ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން
ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން
ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގައި ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފް އަޑުއެހުން މާދަމާއަށް ފަސްކޮށްފިއެވެ.

މިއަދު ބޭއްވި އިސްތިއުނާފްގެ އަޑުއެހުމަށް ވަކީލަކާ ނުލައި އަމީން ޙާޟިރުވުމުން ސުޕްރީމް ކޯޓުންވަނީ، އަމީންގެ ފަރާތުން ކޯޓަށް ހުށަހެޅި ވަކީލް ހަމަޖެއްސި ކަމުގެ ފޯމުގައި ވަކީލްގެ ސޮޔާއި އިނގިލީގެ ނިޝާން ނެތުމުން އެކަންތައްތައް ފުރިހަމަ ކުރުމަށް އަމީނަށް އަންގާފައެވެ. އަދި މައްސަލައިގެ އަޑުއެހުން މާދަމާ ބާއްވާނެ ކަމަށާއި، އެ އަޑުއެހުމަށް ވަކީލާއެކު ހާޟިރުވުމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ އަމީނަށް އަންގަވާފައެވެ.

ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައި ހުއްޓާ، ބަންދުން ދޫވި މުހައްމަދު އަމީންގެ މައްޗަށް ހައިކޯޓުން މިހާރުވަނީ މޮނިކޮން އަމުރެއްވެސް ނެރެފައެވެ. ހައިކޯޓުގެ މޮނިކޮން އަމުރުގައިވާ ގޮތުން އިރުއޮއްސި 6:00 އިން ހެނދުނު 6:00އާ ދެމެދު އަމީން ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި މާލެއިން ބޭރަށް އެއްވެސް ތަނަކަށް އޭނާއަށް ފުރައިގެން ދެވޭނީ ފުލުހުންގެ ހުއްދައަކާ އެކުކަމަށްވެސް އަމުރުގައިވެއެވެ.

މޮނިކޮން އަމުރަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް ކޯޓުން ނެރޭ އަމުރެކެވެ.

ހައި ކޯޓުން އަމީންގެ މައްސަލައިގައި ނިންމާފައިވާ ގޮތާއިމެދު ޕީޖީ އޮފީހުން ހިތްހަމަ ނުޖެހޭތީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ (ފ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭ ކަމަށާއި، އެ ގާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ހައިކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ފުލުހުންގެ ބަންދުގައި ހުރި އަމީން މިނިވަންކުރުމަށް ހައިކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހަޅާފައި ނުވާތީއެވެ. ހައިކޯޓުގެ ހުކުމުގައި ވަނީ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރަން އަންގާފައެވެ. އަނެއްކޮޅުން އޭނާ ބަންދުގައި ހުންނަތާ ދޮޅު އަހަރު ވެއްޖެއެވެ.

ހައި ކޯޓުން މިހުކުމް އައިސްފައި މިވަނީ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުންވެސް ބަލައިނުގަނެ ބޭރުކޮށްލުމުން، އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން ކުރި އަމުރަކާއި ގުޅިގެނެވެ.

ރާއްޖޭގައި އުޅޭ އައިއެސްގެ އެންމެ އިސް މީހަކީ އަމީންކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާއިރު އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން