށްފަހު، އަނެއްކާވެސް ހިނގައިގެންފިއެވެ.

[އިލްޔާސް އައިސްބަލަ....ތިހާ ވަރަށް ރުޅިގަދަނުކޮށް، ރުޅި ކޮންޓްރޯލް ކުރަން ދަސްކޮށްބަލަ. އޭނާގެ ޙާލަތު މިހާރު އިލްޔާސަށްވެސް އެބަ އެނގެއެއްނު.] ނާޒިމާ އިލްޔާސް ހުއްޓުވިއެވެ. އޭނާ އެނބުރި އައިސް އެކޮޓަރިއަށް ވަނެވެ.

އޭނާ ވަނުމާއެކު ޝާޢިރާ ނިކަން ބާރަށް ހީނގެންފިއެވެ. އޭނާގެ އެފަދަ ޙަރަކާތްތަކުގެ ސަބަބުން އޭނާގެ ސިކުނޑީގެ މައްސަލައެއް ހަމަ ޙަޤީޤަތުގައިވެސް ހުރި ކަމަށް ނާޒިމާއަށް ޤަބޫލު ކުރެވުނަސް، އިލްޔާސް އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.

[ނާޒިމާ.....މިހިރަ އަންހެނާޔާމެދު އަދިވެސް ސަމާލުވާތި. މިހާރުވެސް އޭނާގެ ވިސްނުމަކަށްވާނީ، މިޢާއިލާތެރެއަށް ފިތުނަޔާއި ފަސާދައިގެ އަލިފާން އަޅަން. އޭނައަކީ ސިކުނޑީގެ އެއްވެސް އުނިކަމެއް ހުރި މީހެއް ނޫން. އެކަން ޤަބޫލުކުރާކަށްވެސް އަހަރެން ބޭނުމެއް ނޫން. ނަޝާގެ ޙައްޤުގައި އޭނާ އަލުން މިގެއަށް ގެނައިއިރު، ވިސްނާލިންތަ މާޒީއާމެދު.] އިލްޔާސް ބުންޏެވެ. އޭރު ޝާޢިރާ ހީނހީފައި އިލްޔާސަށް މަލާމާތް ކުރަމުން ދަނީއެވެ.

[ކަލޭތީ އިންސާނެއް ނޫން. ތިއީ ނުލަފާ މީހެއް. އަހަރެން ކަލޭދެކެ ރުޅި.] މިހެން ބުނެފައި ޝާޢިރާ އިލްޔާސާ ދިމާއަށް ލޯއަޅަމުން އެތަނުން ނުކުމެއްޖެއެވެ.

[އިލްޔާސް، ތިޔަހާ ރަޙުމްކުޑަވާކަށް ނުވާނެ. މިހާރު ޝާޢިރާއަކީ ހަމަ މީހެއް ނޫން. އަހަންނަށް ޔަޤީން، އޭނާއަކީ ހަމަ މީހެއް ނޫންކަން. ކޮންމެ ގޮތެއްވިޔަސް، އޭނާ މަގުމަތީގައި އެހާލުގައި އެނބުރެމުންދާ ކަމަށްވާނަމަ، ހުތުރު ނަން ލިބޭނީ އިލްޔާސަށާއި މިޢާއިލާއަށް. ވަރަށްގިނަ ބަޔަކަށް އެނގޭނެ އެއީ އިލްޔާސްގެ އަންބެއްކަން. އަހަރެން އަލުން އޭނާ ގެންނަން ނިންމީވެސް ޢާއިލާގެ ޤަދަރަށްޓަކައި.] ނާޒިމާ އިލްޔާސަށް ވިސްނައިދިނެވެ.

ތިޔައީ ތެދެކޭ ބުނާފަދަ ގޮތަކަށް އިލްޔާސް ބޯޖަހާލިވެސްމެއެވެ.

[އެކަމަކުވެސް އޭނާއަށް މާގިނަގިނައިން އަހަރެންގެ ކުރިމައްޗަށް އައުމުގެ ފުރްޞަތު ލިބިގެން ނުވާނެ. އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށްވާނަމަ، ގުރައިދުއަށްވެސް ފޮނުވިދާނެ. ނަޝާއާ މަޝްވަރާކޮށްފައި އެކަން ކުރަން ވިސްނަންވީނު.] އިލްޔާސް ބުންޏެވެ. އެއީ ޝާޢިރާގެ ޙަޤީޤީ ޙާލަތު ސާބިތުވެގެން ހިނގައިދާނެ ކަމެއްވެސްމެއެވެ.

އޭނާއަކީ ހެދިގެން އުޅޭ މީހެއް ކަމަށްވާނަމަ، ހަމަގައިމުވެސް ގުރައިދޫގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒަށްދާކަށް އެއްބަހެއް ނުވާނެއެވެ. އިލްޔާސްގެ މަޤްޞަދަކީވެސް އޭނާގެ މިހާރުގެ ޙަޤީޤަތް ދެނެގަތުމެވެ. ކޮންމެހެން ޝާޢިރާ އެތަނަކަށް ފޮނުވާލާކަށް ފަހަރެއްގައިވެސް އޭނާ ބޭނުންވަނީކީއެއް ނޫނެވެ.

[އަހަރެން ބޭނުން އޭނާ ހެދިގެން އުޅެނީތޯ ސާބިތު ކުރަން. ހަމަގައިމުވެސް އޭނާ ހެދިގެން އުޅެންޏަކާ އެރަށަކަށް ނުދާނެ.] ދޮރުމަތީގައި ހުރެގެން ޝާޢިރާ އެވަގުތު އިލްޔާސްމެން ދެއްކި ހުރިހާ ވާހަކަތަކެއްވެސް ކަނުލާ އަޑުއެހިއެވެ. އޭނާ ސިއްރު ސިއްރުން އެތާއިން މަންޒަރު، އެގޭގައި އުޅޭ މަރީނާއަށްވެސް ފެނުނެވެ.

އެހާ ހިސާބުން ކުރިންވެސް ޝައްކުގެ ނަޒަރުން ބަލަމުން އައި މަރީނާގެ ހިތުގައި އިތުރަށް ސުވާލު އުފެދުނެވެ.

ޒޭނާއާއި އޭނާގެ މަންމަ ޒާހިދާގެ އިތުރުން، ދޮންބައްޕަ ފުވާދު މާލެ އައީ ޖެހިގެން އައި ހޯމަ ދުވަހުއެވެ. އެޢާއިލާ ފޭބީ، ނާއިލް އެޢާއިލާ ތިބުމަށްޓަކައި ހިފި އެޕާޓްމަންޓަށެވެ.

[މަންމާ....ބައްޕާ....ޒޭނާގެ ފެމެލީ މާލެ އަތުވެއްޖެ.] މިރޭ އެމީހުން މިގެއަށް އަންނާނެ. ބައްޕަވެސް އެގަޑީގައި ގޭގައި ހުންނަންވާނެ. ބޮޑުބޭބެ ގާތުވެސް ބުނަންވާނެ ގޭގައި މަޑުކުރަން.] ނާއިލް ޒޭނާމެން މާލެ އައި ޚަބަރު ބައްޕަމެނަށް ދެމުން ބުންޏެވެ.

[މިރޭ އެމީހުންގެ ކެއުމުގެ ކަންތައް މިގޭގައި ހަމަޖައްސަންވީނު. އެއީކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ. އޭރުން އެންމެން އެއްތަންވާން ފަސޭހަވާނެ.] ނާޒިމާ ބުންޏެވެ.

[އެންމެ ރަނގަޅު އަހަރެން ބުނާނަން. އަހަރެން މިއައީ އެގެއަށް މިގެއިން މީހަކުވެސް ގެންގޮސްލާފައި. އޭނާ މިރެއަށް ކައްކާނެކަންނޭނގެ.] ނާއިލް މިހެން ބުނެފައި ޒޭނާއަށް ގުޅިއެވެ. ޙަޤީޤަތުގައި ޒޭނާ ހުންނަނީ ވަރަށް ބޮޑަށް ހިތްނުތަނަވަސްވެފައެވެ. ނާއިލްގެ ޢާއިލާގެ ފަރާތުން އޭނާއާމެދު ނުރުހުންފާޅުކޮށްފާނެ ކަމަށް އޭނާއަށް ހީކުރެވެނީއެވެ.

އެރެއެވެ. ޒޭނާގެ ޢާއިލާ ބަލާ ދިޔައީ ނާއިލާއި އޭނާގެ ރަޙްމަތްތެރިޔާ ސިޔާދެވެ. އޭރު އިލްޔާސާއި ނާޒިމާގެ އިތުރުން ނާޒިމާގެ ކޮއްކޮ ޔޫސުފް، އެމީހުންގެ އިންތިޒާރުގައި ސިޓިންގރޫމްގައި ތިއްބެވެ.

[އަވަހަށް ހިނގާ، ބައްޕަމެން އެބަތިބި އިންތިޒާރުގައި.] ނާއިލް ކާރަށް އެރިއެވެ. ފަހަތުން ޒޭނާއާއި އޭނާގެ ޢާއިލާވެސް ކާރަށް އެރިއެވެ.

ޒޭނާމެން ތިބުމަށްޓަކައި ހިފާފައިވާ އެޕާޓްމަންޓަކީ ނާއިލްގެ ގެޔާ މާދުރުގައިވާ ތަނަކަށް ނުވުމާއެކު، ފަސްވަރަކަށް މިނިޓްތެރޭ ނާއިލްގެ ގެއަށް އާދެވިއްޖެއެވެ.

ކާރުން ފައިބައިގެން އަންނާށޭ ބުނެފައި ފުރަތަމަ ގެއަށް ވަނީ ނާއިލެވެ. އެއަށްފަހު، ޒޭނާއާއި އޭނާގެ ދޮންބައްޕަ ފުވާދެވެ. ޒާހިދާ ވަނީ އެންމެފަހުންނެވެ.

ސޯފާގައި ނާޒިމާގެ ގާތުގައި އިން ޔޫސުފް، ޒާހިދާއަށް ފެނުނީ އެތެރެއަށް ވަދެވުނުފަހުންނެވެ. އެއާއެކު ހީވީ އޭނާގެ ދެފައިގައި ކަސްތޮޅު އެޅުނުހެންނެވެ. އޭނާ ގަނޑުވިކަހަލައެވެ. ދެލޯ ބޮޑުކޮށްގެން ޔޫސުފާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޔޫސުފަށްވެސްވީ ހަމަ އެގޮތެވެ. ޒާހިދާ ފެނުމާއެކު، ޔޫސުފަށް ހުރިތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

[ޒާހި...ދާ.....] ޔޫސުފަށް ޒާހިދާއަށް ގޮވާލެވުނީވެސް ބޭއިޚްތިޔާރުގައެވެ. ހަމައެއާއެކު ޒާހިދާ ނިކަން ހަލުވި ފިޔަވަޅުތަކަކާއެކު އެގެއިން ނުކުމެއްޖެއެވެ. ވީގޮތެއް ނޭނގިގެން ސުވާލުތަކެއްގެ ތެރޭގައި ހުރި ޒޭނާވެސް ފަހަތުން ނުކުމެއްޖެއެވެ.

[ކިހިނެއްވީ މަންމާ....؟] މަންމައާއެކު ބޭރަށް ނުކުމެ ޒޭނާ އެއްސެވެ.

[އެއްވެސް ކަމެއްނުވޭ. މަންމަ ބޭނުންވަނީ އިހަށް މިވަގުތު ގެއަށްދާން. ހިނގާ މަންމައާއެކު ގެއަށް.] އެއީ ނާއިލްވެސް އެތަނަށް ހުއްޓުނު ވަގުތެވެ. ވުމާއެކު، ޒާހިދާ ގެއަށްދާން ބޭނުންވެގެން އުޅޭކަން އޭނާއަށް އެނގުނުވެސްމެއެވެ.

[މަންމާ....ތިޔަހެން ހަދާކަށް ނުވާނެ. މިރޭ މިގެއިން ކާލައިގެން ދާން ވަންނަންވީނު.] ޒޭނާ މަންމަގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް، ޒާހިދާ އެގޮތަށް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ.

[އަހަރެން މިވަގުތު ބޭނުންވަނީ މިގެއިން ދާން. އަހަރެން އެގެއަށް ގެންގޮސްދީ...] ޒާހިދާ ގޮތެއް ދުލެއްނުކުރިއެވެ.

ވުމާއެކު، ނާއިލް އޭނާ ގޮވައިގެން ގޮސް ގެއަށްލިއެވެ. ޒާހިދާއާއެކު އޭނާގެ ފިރިމީހާއާއި ޒޭނާވެސް ދިޔައެވެ.

މަންމަ އެގޮތަށް ޢަމަލުކުރި ސަބަބު ހޯދަން އިތުރަށް ޒޭނާ މަސައްކަތް ކުރަންފެށީ އެމީހުން ތިބުމަށްޓަކައި ނާއިލް ހިފާފައިވާ ގެއަށް އާދެވުމުންނެވެ.

ނާއިލްވެސް ތަކުރާރުކޮށް ސުވާލު ކުރިއެވެ. ނަމަވެސް، އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ. ވުމާއެކު، އެގޭގައި އެތައްއިރެއް ވަންދެން ހުރުމަށްފަހު ނާއިލް ގެއަށް ދިޔައީ، އޭނާގެ ބޮޑުބޭބެ ޔޫސުފާ ވާހަކަ ދައްކައިގެން އޮޅުންފިލާތޯއެވެ.

[ބޭބޭ....ބުނެބަލަ ކިހިނެއްތަ ވެގެން މިއުޅެނީ. ބޭބެ ފެނުނީމާ، ޒޭނާގެ މަންމަ ނުކުމެގެން ދިޔައީ ކިއްވެގެންތަ؟] ނާއިލް ގެއަށް އައިސް ޔޫސުފާ ސުވާލު ކުރިއެވެ. އޭރު ނާއިލްގެ މަންމަ ނާޒިމާވެސް ޔޫސުފާ ސުވާލު ކުރަމުން ދަނީއެވެ.

[ނާއިލް...ޒޭނާއަކީ ޒާހިދާގެ ދަރިފުޅުތަ؟ ބޭބެއަކަށް ހިއެއްނުވޭ، އޭނާ ރުހޭނެހެނެއް.] ޔޫސުފް ދެއަތަކަށް ބޯހޫރާލިއެވެ.

[އާނ...އެއީ ޒޭނާގެ މަންމައަކީ...އެކަމަކު ޒޭނާގެ ބައްޕައަކީ ކާކު ކަމެއް ޒޭނާއަކަށްވެސް ނޭނގެ. ޒޭނާ އަހަރެން ގާތު ބުނީ އޭނާގެ ބައްޕަ، އޭނާގެ މަންމައާ ކައިވެނި ކުރުމަށްފަހު މާލެ އައިގޮތަށް ޚަބަރެއްނުވާ ކަމަށް. އަދި ޒޭނާއަށް ބަލިވެއިންކަންވެސް ނޭނގި ވަރިކުރީ ކަމަށް އެނގިފައިވަނީ....] ނާއިލް އޭނާއަށް އެނގިފައިވާ މަޢްލޫމާތުތައް ބޭބެއާއެކު ޙިއްޞާ ކުރިއެވެ.

[ދަރިފުޅާ ނާއިލް....ޒާހިދާއަކަށް އެއްވެސް ޙަޤީޤަތެއް ނޭނގޭނެ. ޒާހިދާ ނިންމައިގެން ހުންނާނީ، އޭނާގެ ދަރިފުޅުގެ ބައްޕައަކީ ބޭވަފާތެރި ކުށްވެރިއެއް ކަމަށް. އެކަމަކު ޒޭނާގެ ބައްޕަގެ އެއްވެސް ކުށެއް ނެތް. އެއީ ޙާލަތު މެދުވެރިކުރުވި ގޮތް. ތަޤްދީރުގެ ހިތްދަތި ނިންމުމެއް.] ޔޫސުފް ފެންކަޅިވިއެވެ.

[އެއީ ކެހިވެރިއެއް. ބޭވަފާތެރިއެއް. ދަރިޔަކު އޭނާގެ ހުރި ކަމެއްވެސް ނޭނގެ. އޭނާ އަހަރެން ދޫކޮށްލީ، ޙާލަތާމެދު އެއްވެސްވަރަކަށް ވިސްނާފައެއް ނޫން.] ޒާހިދާ ރޮއިރޮއިފައި ޒޭނާގެ ބައްޕަގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.

[މަންމާ، އަޅެ ތިދައްކާ ވާހަކަ ވިސްނޭގޮތަށް ކިޔައިދީބަލަ. ކޮބައިތަ ތިބުނާ ކެހިވެރިޔަކީ....] ޒޭނާ އެއްސެވެ.

[ޔޫސުފް. ދަރިފުޅާ މަންމައަށް ކެހިދިން ދަރިފުޅުގެ ބައްޕައަކީ ޔޫސުފް. އާނ ޔޫސުފް، އޭނާ މަންމައާ ކައިވެނި ކުރުމަށްފަހު، މަހެއްހާ ދުވަހު ރަށުގައި އުޅެފައި މާލެ އައިގޮތަށް އެއްވެސް ޚަބަރެއްނުވޭ. ފަސްމަސްކޮށްފައި ވަރިކުރިކަން އެންގީ. އޭނާ އަހަރެން ވަރިކުރީ އަހަރެން އެވަގުތު އިން ޙާލަތުވެސް ބަލައިނުލާ. ދަރިފުޅާ، އެކަހަލަ މީހަކު ފެންނަފަށަށްދާކަށް މަންމަ ބޭނުމެއް ނޫން. އޭނާގެ ލޯތްބާނުލާ ދަރިފުޅު ބަލައި ބޮޑުކުރިޔަސް، ދަރިފުޅަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދެން މިމަންމައެއް.] ޒާހިދާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.

[އަހަރެންވެސް އެކެހިވެރިޔާގެ މޫނު ފެންނަ ހިސާބަށްދާކަށް ބޭނުމެއް ނޫން. ތިޔަ ލޮބުވެތި މަންމަގެ ފަރާތުން އަހަންނަށް ލޯތްބާއި އޯގާތެރިކަން ލިބުނު. މަންމާ...މަންމަގެ ރުހުން ނެތިސް އަހަރެން އިތުރަށް ނާއިލާ ގުޅުން ކުރިއަށް ގެންދާކަށްވެސް ބޭނުމެއް ނޫން.] ޒޭނާއަށްވެސް ރޮވެން ފެށުނެވެ.

[ދަރިފުޅާ....ނުރޮއި ހުއްޓާލާ...މަންމަ ދަރިފުޅުގެ އެބައްޕަގެ ކުރިމައްޗަށް ދާން ބޭނުންނުވިޔަސް، ދަރިފުޅުމެން ދެކުދިންގެ ލޯތްބަށް ހުރަސްއަޅާކަށް މަންމަ ބޭނުމެއް ނޫން.] ޒާހިދާ، ޒޭނާގެ ދެލޯ ފޮހެދޭން ފެށިއެވެ.

[ނޫން..މަންމާ...މަންމައަށް ނުދެވޭ ތަނަކަށްދާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ނުދާނަން. އަވަހަށް ހިނގާ ރަށަށްދާން. ބައްޕާ، ރަށަށް ފުރާ އޮޑިއެއް އޮތްތޯ ބަލާފައި ހިނގާ ދާން.] ޒޭނާގެ ދެލޮލުން އަދިވެސް ކަރުނަ ހިލެމުން ދަނީއެވެ.

މަންމައަށްޓަކައި ނާއިލާ ދުރަށް ދިޔުމަށް ކިތަންމެ މަސައްކަތް ކުރި ކަމުގައިވިޔަސް، ނާއިލަކީ އޭނާގެ ހިތާއި ފުރާނައާ ގުޅިފައިވާ މީހެކެވެ. އޭނައާއި ނާއިލްގެ ލޯތްބަކީ، އެތައް ޒަމާނެއް ވެފައިވާ މަތިވެރި ލޯތްބެކެވެ. އެހެން ނަމަވެސް، މިއަދު އޭނާ އެވިސްނަނީ އެ ލޯބި ކަފުން ކުރުމަށްފަހު، އުފަން ރަށަށް ފުރައިގެންދާށެވެ. ހަމަގައިމުވެސް އޭނާ އެގޮތަށް ނިންމައިފިކަން އެނގޭ ވަގުތަކީ، ނާއިލްގެ ހިތަށް ނުހަނު ފުން އަސަރުތަކެއް ކުރާނެ ވަގުތެކެވެ.

[ދަރިފުޅާ، މަންމަ އެގެއަށް ނުދިޔަ ކަމުގައިވިޔަސް، ދަރިފުޅުގެ ލޯބި ޤުރްބާން ކުރާކަށް ނުވާނެ. ނާއިލަކީ ދަރިފުޅާ ޢާއިލީ ގުޅުންހުރި ކުއްޖެއް ކަމުގައިވިޔަސް، ތިދެކުދިންގެ މެދުގައި މިހާރު ވަނީ އެހެން ގުޅުމެއް. ދަރިފުޅުގެ އުފާތަކަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ދަރިފުޅު ކޮށްގެން ނުވާނެ.] ޒާހިދާ، ޒޭނާގެ ބޮލުގައި ފިރުމާލިއެވެ.

ނާއިލާއި އޭނާގެ މަންމަ ނާޒިމާ އަދި އިލްޔާސާއި ޔޫސުފް އެގެއަށް އައިސް ވަނީ އެވަގުތުއެވެ.

އެމީހުން ވަނުމާއެކު، ޒާހިދާ އުޅުނީ ކޮޓަރިއަށް ވަންނާށެވެ. ނަމަވެސް، އެވަގުތު ޒާހިދާ ހުއްޓުވީ ނާއިލްގެ މަންމަ ނާޒިމާއެވެ.

[ޒާހިދާ...ޙަޤީޤަތް އެނގި ހާމަނުވާހާ ހިނދަކު ޒާހިދާގެ ހިތް ސާފެއް ނުވާނެ. މަޑުކުރޭ...ޒާހިދާ...] ނާޒިމާގެ އަޑަށް ޒާހިދާ މަޑުޖެހިލިއެވެ.

[ޙަޤީޤަތް ހޯދާކަށް އަހަރެން ބޭނުމެއްވެސް ނޫން. ތިޔަހުރި ކެހިވެރިޔާގެ ކުރިމަތީގައި ހުންނާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއް ނޫން. އަހަރެންގެ ޒުވާން ޢުމުރުގައި އަހަރެންގެ ދިރިއުޅުން ނަގާލައި، އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ނުލިބި، އެލޯބިން މަޙްރޫމްވާން ދިމާވީ އެ ކެހިވެރިޔާގެ ކެހިވެރިކަމުގެ ސަބަބުން. އެކަމަކު ޔޫސުފްގެ ފަރާތުން ލޯބި ނުލިބުނަސް، މާތްﷲގެ ވާގިފުޅާއެކު، އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބިދޭނެ ބައިވެރިޔަކު އަހަންނަށް ލިބުނު. ޔޫސުފްގެ ލޯތްބާނުލާ އިރާދަކުރެއްވިއްޔާ އަހަރެން މިވަނީ ދަރިފުޅަށް ދިރިއުޅުމުގެ މައިދާނުގައި އަމިއްލަ ފައިމަތީގައި ހިނގައި އުޅެވޭވަރު ކޮށްދީފައި. މިހާރަކު ކޮންމެހެން ޔޫސުފްގެ އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން.]

އޭނާގެ ހަނދާނުގެ ސްކްރީނަށް ހިތްދަތި މާޒީ ތަޞްވީރުވަމުން ދަނީއެވެ.

ތެދެކެވެ. ޒޭނާއަށް ބަލިވެއިން ދުވަސްވަރާއި ޒޭނާ އުފަންވެ، ޒޭނާއަށް އަހަރު ފުރެންދެން އޭނާއަށް އުޅެން ޖެހިފައިވަނީ ނުހަނު ހިތްދަތިކަމާއެކު އެކަނިވެރި ޙާލުގައެވެ. އޭރު އޭނާގެ ޢާއިލާގައިވެސް އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެފަދަ ތަނަވަސްކަންހުރި މީހަކު ނެތެވެ.

އޭނާގެ ނަޞީބު އަތުގައި ހިފީ، އެތައް ޒަމާނެއް ވަންދެން ރަށުން ބޭރުގައި ދިރިއުޅުމަށްފަހު، އޭނާގެ މިހާރުގެ ފިރިމީހާ ފުވާދު، އެރަށަށް އައިސް، އޭނާއަށް އެހީތެރިވުމަށް ނިންމި ހިސާބުންނެވެ.

[ޒާހިދާ...ޒާހިދާގެ ވާހަކަތައްވެސް އަހަރެމެން ކެތްތެރިކަމާއެކު އަޑުއަހައިފިން. ހަމަ އެގޮތަށް ޒާހިދާވެސް އަހަރެންގެ ކޮއްކޮ ޔޫސުފްގެ ވާހަކަވެސް ކެތްތެރިކަމާއެކު އަޑުއަހާނެ ކަމަށް އުއްމީދު ކުރަން.] އޭރު ޔޫސުފްވެސް ހުރީ ފެންކަޅިވެފައެވެ.

[އަހަރެން ޔޫސުފްގެ ވާހަކަ އަޑުއެހުމުގެ މާނައެއް އޮތް ކަމަކަށް ނުދެކެން. ޔޫސުފްގެ ދަރިފުޅު، އަހަރެން އޭނާ މިހިސާބަށް ގެނެސްފައި މިވަނީ ޔޫސުފްގެ ލޯތްބާނުލާ. ކޮންމެހެން މިއަދަކު ޔޫސުފްގެ އެހީތެރި ކަމެއްވެސް އަހަރެން ބޭނުމެއް ނޫން.] ޒާހިދާ ދެންވެސް އުޅުނީ ކޮޓަރިއާ ދިމާއަށް ހިނގައިގަންނާށެވެ. މިފަހަރު އޭނާ ހިފެހެއްޓީ ސީދާ ޒޭނާއެވެ.

[މަންމާ...އެކޮޅުން ދައްކާ ވާހަކަވެސް އަޑުއަހަންވާނެ. ބައްޕައަށްވެސް ކިތަންމެ ބޮޑު ހުރަސްތަކެއްވެސް މެދުވެރިވެފައި އޮވެދާނެ. ކެތްތެރިކަމާއެކު އަޑުއަހަން މަންމަވެސް މަޑުކޮށްބަލަ.] ޒޭނާ، އޭނާގެ މަންމަގެ އަތުގައި ހިފެހެއްޓިއެވެ.

[ދަރިފުޅާ، ދަރިފުޅު ކިތަންމެވަރަކަށް ބުންޏެއްކަމަކު، މިމަންމަ، ދަރިފުޅުގެ ބައްޕަގެ ސަބަބުން ހާދަ ހިތްދަތިކަމެއް ބަރުދާސްތު ކުރީމޭ. އޭގެފަހުން މިހާރު ވިހި އަހަރު ވެގެން ދިޔައީ. ވިހި އަހަރު ފަހުން ތިމަންނާއަށް ހުރަސްތަކެއް ކުރިމަތިވެގެން އަޅާނުލެވުނީއޭ ބުނީމާ، ޤަބޫލު ކުރެވޭނެތަ. ނުވާނެ އެކަމެއް....އާނ...ނުވާނެ.] ޒާހިދާއަށް ރޮވުނެވެ.

[ޒާހިދާ ޤަބޫލު ކުރިޔަސް ނުކުރިޔަސް، ޔޫސުފް އަމިއްލަ އިޚްތިޔާރުގައި ނޫނީ ޤަޞްދުގައި ޒާހިދާއަށް އެއްވެސް ގެއްލުމެއް ދީފައެއް ނޯންނާނެ. ޔޫސުފް ރަށަށް ގޮސް ކައިވެންޏެއް ކުރިކަން އެނގުމާއެކު، ޔޫސުފް މާލެ ގެނައީ. މާލެ ގެނައިތާ މަހެއްހާ ދުވަސްވެސް ނުވަނީސް ޔޫސުފް ބަލިވީ. ވަރަށް ބޮޑަށް ބަލިވީ. ނުއެއް ހިނގޭ، ވާހަކައެއް ނުދެއްކޭ. މީގެ އެއްމަސް ދުވަސް ކުރިއާ ހަމައަށް އެހިތްދަތިހާލުގައި ޔޫސުފްވެސް އަދި އަހަރެންވެސް އޮތީ....ޔޫސުފްގެ ޞިއްޙީ ޙާލު ރަނގަޅުވުމާއެކު، ޒާހިދާގެ ޙާލު އޮޅުންފިލުވަން ޔޫސުފް ބޭނުންވި. ޔޫސުފާއި އަހަރެން އުޅުނު ޙާލު ޒޭނާއަށްވެސް އެނގޭނެ.] ނާޒިމާއަށް މިވާހަކަ ކިޔައިދެވުނުއިރު ރޮވުނެވެ. އޭރު ޔޫސުފްގެ ލޮލުންވެސް ކަރުނަ ހިލެމުން ދަނީއެވެ.

[ދައްތަ އެބުނީ ތެދެއް. ޒާހިދާ، ދަރިފުޅާ، ބައްޕަ ކިރިޔާވެސް ހޭވެރިކަމެއް ހުރިނަމަ، ބައްޕަ ދަރިފުޅާ އަޅާލީމުސް. އަދި ދަރިފުޅަށް ލޯބި ދިނީމުސް. އާދޭ، ބައްޕަގެ މިދެއަތުގެ ތެރެއަށް ވަންނަން.] ޔޫސުފް ދެއަތް ދިއްކުރިއެވެ. ރޮމުން ގިސްލަމުން އައިސް ޒޭނާ، ބައްޕަގެ މޭގެތެރޭގައި ބޮނޑިވެލިއެވެ. އޭރު ޔޫސުފްގެ ކުށެއް ނެތްކަން އެނގުމުން، ޒާހިދާވެސް ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ.

[ޔޫސުފް، ކީއްވެގެންތަ އަހަންނަށް ނޭންގީ. ޙާލަތު އަހަންނަށް އެންގިނަމަ، އަހަރެން ޔޫސުފަށް އެހީވާން ހުރީމުސް. މިހާރު އަހަރެން ވަރަށް ދެރަވެއްޖެ.] ޒާހިދާ ބުންޏެވެ.

ޒާހިދާގެ މިހާރުގެ ފިރިމީހާވެސް އެތަނުގައި ހުއްޓެވެ. އޭނާ އެއްވެސްކޮޅަކަށް ވާހަކައެއް ނުދައްކައެވެ. އޭނާއާއި ޒާހިދާގެ ކައިވެންޏަށް ކުއްޖަކު ލިބިފައިވީ ކަމުގައިވިޔަސް، އޭނާ ޤަބޫލުކުރާ ގޮތުގައި ޒާހިދާ ބޮޑަށް ލޯބިވާނީވެސް އަދި ޒާހިދާ އެންމެ ހިތްހަމަޖެހޭނީވެސް ޔޫސުފާއެކު ދިރިއުޅުމުގެ ބާކީބައި ހޭދަކުރާނެ ފުރްޞަތު ލިބިއްޖެނަމައެވެ.

[އަހަރެން މިއަދު ވަރަށް ދެރަވެއްޖެ. ޒާހިދާއާއި ޔޫސުފްގެ ދިރިއުޅުމުގެ ތެރެއަށް ޙަޤީޤަތުގައި މިވަދެވުނީ އަހަންނަށް. އެކަމަކު އަހަރެމެން ދެމަފިރިންނަށް ކުއްޖަކު ލިބިފައިވި ކަމުގައިވީ ނަމަވެސް، ޒާހިދާ ހިތްހަމަޖެހޭ ގޮތެއް ހޯދައިދިނުމަކީ، އަހަރެންގެ ވާޖިބެއް ކަމަށް އަހަރެން ޤަބޫލުކުރަން.] ފުވާދު އެމީހުންގެ 13 އަހަރުގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު


6

ސަދިޔާ

15-May-2020

އަޅެ ތަންކޮޅެއް ދިގުކޮށް ލިޔެބަލަ ކޮންމެ ރެޔަކު ބާރަޖަހަންދެން މި ކިޔަން އިންތިޒާރުގަ މަ ވެސް މި ހުންނަނީ ހަބޭސް ވާހަކަ އެއް


3

ސޮފްވާން

15-May-2020

އަބަދު ވެސް މިކަހަލަ ވާހަކަ ލިޔަންޏާ މަ ކިޔާނަން ވާހަކަ އަކުން ފެންނަން ޖެހޭ ހުރިހާބައިތަކެއް ވެސް މީގެން އެބަފެނޭ ވަރަށް ރީތި ވާހަކައެއް މީ


19

ރިފްޝާ

15-May-2020

އަހަންނަށް ކަމުދަނީ މި ސްޓައިލް އަން ލިޔެފައި ހުންނަ ވާހަކަ ތައް ފުރިހަމަ ވާހަކަ އެއް މީ


27

ހުސްނި

15-May-2020

ހިތްހަމަޖެހިލައިގެން ކިޔާލެވޭ ވާހަކަ އެއް


18

ސަމަން

15-May-2020

އަޅެ ތަންކޮޅެއް ދިގުކޮށް ލިޔެބަލަ ކޮންމެ ރެޔަކު ބާރަޖަހަންދެން މި ކިޔަން އިންތިޒާރު ކޮއްގެން މި ހުންނަނީ ހަމަ ވާހަކަ ރީތިކަމުން


16

ސަނާ

15-May-2020

ވަރަށް ސަޅި ކިޔާ ފޫހިނުވި ވާހަކަ އެއް



ޓްރެންޑިން