ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން
ފުރަބަންދަކީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ހައްލެއް ނޫންކަމަށާއި، އެއީ ހަމައެކަނި ވަގުތީގޮތުން އެޅިފައިވާ ފިޔަވަޅެއްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތާއި މެދު މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިރުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް، މިވަގުތު ދިމާވެފައިވާ ހާލަތާއި ގުޅިގެން ކުރިމަތިވެފައިވާ ބަނޑުހައި ހޫނުކަމުގެ ހާލަތާއި، ފުރަބަންދުގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބަނޑުހައި ހޫނުކަމަކީ ފުރަބަންދަށްވުރެ މާ ބޮޑު ނުރައްކަލެއް ކަމަށެވެ.

"މިހާރުގެ ހާލަތައް ރިއާޔަތްކޮށް އެއްޗެއް ބުނާނަމަ، އިޤްތިޞާދު ހިނގަން ނުފަށައިފިނަމަ، މުޖުތަމަޢުގެ ނިކަމެތި ފަގީރުންގެ ދިރިއުޅުމުގެ ހާލަތު އަންދާޒާކުރަންވެސް ދަތިވާވަރަށް ދަށަށް ހިނގައިދާނެ." ޕްރައިމް މިނިސްޓަރު ވިދާޅުވިއެވެ.

ވިޔަފާރިތައް ބަންދުކޮށްގެން އިޤްތިޞާދަށް ލިބޭ ގެއްލުން ސަރުކާރަށް އެނގޭކަން ފާހަގަކުރައްވާ ބޮޑުވަޒީރު ވިދާޅުވީ އެކަން އެގޮތަށް ކުރީ އިތުރުގޮތެއް ނެތިގެންކަމަށެވެ.

ރައްޔިތުން ލައްވާ ގަދަކަމުން ވަކި އުސޫލުތަކަކަށް އަމަލުކުރުމަށް މަޖުބޫރުކުރުމުގެ ބަދަލުގައި، ދުންޔަވީ މި ބަލިމަޑުކަމާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުން މާ ބުއްދިވެރިވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި އިމްރާން ޚާން ވަނީ ފުލުހުން ހަރުކަށި އުސޫލުތައް ދޫކޮށްލައި ނަސޭހަތްދީ މަޑުމައިތިރިކަން އިސްކޮށްގެން ވިސްނައިދިނުމަށް އެދިވަޑައިގެންފައެވެ.

ޕާކިސްތާނުން ބަލި ޖެހުނު މީހުންގެ އަދަދު 37،218 އަށް އަރާފައިވާއިރު، އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 803 ގައެވެ. އެގޮތުން މިއަދު އެކަނިވެސް 33 މީހަކު ޕާކިސްތާނުން ބަލީގައި މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން