09 ވަނަ އެޕިސޯޑް

==========

އާއެކެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ މުއީޒެއް ނޫނެވެ. އެއީ ދެތިން މީހެއްގެ މޫނު ސިފަވާ މީހެކެވެ.

[އާނ.....އަހަންނަކީ މުއީޒެއް ނޫން...އަހަންނަށް ކިޔަނީ.....ބީކާލް.....އަހަރެން މުއީޒްގެ ސިފައަށް އައީ ޒައިހާގެ ލޯބި ކާމިޔާބު ކުރެވޭނެ އެންމެމޮޅު ގޮތަކީ އެއީކަން ޔަޤީންވުމުން.....] އިސްޖަހާލައިގެންހުރެ މުއީޒް ވާހަކަ ދެއްކިއެވެ.

[މުއީޒް ކޮބައިހޭ އަހަރެން މިއަހަނީ.....] ރޮމުން ގިސްލަމުން ޒައިހާ ވާހަކަ ދެއްކިއެވެ.

[މުއީޒް.....އަހަންނަށް މަޢާފްކުރޭ ޒައިހާ.....މުއީޒް މިހާރު މިދުނިޔެއަކު ނެތް.....މިހާރުވެސް ތިއުޅޭގޮތަށް، އަހަންނަކީ މުއީޒް ކަމަށް ހީކޮށްލައިގެން އުޅެވިދާނެއެއްނު ޒައިއަށް.....މިކަހަލަ އެކަހެރި ހިސާބަކަށް ޒައިހާ ގޮވައިގެން މިއައީވެސް އަހަންނާއެކު ޒައިހާއަށް އުޅެވިދާނެކަން ސާބިތުކޮށްދޭން.....] މުއީޒް މަޑުމަޑުން ހިނގާފައި އައިސް ޒައިހާގެ ކުރިމައްޗަށް ހުއްޓުނެވެ. ޒައިހާ ފަހަތަށްޖެހެން ފެށިއެވެ.

[ބޭނުމެއް ނޫން.....ޖިންނިއަކާއެކު އަހަންނަކަށް ނޫޅެވޭނެ.....] ޒައިހާ ރޮމުން ފަހަތަށް ޖެހެން ފެށިއެވެ.

[ތިހެން ނުބުނޭ ޒައި.....އަހަރެންގެ ފުށުން ޒައިއަށް ނުލިބެނީ ކޮން އުފަލެއްތަ؟ އިންސާނެއްގެ ފުށުންވެސް އަހަރެންގެ ފަރާތުން ލިބޭފަދަ ހިތްހަމަޖެހުމެއް ނުލިބޭނެ.....] ޒައިހާގެ ނުރުހުމުގެ ސަބަބުން ބިކާލަށް (މުއީޒަށް) ވަނީ ހިސާބަކަށް އަސަރުކޮށްފައެވެ.

[ހުރިހާ އުފަލެއްވެސް ލިބޭ. އާދަޔާ ޚިލާފު ކިތަންމެ މަންޒަރުތަކެއްވެސް ފެނި ހިނގައްޖެ. ރޭގައި ބޯޓްތެރެއިން ފެނުނު މަންޒަރުތަކާ.....މި ފަޅުރަށުގައި މިހުރި ޢިމާރާތް، އެހެން އިންސާނުންނަށް ކަޝްފުވެފައިވާ ހުވަފެނީ ތަނެއް.....ހަމަ ތީނަވެސް ވާނީ ހަމައެފަދަ.....] ޒައިހާ ރޮމުން ފަހަތަށް ޖެހެން ފެށިއެވެ.

[ޒައިހާ.....އަހަންނަކީ ހުވަފެނީ ބައިވެރިއެކޭ ހީނުކުރޭ. މިފަދަ ހިތްގައިމު ގެއެއްގައި ދާއިމަށްވެސް ޒައިހާ ގެންގުޅެފާނަން.] ބީކާލްގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. މިހާރު އޭނާގެ ލޮލުންވެސް ލޯބި ރަމްޒުކޮށްދޭ ކަރުނަ ފައިބަން ފަށައިފިއެވެ.

ޙަޤީޤަތެވެ. އިންސާނަކަށް ނުވިކަމުގައިވިޔަސް، ބީކާލްގެ ހިތުގައި ޒައިހާއަށްޓަކައި ވަނީ ސާފު ތެދުވެރި ލޯތްބެވެ.

[ކީއްވެތަ އަހަރެން ގާތު ތިއީ މުއީޒެއް ނޫނޭ ބުނީ.....އެހެން ނޫންނަމަ، އަހަންނަށް އެއްވެސް ފަސްޖެހުމެއްނެތި، މި ދިރިއުޅުމުގައި އުޅެވުނީސް.....އަޅެ މުއީޒް ކޮބާ މިހާރު.....] ޒައިހާ އަދިވެސް ރޮނީއެވެ.

[ޒައިހާ.....މުއީޒްގެ ވާހަކަ ނާހާ.....ދުވަހަކުވެސް މުއީޒަށް ޒައިހާއަކާ ނީނދެވޭނެ. އެއްވެސް ދީނެއް އެގޮތަކަށް ތަނެއްނުދޭ.....] މުއީޒް (ބީކާލް) ޒައިހާއަށް ނޭނގިވާ ސިއްރެއް ބުނުމަށްޓަކައި ސުރުޚީ އަޅާލިއެވެ.

[ކީއްވެތަ އަހަންނަށް މުއީޒާ ނީނދެވެންވީ؟ މުއީޒް އަހަރެންދެކެ ނުލާހިކު ލޯބިވޭ….އަހަރެންވެސް މުއީޒްދެކެ އެވަރަށް ލޯބިވޭ….މުއީޒްވީ ތަނެއް ބުނޭ….] ޒައިހާ ބީކާލްގެ ގާތަށްޖެހި، އޭނާގެ މޭގައި ތަޅައިގަތެވެ. ނަމަވެސް، ބީކާލް ހިމޭނުން ހުރީއެވެ. ރޮވިފައެވެ.

[ތަޅާ މަރާލާ.....ޒައިހާގެ ލޯބީގެ ޙައްޤުގައި ފަނާވެދާކަށްވެސް އަހަރެން ފަހެއްނުޖެހޭ. ތިގޮތަށް ކިތަންމެ އަނިޔާއެއް ކުރިޔަސް، ޒައިމަތިން އަހަރެން ފޫއްސެއްނުވާނެ.] އޭރުވެސް ޒައިހާ ބީކާލްގެ މޭގައި ތަޅަނީއެވެ. ރޮމުން ގިސްލަމުންނެވެ.

[ޒައިހާ.....އަހަންނަށް ތިހެން ނަހަދާ.....މިހާރު ޒައި ތިއިނީ އަހަރެންގެ ދަރިއަކަށް ބަލިވެ. ބަނޑުގައިވާ އަހަރެންގެ ލޯބީގެ ހަނދާނުގެ ޙައްޤުގައި ނަމަވެސް.] އާދޭސްކުރާ ފަދައިން ރޮއިރޮއިފައި ބީކާލް ވާހަކަ ދެއްކިއެވެ.

ބީކާލްގެ އެ ޖުމްލަތަކުން ކުއްލިއަކަށް ޒައިހާގެ ޙަރަކާތްތައް ހުއްޓިއްޖެއެވެ. ޙައިރާންވާ ޙާލުގައި ހުރެ، ބަނޑުގައި އަތް ކާއްތަން ފެށިއެވެ.

[ބުނީމެއްނު، އަހަންނަށް މުއީޒަކާ ނީނދެވޭނެއޭ.....ކީއްވެތަ ނީނދެވެންވީ؟ ބުނޭ.....] ޒައިހާ ރޮމުން ދުވެފައިކަހަލަ ގޮތަކަށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.

[މާގިނަ ދުވަހެއްނުވެ އެ ސަބަބުވެސް ޒައިހާއަށް އެނގޭނެ. އަހަރެމެން ރަށަށް ދިޔައީމަ، ހުރިހާ ކަމެއްވެސް އެނގޭނެ. މާބަނޑު ދުވަސްވަރު ތިގޮތަށް ހިތާމަކުރާކަށް ނުވާނެ. އަހަރެން އަންނާނަން، ކާނެ އެއްޗެއް ހިފައިގެން.....ޒައި އޮވޭ.....] މިހެން ބުނެލާފައި ބީކާލް ނުކުތެވެ.

އޭގެފަހުން ބީކާލްގެ ފުށުން ޒައިހާއަށް ފެނުނީ އަޅާލުމާއި އޯގާތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އިންސާނަކު އިންސާނަކަށްވެސް އެވަރަށް އަޅާލުމެއް ނުދޭނެއެވެ. ވުމާއެކުވެސް ކަންނޭނގެއެވެ. އިސާހިތަކު ބީކާލަށްޓަކައި ޒައިހާގެ ހިތުން މަޤާމެއް ކަށަވަރުވިއެވެ.

[ބީކާލް، އަޞްލުވެސް އަހަރުމެންނަށް އެކުގައި އުޅެވޭނެތަ؟] އަނެއް ދުވަހަށް އެރި އިރާއެކު، ޒައިހާ ބީކާލްގެ ލޮލަށް ބަލަން އިނދެފައި އެއްސެވެ.

[އާނ ކިތަންމެ ދުވަހެއް ވަންދެންވެސް އުޅެވިދާނެ. ޒައިހާ އެކަމާ ނުވިސްނާ…އެއްވެސް މީހަކަށް އަހަރުމެންގެ ދޭތެރެއަކަށް ނުވަދެވޭނެ.] ބީކާލް ޒައިހާ ގެނެސް، އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. މިހާރު ބީކާލަށްވަނީ އިންތިހާ ދަރަޖައިގެ އުފަލާއި ހިތްހަމަޖެހުމެއް ލިބިފައެވެ. އުންމީދުކުރި ގޮތަށް ލޯބި ކާމިޔާބު ކުރެވުނީއެވެ.

ރޭވިލޭރެއެއްގެ ޝިކާރައަކު ހޯދުމަށްޓަކައި ތުނޑިމަތިން ދަތުރުކުރަމުން ދަނިކޮށް ފެނި، ހިތްކީ ބައިވެރިޔާގެ ލޯބި މިލްކުވީއެވެ. އިންތިޒާކުރި ގޮތެވެ.

[ވަރަށް އުފާވެއްޖެ. މިރަށުގައި ދެތިން ދުވަހު ތިބެލާފައި ރަށަށްދާނީ. ޒައިހާ ބަލިވެއިންކަން އެނގުނީމާ، މަންމަމެންވެސް ކިހާ އުފާވާނެ.] ބީކާލް ޒައިހާގެ ބަނޑުގައި އަތް ކާއްތާލިއެވެ.

[މިރަށުގައި އުޅެން ދަތިނުވަންޏާ، އެހާ އަވަހަށް ދިޔުމުގެ ބޭނުމެއްވެސް ނެތް.....] އުފާވެފައި ހުރެ ޒައިހާ ބުނެލިއެވެ.

[ޒައިހާއަށް މިރަށުގައި އުޅެން މައްސަލައެއް ނެތިއްޔާ، ކިތަންމެ ދުވަހެއް ވަންދެންވެސް މިރަށުގައި އުޅެވިދާނެ. ވިހައިގެންވެސް ދެވިދާނެ.] ބީކާލް ޒައިހާއަށް އިޚްތިޔާރު ދިނެވެ. ޒައިހާ ބޭނުންވީ، އެރަށުގައި ދުވަސްކޮޅަކު އުޅެލުމަށެވެ. ރަށުގެ މީހުންގެތެރޭ ދިރިއުޅުމަށްވުރެން، އޭނާއަށް ރައްކާތެރިކަން ބޮޑީ އެކަހެރި ވެށްޓެއްގައި މިދިރިއުޅުން ކަމަށްވާތީވެސްމެއެވެ.

ބޯޓް ޖެޓީއާ ކައިރިކޮށްލުމާއެކު، ފުރަތަމަ އެއިން ފޭބި މީހުންގެ ތެރޭގައި މަނިކުވެސް ހުއްޓެވެ. އޭނާއާއެކު އޭނާގެ ދުވަސްވީ ރަޙްމަތްތެރިޔާ ބާޤިރުވެސް ހުއްޓެވެ.

[އަހަންނަކަށް މިހާރަކު ނޭނގެ، މިރަށުގައި ހިނގާކަށްވެސް. އެކަމަކު މާބޮޑު ބަދަލުތަކެއް އައިކަމަކަށް ނުފެނޭ. އެހެން ނަމަވެސް، ގެތައް ގިނަހެން ހީވޭ.] އެއްގަމަށް އަރައިގެން ހިނގައިގަންނަމުން، މަނިކު ބާޤިރާ ވާހަކަ ދެއްކިއެވެ.

[މިތަނުން މީހެއް ގާތު އަހައިގެން އެގެ ހޯދަންވީނު.] ކުޑަކޮށް މަޑުޖެހިލުމަށްފަހު، ބާޤިރު ލަފާދިނެވެ. އެހެންދިޔަ މީހަކަށް މަނިކު ގޮވާފައި، އޭނާ ކުރިންވެސް އުޅުނު ގެ، އާދެ! މުއުމިނާގެ މައިފުނަގެ ހުރިތަން ހޯދައިގެން، އެމީހާ ދެއްކި މިޞްރާބަށް ހިނގައިގެންފިއެވެ.

އިއްތިފާޤަކަށްވެސް ވެދާނެއެވެ. މަނިކުމެންނަށް އެގޭދޮށަށް ދެވުނުއިރު، މުއުމިނާ އެގެއިން ނުކުންނަނީއެވެ. ކުއްލިއަކަށް މަނިކު ފެނުނީމާ، ލިބުނު ޙައިރާންކަމާއެކު މުއުމިނާގެ ދެލޯބޮޑުވިއެވެ.

[މަނިކު!.....] މުއުމިނާ މަނިކާ ހަތަރުކަޅިހަމަކޮށްލިއެވެ.

[މުއީޒް ކޮބާ؟] މަނިކު ފުރަތަމަވެސް އެހީ މުއީޒްގެ ވާހަކައެވެ.

[އެސޮރުގެ އަނބިމީހާއާއެކު ހަނީމޫން ހަދާލަންގޮސްވީ.....ދިޔަ ރަށެއްވެސް ނޭނގެ. ހީވަނީ ދެކުނުގެ ރަށަކަށްހެން.....] މުއުމިނާ ޖަވާބުދިނެވެ.

[އެސޮރު މީހަކާވެސް އިނީތަ؟ ކާކާތަ އެސޮރު އިނީ؟] ހިސާބަކަށް ޙައިރާންވެހުރެ މަނިކު އެއްސެވެ.

[ބަދުރިއްޔާގެ ދަރިފުޅު ޒައިހާއާ.....] މުއުމިނާގެ ޖަވާބުން މަނިކުގެ ބޮލުގައި ހީވީ ބާރު ބޮނޑިއެއް އަޅާލިހެންނެވެ. މަނިކު ދިޔައީ ތުރުތުރުއަޅައިގެންނެވެ.

[ފިސާރި ތެދެއް، މުއީޒް އިނީ ބަދުރިއްޔާގެ ދަރިފުޅާ! އެއީ ކިހިނެއް ކުރެވޭނެ ކަމެއް.....ހުރިހާ ފާފައެއް މި އެޅެނީ އަހަރެމެންގެ ބޮލުގައި.] މަނިކު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

[ކިހިނެއްވީ މަނިކު، އަނެއްކާ ބަދުރިއްޔާގެ ދަރިފުޅަކީ މަނިކުގެތަ؟] މަނިކުގެ ވާހަކައިން މުއުމިނާއަށް ހިސާބަކަށް ޙަޤީޤަތް މޭރުންވިއެވެ.

[އާނ.....މުއުމިނާ..... އެއީ އަހަރެންގެ ދަރިއެއް.....އޭނާއަށް މުއީޒަކާ ނީނދެވޭނެ.....އެކުދިން ތިބި ތަނެއް އަވަހަށް ހޯދަން އުޅޭ. އަހަރެން ބޭނުން، ބަދުރިއްޔާއާ ބައްދަލުކޮށްވެސް މިވާހަކަ ދައްކަން. އަހަރެންގެ ދެކުދިން ބަލާ އައި މި ދަނޑިވަޅު، މިކަހަލަ ގޮތެއް މެދުވެރިވެދާނޭ ކަމަށް، ފަހަރެއްގައިވެސް އަހަރެން އުންމީދެއް ނުކުރަން.] މަނިކު އެތެރެއަށް ވަނެވެ. ނިކަން ހާސްވެ ކަންބޮޑުވެފައި ހުރެ، މުއުމިނާވެސް އެމީހުންގެ ފަހަތުން ގެޔަށް ވަނެވެ.

ޙަޤީޤަތުގައި އެކަމުގެ އެންމެ ބޮޑު މައްސަލައެއް މެދުވެރިވާނީ، މުއުމިނާގެ ޢާއިލާއަށެވެ. އެއްވެސް ބަޔަކަށް ނޭނގޭ ޙަޤީޤަތެއް ހާމަވުމުން، މުއުމިނާގެ ޢާއިލާ ރޫޅިދާނެ ކަމުގެ ބިރު އިންތިހާއެވެ.

މުއުމިނާގެ ފިރިމީހާ ޖަލީލު، މިހުރިހާ ދުވަހު، އޭނާގެ ދަރިއެއްގެ ގޮތުގައި ދެކެމުން އައި ދަރިއަކީ، އޭނާގެ ދަރިއެއް ނޫންކަން އެނގޭހިނދު، އެ ޢާއިލާއަށް ވާނީ ކިހިނެއްބާވައެވެ.

[މަނިކު އަހަރެންގެ ގެޔަށްދާންވީނު. ޖަލީލުވެސް ރަށަކުނެތް. އެ ބޮޑު ގޭގައި އަހަރެން އެކަނިމާއެކަނި މިއުޅެނީ.] މުއުމިނާގެ މައިފުނަގެއަށް ވަންނަން އުޅެފައި އޭނާ އެނބުރުނެވެ. ފަހަތުން އެންމެ ރަނގަޅޭ ބުނެފައި މަނިކުމެންވެސް ނުކުތެވެ.

[މަނިކު.....އަހަރެން ބޭނުމެއް ނޫން، ޖަލީލަށް އެއްވެސް ކަމެއް އެނގޭކަށް.....] ގެޔަށް ދިޔުމަށްޓަކައި ހިނގައިގަންނަމުން، މުއުމިނާ ބުންޏެވެ.

[އޭނާއަށް ސިއްރުކޮށްގެން ކިހިނެއް، އެމައްސަލަ ޙައްލުކުރާނީ.....އެހެން ގޮތަކަށް އެދެކުދިން ދުރެއް ނުކުރެވޭނެ.] ނިކަން ހާސްވެފައި ހުރެ މަނިކު ބުނެލިއެވެ.

[އަދިވެސް މުއުމިނާ ތި ވިސްނަނީ އަމިއްލަ އުފަލަށް.....ފާފަތަކުން މިންޖުވެ، އަހަރުމެން މިހާރު ތައުބާވާންވެއްޖެއެއްނު. އެއްބަފާ ދެބެން އެއުޅެނީ އެކުގައި. އެކަމުން އެކުދިން ސަލާމަތް ކުރެވޭނީ، މުޅި ރަށަށްވެސް ޙަޤީޤަތް އެނގިގެން.] މަނިކުގެ ސިކުނޑީގައި މިހާރުވަނީ ހެޔޮވިސްނުމެވެ.

[އަހަރެންވެސް ބޭނުން، އެކުދިން ސަލާމަތްކުރަން. ޙަޤީޤަތުގައި ހުރިހާ ފާފަތަކެއް އެޅެނީ އަހަރެމެންގެ ބޮލުގައި.] މުއުމިނާގެ ރާގުވެސް ބަދަލުވިއެވެ.

ޙަޤީޤަތުގައި މުއުމިނާވެސް ބޭނުންވަނީ ފިރިމީހާއަށާއި، ޒައިހާގެ މަންމަ ބަދުރިއްޔާއަށް ޙަޤީޤަތް ކިޔައިދިނުމަށްފަހު، އެކުދިން އެ މަޅިން ސަލާމަތް ކުރާށެވެ.

[ހިނގާ ބަދުރިއްޔާ ގާތަށް އެގެޔަށް ދަމާ.] މުއުމިނާ އިސްނެގިއެވެ. އެހިނދު އޭނާގެ ހިތަށް އެރިއެވެ. އެއްބަފާ ދެބެންކަން އެނގޭއިރު، އެދެބެންނަށް ވާނީ ކިހިނެއްބާވައެވެ. އެކުދިންގެ ހިތް ހަލާކުވެދާނެއެވެ. ރޮއިރޮއި މީހާ ހަފުސްވެދާނެއެވެ. އެއީ ކިހާބޮޑު ދެރައެއް ހެއްޔެވެ؟ އެހެން ނަމަވެސް، އެދެކުދިންނަށް އެކަން އަންގައި، އެދެކުދިން ދުރުކުރުމަކީ، އެވެރިންގެ ވާޖިބެކެވެ. އެއްލެއެއްގެ އެއްބަފާ ދެބެންނެވެ. އެދެކުދިންގެ ގުޅުމުން ފާފަތައް ލިބޭނީވެސް ޙަޤީޤަތް އެނގި، އެކަން އެކުދިންނަށް ނާންގާ ތިބި ބަޔަކަށެވެ.

މިއަދު ޙަޤީޤަތް އެނގެނީ، މުއުމިނާއާއި މަނިކުގެ އިތުރަށް މަނިކުގެ އެކުވެރިޔާ ބާޤިރަށެވެ.

[އަހަރުމެންގެ ރާއްޖޭގައި މިފަދަ ކިތަންމެ ޙާދިޘާތަކެއް ތަކުރާރުވެފައިވާނެއެވެ. އެއީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ތިއްބަސް، އަހަރުމެންގެ ނުބައިކަން….] ބާޤިރު، މަނިކު އަދި މުއުމިނާގެ އެއްޙާޟިރެއްގައި މަނިކުމެން ކުށްވެރި ކުރިއެވެ. ބާޤިރު އެހެން ބުނީމާ، މުއުމިނާ ލަދުވެސްގަތެވެ.

[އަހަރެންނަކީ ޢާންމުކޮށް ނުބައި މީހެކޭ ނުބުނެވޭނެ. ކައިވެނީގެ އިމުން ބޭރުގައި މަނިކު ނޫން އެއްވެސް ފިރިހެނަކު އަހަރެންގެ ގައިގައި ބީހިފައެއް ނުވާނެ. އެކަމަކު މިހެން ކަންތައް މެދުވެރިވީމާ، އެކަން އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ.] މުއުމިނާ އިސްޖަހާލިއެވެ.

ޙަޤީޤަތުގައި މިހާރު މުއުމިނާގެ ޙަޤީޤަތް އެންމެންނަށް ފާޅުވާހިނދު، އޭނާގެ ކައިވެނި ރޫޅިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެއްޔާ، މަނިކު އޭނާގެ ޙަޔާތަށް މުއުމިނާ ޚިޔާރުކޮށްފާނެބާވައެވެ؟ އާއެކެވެ. އެއީވެސް ވެދާނެ ކަމެކެވެ. މަނިކަކީވެސް މިހާރު ވަރަށް އެކަނިވެރިކަން ޙިއްޞާ ކުރަމުންދާ މީހެކެވެ.

އޯގާތެރި އަންބެއްގެ އެހީތެރިކަން މަނިކަށްވެސް ވަނީ އިންތިހާއަށް ބޭނުންވެފައެވެ.

[މުއުމިނާ ފިކުރުބޮޑުނުވެބަލަ. ޖަލީލު.....މުއުމިނާ ދޫކޮށްލައިފިއްޔާ، އަހަރެން މިހިރީ އެހީވާން ތައްޔާރަށް. އަހަރެމެންގެ ދަރިފުޅަށް ބޮޑަށް ރަނގަޅުވާނީވެސް އެގޮތް.] މަނިކު މުއުމިނާއަށް ހިތްވަރުދިނެވެ.

[މަނިކު އަހަންނާ އިންނާނަން.....؟] ސީދާ މަނިކުގެ ލޮލަށް ބަލަން ހުރެފައި މުއުމިނާ އެއްސެވެ. މަނިކު އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ.

[އަދިވެސް ކަލޭމެންގެ ޢިޝްޤީ ޝުޢޫރު ފާޅުކުރަން ތިބެންވީތަ؟ ދެންވެސް އެދެކުދިން ހޯދަން އުޅެބަލަ. އަވަހަށް އަންހެން ކުއްޖާގެ މަންމަ ގާތަށް ދާން އުޅެބަލަ.....] މަނިކާއި މުއުމިނާގެ ވާހަކަތައް އަޑުއަހަން ހުރެފައި، ބާޤިރަށް ހިމޭނަކުން ނުހުރެވުނެވެ.

[ތިވެސް ރަނގަޅު ވާހަކައެއް.....އަވަހަށް ހިނގާބަލަ އެގޭދޮށަށް ދަމާ.....ފަހަރެއްގައި އެކުދިންދިޔަ ތަނެއް ބަދުރިއްޔާއަށް އޮޅުންފިލާފައި އޮވެދާނެ.] މުއުމިނާއާއި މަނިކު އަދި ބާޤިރު، ބަދުރިއްޔާގެ ގެޔާ ދިމާއަށް ދިޔުމަށް ހިނގައިގެންފިއެވެ.

[ކޮންތާކަށް؟] ގެއިން ނުކުމެގެން ވަލުތެރެޔާ ދިމާއަށް މިޞްރާބުޖެހި މުއީޒް ހުއްޓުވީ ޒައިހާއެވެ. ބޮޑު ގެއެއްގައި އެކަނިމާއެކަނި ހުންނަން ޒައިހާ ބިރުގަންނަނީކަންނޭނގެއެވެ.

[އިންސާނުން ބުނާތީ އަހަން. މާބަނޑު ދުވަސްވަރު ފައިދާހުރި ކާނާއާއި، އުފަލާއި ހިތްހަމަޖެހުމުގެ އަޅާލުން މާބަނޑު އަންހެނާއަށް ދޭންވާނެއޭ.....އެހެންވެ މިދަނީ ޒައިހާއަށް ދޭނޭ ކާއެއްޗެއް ލިބޭތޯ.....] މުއީޒް އެނބުރި ބުންޏެވެ.

[މޭވާޔާ ތަރުކާރީ، މުއީޒް ކިހިނެއްތަ މިރަށުން ހޯދަނީ؟] ޒައިހާ ނުހަނު ލޯބިގޮތަކަށް މުއީޒްގެ ކޮނޑުގައި ބޯއަޅާލިއެވެ. އެހެން އެހީމާ، މުއީޒް ނުވަތަ ބީކާލްގެ ގާތަށް އައީ ހިންޏެވެ.

[މިކަހަލަ ފަޅުރަށަކުން މިކަހަލަ ހިތްގައިމު ގެއެއް ދުށިންތަ؟] މުއީޒް އެއްސެވެ.

[އާނ.....މިހުރީއެއްނު.....] ޒައިހާ ހިނިތުންވެލިއެވެ.

[މިބުނީ މިނޫނިއްޔާ ދުށިންހޭ؟ ނޫނީ މިރަށުން މިކަހަލަ ގެއެއް ފެނިދާނޭ ކަމަށް ޚިޔާލުވެސް ކުރިންހޭ؟] މިސާލު ޖަހަމުން މުއީޒް ދެއްކީ، އޭނާއަށް ލިބިފައިވާ ފަޚްރުވެރި ބާރުގެ ވާހަކައެވެ.

[މާބޮޑު ކަމެއް ނުވާނެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މިހާރު ޒައި އެއްގޮތަކަށްވެސް ރަށަށްދާހިތެއް ނުވޭދޯ.....ހަމަގައިމުވެސް އަހަންނަށް މާހިތްހަމަޖެހިގެން މިރަށުގައި އެބައުޅެވޭ.....] މުއީޒްވެސް ޒައިހާގެ ބަނޑުގައި އަތް ކާއްތާލިއެވެ.

[މިހާރު ދެން ހެދޭހާ ދުވަސްވެސް ވެއްޖެއެއްނު. އަހަރެން ބަލިވެއިން ޚަބަރު ލިބުނީމާ، އަހަރެންގެ މަންމައާއި، މުއީޒްގެ މަންމަވެސް ނިކަން އުފާވާނެ.....އަހަންނަށް ފެންނަނީ އުފާވެރި ޚަބަރު މަންމަމެންނަށް ދިނުމަށާއެކު، އަވަހަށް ރަށަށް ދާން.....މުއީޒަށް މިހާރުވެސް ތިޔައުޅޭގޮތަށް އަހަންނާއެކު އުޅެވޭނެއެއްނު.] ޒައިހާ މިހާރު ބޭނުންވަނީ، އޭނާ މަންމައަކަށްވާންއުޅޭ އުފާވެރި ޚަބަރު، އޭނާގެ މަންމައަށް ދިނުމަށްޓަކައި ވީހާވެސް އަވަހަކަށް ރަށަށް ދިޔުމަށެވެ.

[އާނ، އަހަންނަށް މިހާރުވެސް މިއުޅޭހެން އުޅެވިދާނެ. އެކަމަކު ޒައި ބުނަން، އަހަރުމެން (ޖިންނިން) ޖިންނިންގެ ދުވަސް ދުއްވާލުމުގެ ބާރު، އިންސާނުންނަށްވެސް ލިބިފައިވޭ. އަހަންނަށް އޮތްހާވެސް ބިރަކީ އެއީ.....ޒައިހާ ބޭނުމިއްޔާ، ހަމަ މިހާރުވެސް ރަށަށްދާންވީ.] އިންސާނުންނަށް ލިބިފައިވާ ބާރާ ދޭތެރޭ ވިސްނާލުމަށްފަހު، މުއީޒް ބުންޏެވެ.

[ހިނގާ ދެން ރަށަށް ދަމާދޯ.] މަންމައަށް އަޞްލު ވަރަށް އުނދަގޫވާނެ އަހަންނާ ވަކިން އުޅެން. މުއީޒަށް އެނގޭތަ، މަންމަ އަހަރެންދެކެ ހާދަ ލޯބިވެޔޭ.....] ކުއްލިއަކަށް ޒައިހާއަށް މާބޮޑަށް މަންމަ މަތިން ހަނދާންވާން ފެށިއެވެ.

[މައްސަލައެއް ނެތް. މިރޭ ނިދާނީ ރަށުގައި. މިހާރު އަހަރެންގެ ކޮނޑުމައްޗަށް އަރާ ލޯމަރާލާ.....އޭރުން ހިނދުކޮޅެއްގެ ތެރޭގައި ޒައި ބޭނުންވާ މަންޒިލަށް ދެވޭނެ.] ހިނިތުންވެލަމުން މުއީޒް ބުންޏެވެ.

[އޭރުން އަހަރެމެންގެ ހެދުންތަކޯ!؟] ކޮޓަރީގެ އެއްފަރާތެއްގައިވާ ފޮށްޓަށް ބަލައިލަމުން ޒައިހާ އެއްސެވެ.

[އެކަމާ ހާސްނުވޭ. ހުރިހާ ތަކެއްޗެއްވެސް ގެންދާނަން. އަރާ މިހާރު.....] މުއީޒް ޒައިހާގެ އަތުގައި ހިފާ ގާތަށް ގެނައެވެ. ޒައިހާ މުއީޒްގެ ކޮނޑުގައި އެލިގަނެ ދެލޯ މަރާލިއެވެ. އެއާއެކު މުއީޒް (ބީކާލް ޖިންނި)ގެ ފައިދަށުން ވަރުގަދަ އައްޔަކާއެކު ދުންތަކެއް ބުރައިގެންދިޔައެވެ. އޮލަ ދުންތަކެކެވެ. އިސާހިތު، އެ ދުންތަކުގެ ތެރެއަށް ޒައިހާއާއެކު މުއީޒް ކަޝްފު ވެއްޖެއެވެ. އާއެކެވެ. ބީކާލް ޒައިހާ ގޮވައިގެން ރަށަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ.

ކޮޓަރިތެރެ ސާފުކުރަން ހުރެފައި ބަދުރިއްޔާ ބޭރަށް ނުކުތީ، ގޭގެ މައިދޮރު ހުޅުވާފައި ބަޔަކު ވަން އަޑަށެވެ. އޭނާ ނުކުތްއިރު، ބޮޑު ކޮޓަރީގައި ތިބީ ޒައިހާއާއި މުއީޒެވެ.

[ދަރިފުޅުމެން އައީ!؟ ދަރިފުޅާ ވަކިން މަންމަ މި ހޭދަކުރީ ހާދަ އެކަނިވެރި ދުވަސްތަކެކޭ.....ހުރިހާ ކަމެއްވެސް ރަނގަޅުތަ؟] ބަދުރިއްޔާ އައިސް ޒައިހާގެ އަތުގައި ހިފެހެއްޓިއެވެ.

[ހުރިހާ ކަމެއްވެސް ރަނގަޅު މަންމާ. މަންމައަށް ވަރަށް އުފާވެރި ޚަބަރެއްވެސް ދީފާނަން.....]

[މަންމައަށް ވިސްނިއްޖެ. ދަރިފުޅު މަންމައަކަށްވަނީދޯ؟] ޒައިހާގެ އަނގަމަތީގައި އަތް އަޅާލުމަށްފަހު، ޒައިހާ ދޭން އުޅުނު ޚަބަރު ބަދުރިއްޔާ ފުރިހަމަކޮށްލިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


14

ނަހުލާ

19-May-2020

ރީތި ރަންގަޅައް ކިޔަން އެނގޭތަ.!............


17

ޙަބީ

19-May-2020

ދެން ކިހާ ދެރަކަމެއް މިހާރު އެޕިސޯޑް ނެރެން ވެއްޖެ އެންނު... ހަަމަ ހުސް އެއްވާހަކަ އަކުން ނެރުނަކަސް ކަމަކު ނުދާނެ....


13

ސަނާ

16-May-2020

ވަރަށް ސަޅި މިވާހަކަ ވެސް



ޓްރެންޑިން