އިޓަލީ އަލުން ހުޅުވާލުމުގެ ތައްޔާރީތަކުގެ ތެރެއިން
އިޓަލީ އަލުން ހުޅުވާލުމުގެ ތައްޔާރީތަކުގެ ތެރެއިން
ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެތެރެއާއި ބޭރުގެ ދަތުރު ތަކަށް ހުޅުވާލުމަށް ކޮރޯނާވައިރަހާއި ގުޅިގެން އެންމެ ހަރުކަށި ފުރަބަންދެއް އިއުލާނުކުރި އިޓަލީގެ ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ސޮއިކޮށް ނެރުނު ލިޔުމަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގައުމުގެ އެތެރޭގެ ދަތުރުތަކާއި ބޭރުގެ ދަތުރުތައްވެސް އެދުވަހުން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އެއަށްވުރެ އަވަހަށް ގައުމު ހުޅުވާލުމަށް އިޓަލީގެ ބައެއް ސަރަހައްދުތަކުން ވަނީ އެދިފައެވެ. ނަމަވެސް، އެގައުމުގެ ބޮޑުވަޒީރު ޖިއުސެޕޭ ކޮންޓޭ ބޭނުންފުޅުވީ ދެވަނަ ފަހަރަށް ވައިރަސް ފެތުރުނަ ނުދީ ވީހާވެސް ރައްކާތެރިގޮތެއްގައި އާންމު ހާލަތާއި ގާތްކުރާ ހާލަތަކަށް ގައުމު ގެންދިޔުމަށެވެ.

ފެބުރުއަރީ 21 ވަނަ ދުވަހު އިޓަލީއިން ފެނުނު ފުރަތަމަ ކޯވިޑް-19ގެ ކޭސްއާއެކު އެގައުމުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އުޅެނީ 224،760 ގައެވެ. އަދި 31،763 މީހުން މިހާރު މަރުވެފައިވާ އިޓަލީއަކީ ދުނިޔެއިން އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ލިސްޓުގެ ފަސްވަނައިގައި އުޅޭ ގައުމެވެ.

ބަލިފެތުރުން ހުއްޓުވުމަށްޓަކައި، ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުރަބަންދެއް އިއުލާނުކުރި އިޓަލީއިން މާޗުގައި އިއުލާނުކުރި ފުރަބަންދަށް ކުޑަވެސް ލުޔެއް ދީފައިވަނީ މެއި މަހުގެ 4 ވަަނަ ދުވަހު، ކާރުހާނާތަކާއި ޕާކުތައް ހުޅުވާލައިގެންނެވެ. އަދި މެއި 18 ވަނަ ދުވަހު ފިހާރަތަކާއި ވިޔަފާރިތައް ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެގައުމުގެ ވަކި ސަރަހައްދުތަކުގެ ތެރޭގައި ހިނގާބިނގާވެ ނުކުމެ އުޅުމުގެ ހުއްދަވެސް އެދުވަހު ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

އެހެންނަމަވެސް، ގައުމުގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ޖޫން 2 ވަނަ ދުވަހު އަންނަ ބަންދު ދުވަހާއި ގުޅުވައިގެން ރައްޔިތުން އެއްތަނުން އަނެއްތަނަށް ކުރާ ދަތުރުތައް ހުއްޓުވުމަށްޓަކައި، ދަތުރުފަތުރުކުރުމަށް ގައުމު ހުޅުވާލުމަށް އިޓަލީ ސަރުކާރުން ނިންމާފައިވަނީ ޖޫން ދެވަނަ ދުވަސް ނިމުމަށްފަހު ޖޫން މަހުގެ 3 ވަނަ ދުވަހުގައެވެ.

ސަރުކާރުން ސޮއިކޮށް ނެރުނު ލިޔުމުގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއިއެކު އިޤްތިޞާދުގެ ހުއްޓިފައިވާ ހުރިހާ ބައިތައްވެސް ހުޅުވާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އެގޮތުން ގައުމީ ސިއްހީ ވުޒާރާތަކުން ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ގައުމުތެރޭގެ ސިއްހީ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށް އެލިޔުމުގައި ވެއެވެ.

އެގޮތުން، އިޖުތިމާޢީ ގައިދުރުކަމުގެ ގަވާއިދުތަކާއި ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ގުޅިގެން ސިއްހީ ވުޒާރާތަކުން ދީފައިވާ ލަފަޔާއި އިރުޝާދުގެ މަތިން ފިހާރަތަކާއި، ރެސްޓޯރެންޓުތައް ހުޅުވުމަށް އިޓަލީއިން އަންނަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން