ފަރެސް މާތޮޑާ އެއަރޕޯޓުގެ މަސައްކަތް
ފަރެސް މާތޮޑާ އެއަރޕޯޓުގެ މަސައްކަތް
ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއަރޕޯޓް ރަންވޭގެ އޭ.ބީ.ސީ ފަށަލަ ހެދުމަށްޓަކައި ބޭނުންވާ ތަކެތި ސައިޓްއަށް ގެންދެވިފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން މިއަދު ބުނީ ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްޤީ ކުރުމުގައި މިހާރު ކުރިއަށްދަނީ އެއަރޕޯޓް ފަޔަރ ބިލްޑިންގގެ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ޖެނުއަރީމަހު ފަށާފައިވާއިރު ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގެ ކުރިން އެމަސައްކަތް ނިންމާލުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ.

މި އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. އެއީ 19.9 ހެކްޓަރުގެ ބިމުގެ ސަރަޙައްދެކެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިންމި ނަމަވެސް، ދިގު މުއްދަތެއްވަންދެން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އޮތީ ނުފެށިއެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ފަރެސްމާތޮޑާއަކީ އާބާދީގައި 1700 އަށްވުރެ ގިނަ މީހުން ހިމެނޭ ރަށެކެވެ. އެއަރޕޯޓް ތަރައްގީކުރުމުގެ މި މަޝްރޫއު އަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން