ޢަބްދުﷲ ފަރީދް
ޢަބްދުﷲ ފަރީދް
ވިދަމުން އަންނަ ލަވަކިޔުންތެރިޔާ ޢަބްދުﷲ ފަރީދްގެ ހިތުގެ ޤަރާރޭ މީ ގިނަބައެއްގެ ހިތްތަކާ ކުޅެލައިފި އެވެ.

މެދުއުޑުގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ ލަވަކިޔުންތެރިޔާ ޢަބްދުﷲ ފަރީދް ވަނީ ދާދިފަހުން އެންމެންގެ މަޤުބޫލުކަން ހޯދާފައިވާ ހިންދީ ލަވަ "ދިލް ކޮ ކަރާރް އާޔާ" ލަވައިގެ ދިވެހި ވާޝަންއެއް ނެރެފައެވެ. ޢަބްދުﷲ ގެ މިލަވައަށް އަންނަނީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބެމުންނެވެ. އަަދި ހަމަ އެހެންމެ މިލަވައިގެ ޓްރެއިލާއާއި އެކުވެސް ހަފްތާއެއްގެ ތެރޭގައި މިލަވަ ވަނީ މުޅި ސޯޝަލް މީޑިޔާގައިވެސް ވައިރަލް ވެގެން ގޮސްފައެވެ.

ޢަބްދުﷲ ފަރީދް ބުނެފައިވަނީ މިލަވަ އަކީ މިހާތަނަށް އޭނައަށް ތައްޔާރުކުރެވުނު އެންމެ ހިތްހަމަޖެހޭ އަދި އެންމެ ޚާއްސަ ލަވަ ކަމުގައެވެ. މިނޫނަސް "މަންމަ" މި ސުރުޚީއަށް ލަވަ ހަދާފައިވާ ޢަބްދުﷲ ފަރީދް ބުނެފައިވަނީ މިލަވަ މިހާ ޚާއްސަ ވެގެން ދިޔައީ މިލަވައަކީ އޭނާގެ ހިތުގެ އިޙުސާސްތައް އޭނާގެ މަންމައަށް ޑެޑިކޭޓްކޮށް ތައްޔާރުކުރެވިފައިވާ ލަވައަކަށް ވީތީއެވެ.

"އަޅުގަނޑު މީގެ ކުރިންވެސް "މަންމަ" މި ޓޮޕިކަށް ލަވަ ހަދާފައި ހުންނާނެ. ނަމަވެސް މިލަވައަކީ އަޅުގަނޑުމެންނަށްޓަކައި މަންމަ ވެފައިވާ، އަދި ވަމުންގެންދަވާ ޤުރުބާނީ ބަލައިގަތުމުގެ ގޮތުން އެކަމަނާއަށް ޚާއްސަކޮށް ހަދާފައިވާ ޅެމެއް." ޢަބްދުﷲ ފަރީދް ބުންޏެވެ.

އަދި މިލަވަ ތައްޔާރުކޮށް ނެރެން ޝައުގުވެރިވީ މިލަވައިގެ ޅެމުގެ ތަންކޮޅެއް ޓިކްޓޮކަށް ދޫކޮށްލުމުންވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔުމުން ކަމަށްވެސް ޢަބްދުﷲ ވަނީ ބުނެފައެވެ.

މިލަވައިގެ ރެކޯޑިންގް ހަދާފައިވަނީ މާސްކޭ ސްޓޫޑިއޯގައެވެ. "ހިތުގެ ޤަާރާރޭ މީ" މިލަވައިގެ ރެކޯޑިން، މިކްސިންގް އަދި މާސްޓަރިންގް ހަދައިދިން އަލީފް އަލީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވާކަމަށްވެސް ޢަބްދުﷲ ވަނީ ބުނެފައެވެ.

"އެހާ ފުރިހަމައަށް އަޅުގަނޑުގެ ލަވަ ނިންމާލަދެއްވީތީ އަލީފް އަލީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ޢަބްދުﷲ ބުންޏެވެ. އަދި މިލަވައިގެ އިތުރު ވޯކަލްސްގައި ބައިވެރިވި ސުމާ ގެ ނަން ފާހަގަކޮށް ޢަބްދުﷲ ފަރީދް ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި ހަމައެއާއިއެކު ޢަބްދުﷲ ފަރީދްގެ މިއަހަރުގެ މަސައްކަތްތަކުގެ ތެރޭގައި މީގެ 4 މަސް ކުރިން ނެރުނު ޝަލަބީ އިބްރާހިމްގެ ހިދާއީ ނޫރު އަލްބަމް 4 ކޮމްޕޯސްކޮށް، އެ އަލްބަމްގެ 2 މަދަޙައެއްގެ ރާގު ހަދައި ކިޔުން ހިމެނެއެވެ. އޭގެ އިތުރުން މީގެ 3 މަސް ކުރިން ޢަބްދުﷲ ވަނީ "ފަހު ޒަމާން" ގެ ނަމުގައި މަދަޙަ އަލްބަމެއްވެސް ނެރެފައެވެ.

ޢަބްދުاللهގެ ކުރިޔަށްހުރި ޕްރޮޖެކްްޓް ތަކުގެ ތެރޭގައި ރާއްޖޭގެ އިސްސަފުގައި ގުނާލެވޭ ގިނަ ފަންނާނުން އެކުލެވޭހެން "ކައިވެނި" ގެ ނަމުގައި ތައްޔާރުކުރަމުން އަންނަ އަލްބަމް ހިމެނެއެވެ. އެ އަލްބަމްގައިވެސް މެއިން ވޯކަލިސްޓެއް ގޮތުގައި ފެނިގެންދާނެކަމަށް ޢަބްދުﷲ ވަނީ ބުނެފަައެވެ. އޭނާގެ އިތުރުން ޝަލަބީ، ތޭރަ، ކުޑަ އިއްބެ އަދި ހުސައިން އަލީ ފަދަ ފުންނާބުއުސް ބޭބޭފުޅުން ހިމެނޭކަމަށްވެސް ޢަބްދުﷲ ބުންޏެވެ. ހަމަ އެހެންމެ މި އަލްބަމްގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް ޢަބްދުﷲ ފަރީދް ވަނީ މަޢުލޫމާތު ދެއްވާފައެވެެ.

ރަންއަޑުގެ ވެރި ޢަބްދުﷲ ފަރީދް ބުނެފައިވަނީ "އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާވެސް އިތުރު ފުރިހަމަ ޅެންތަކާއި ހިތްގައިމު ރާގުތައް އަދި ޑުއެޓްތައްވެސް އިވިގެންދާނެ" ކަމަށެވެ. އަދި މިފުރުސަތުގައި ޢަބްދުﷲ ފަރީދް ވަނީ އެންމެހާ އަޑުއެހުން ތެރިންނާއި ހުރިހާ ސަޕޯޓަރުންނަށްވެސް ވަރަށް އިޚްލާސްތެރިކަމާއެކު ފަށްފަށުން ޝުކުރު ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން