ޕޮލިހުން އަދުހަމް ހައްޔަރުކުރަނިކޮށް
ޕޮލިހުން އަދުހަމް ހައްޔަރުކުރަނިކޮށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަހުމަދު އަދުހަމްގެ ޝަރީއަތުގެ ބާކީހުރި ބައިތައްވެސް ސިއްރުކުރަން މިއަދު ނިންމައިފިއެވެ.

އަދުހަމްގެ އެދުމުގެ މަތިން މިހާރު މުޅި ޝަރީއަތް ސިއްރުން ކުރިއަށް ގެންދިއުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

އެގޮތުން މި މަހު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުންވެސް ވަނީ ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމަށްފަހު އަދުހަމާއި، ދައުލަތުން އެދިގެން ސިއްރުކޮށްފައެވެ. އެއީ ޤައުމީ ސަލާމަތަށް ނުރައްކާވާ ބައެއް މައުލޫމާތު ހާމަވާނެތީ އެބައި ސިއްރު ކުރީކަމަށްވެސް ފަނޑިޔާރުން ވަނީ ހާމަކޮށްފައެވެ. މި އަޑުއެހުމުގައި އަދުހަމާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.

އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއްކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން ހިމެނެއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، ޖިނާއީ އިޖުރާތުގެ ޤާނޫނުން ދޭ އިޙްތިޔާރުގެ ދަށުން ކުށަށް އިއުތިރާފްވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާއަށް 23 އަަހަރުގެ ހުކުމަކަށް ވަނީ އެއްބަސްވެފައެވެ.

އަދުހަމަކީ މޭ ހަވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ ތެރޭގައި ހުރެ ރައީސް ނަޝީދު ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ. އަދި މިކަމުގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާއިރު، އެވަގުތު އެތަނުގައި ތިބި މީހުންގެ ފުރާނައަށް ވެސް ވަނީ މިކަމުން ނުރައްކާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން