ބިގް ބޮސއ ޝޯގެ ތެރެއިން
ބިގް ބޮސއ ޝޯގެ ތެރެއިން
ސްރީލަންކާގެ ލަވަކިއުންތެރިޔާ ޔޮހާނީ ކިޔާފައިވާ ކަވަރ ސޯންގް މަނިކޭ މަގޭ ހިތޭ، ވެގެން ގޮސްފައި ވަނީ ކުޑަދުސްކޮޅެއްގެ ތެރޭގައި ހަގީގަތުގައި ވެސް އެންމެ ގިނަ ބައެއްގެ ހިތްތަކާ ކުޅެލި ލަވައަށެވެ. އެންމެ ފުރަތަމަ ޓިކްޓޮކުން މަޝްހޫރުވެގެން ދިޔަ މިލަވަ ނުހިނގާ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މިހާރަކު ނެތެވެ. ލަވައިގައި ކިޔާ އެއްޗެއް ނޭނގުނަސް އެ ލަވަ އަޑުނީވޭ ގައުމެއް މިހާރަކު ނެތެވެ. އަދި އެލަވައިގެ ނެތް ވާސަނެއްވެސް ނެތޭ މިހާރު ބުނެވިދާނެއެވެ.

ލަވައަކީ ވަކި ބަހުރުވައަކުން ވަކި މީހަކު ކިޔައިގެން މަޝްހޫރުވާ އަދި ރީތިވާ އެއްޗެއް ނޫނޭ ބުނާ ބީދައިން ޔޮހާނީގެ މަނިކޭ މަގޭ ހިތޭގެ ޖާދޫގައި މިހާރު އެންމެ ގަދައަށް ޖެހިފައިވާ އެއްބައަކީ އެންމެ ބޮޑު އެއް ފިލްމް އިންޑަސްޓްރީއާއި އެންމެ ބޮޑު ލަވައިގެ އިންޑަސްޓްރީއާއި އެންމެ ގިނަ މިއުޒިކީ ފަންނާނުން ހިމެނޭ އެއްގައުމު ކަމަށްވާ އިންޑިއާއެވެ. އިންޑިއާގެ މިއުޒިކާއި ލަވައިގެ ދާއިރާގައި ޔޮހާނީއާއި މަނިކޭ މަގޭ ހިތޭއަށް ލިބުނު މަޝްހޫރު ކަމާއި މަގުބޫލުކަމާއެކު މިހާރު ޔޮހާނީގެ ފޭނުން ވެސް އެންމެ ގިނަ އެއް ގައުމަކީ އިންޑިއާ ކަމުގައި ބުނެވިދާނެއެވެ.

އެގޮތުން ޔޮހާނީގެ މަނިކޭ މަގޭ ހިތޭގެ އަވައިގައި ނުޖެހޭ މަޝްހޫރު ތަރިއެއްވެސް ބޮލީވުޑްގައި ނެތޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ހިންދުސްތާން ފިލްމީ ދުނިޔޭގެ ރަސްގެފާނު އަމީތާބު ބައްޗަނުން ފެށިގެން އައިޝްވާރިއާ ރާއީއާއި އަބީޝެކް ބައްޗަނާއި ޔޯޔޯ ހަނީ ސިންގްހއާއި ޓައިގަރ ޝްރޮފްފަދަ މަޝްހޫރި އެތައް ތަރިންނެއް ވެސް ޔޮހާނީގެ ފޭނުންނަށްވެ މަނިކޭ މަގޭ ހިތޭގެ އަވައިގައި ޖެހި އެލަވަ ރީޓްވީޓްކޮށް ޝެއާކޮށް ހަދާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިއާގެ ފަންނާނުންނާއި ތަރިންނާއި މިއުޒިކްކުޅޭ މީހުންނާއި އިންޑިއާގެ އާންމު ރައްޔިތުންގެ ވެސް ގިނަ ބައެއްގެ ހިތްތަކާ ޔޮހާނީ ކުޅެލައިފިކަން ޔަގީންވާ އެންމެ އަލިގަދަ ދަލީލަކީ އިންޑިއާގެ ބޮޑެތި ޓީވީ ޗެނަލް ތަކުން ޔޮހާނީ ފަހަތުން ދުވަން ފެށުމެވެ. އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ޗެނަލް ތަކުން ޔޮހާނީ އާއި ބައްދަލުކޮށް އޭނާގެ އިންޓަވިއުތައް ގެނެސްދެމުން ގޮސް ލިބުނު މަޝްހޫރު ކަމާއެކު އެންމެ ފަހުން ޔޮހާނީގެ އަތުގައި ހިފީ ބޮލީ ވުޑްގެ މަޝްހޫރު މިއުޒީޝަނުންނާއި ޓީވީ ޝޯތަކުގެ ޕްރޮޑިއުސަރުންނެވެ.

މީގެ ހެއްކަކީ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ޔޮހާނީ ފެނިގެން ދިއުމެވެ. އެޝޯގައި ޔޮހާނީގެ ޚާއްޞަ ފެނިލުމުގައި އޭނާ، މަނިކޭ މަގޭ ހިތާ ހުށައަޅައި ދިނުމުގެ އިތުރުން އެލަވައިގެ ޖާދޫގައި މަޝްހޫރު ފިލްމީ ތަރި އަދި ޝޯގެ ޕްރެޒެންޓަރ ސަލްމާން ޚާން ވެސް ޖައްސާލީއެވެ. ޔޮހާނީގެ ފަހަތުން ސަލްމާން މަނިކޭ މަގޭ ހިތޭ ކިޔަމުންދާއިރު އޭނާގެ ހުންނަ ސަކަ މިޒާޖުގެ ތެރެއިން ވެސް ޔޮހާނީ ސަލްމާންގެ ހިތް އަތުލައިފިކަން ޔަގީން ކުރެވިގެން ދެއެވެ.



ބިގް ބޮސް 15 ގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ޔޮހާނީއަށް ދައުވަތު ދީފައިވަނީވެސް ސަލްމާން ޚާނެވެ. އަދި މި ދައުވަތު ސަލްމާންގެ ފަރާތުން ލިބުމުން ވަރަށް އުފާވިކަމަށް ޔޮހާނީ ވަނީ ބުނެފައެވެ.

އެގޮތުން މި ޝޯގައި ބައިވެރިވެލުން ވެގެން ދިޔައީ ވަރަށް ތަފާތު ތަޖުރިބާއަކަށް ކަމަށާއި ޝޯގެ ތެރެއިން ސަލްމާނާއެކު ވަރަށް މަޖާ ވަގުތުކޮޅެއް ހޭދަކުރެވުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ޝޯގެ ތެރެއިން، ސަލްމާނަށް މަނިކޭ މަގޭ ހިތޭ، ލަވަ ދަސްކޮށްދިނުމާއި، ސަލްމާނާއެކު ލަވަކިޔުން ވެގެން ދިޔައީ ދުވަހަކުވެސް ޔޮހާނީގެ ހަނދާނުން ފިލައިގެން ނުދާނެ ފަދަ އުފާވެރި ވަގުތުކޮޅަކަށް ކަމަށް ޔޮހާނީ ވަނީ ބުނެފައެވެ. އަދި ބިގް ބޮސްއަކީ ވަރަށް ސަޅި ޝޯއެއް ކަމަށްވެސް ޔޮހާނީ ވަނީ ފާހަކޮށްފައެވެ.

ސިންހަޅަ ބަހުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވަ ވެގެންގޮސްފައި މިވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވައަކަށެވެ. އެގޮތުން އޭނާގެ ޔޫޓިއުބްގައި މި ލަވަ ރިލީޒްކުރިތާ މަސްދުވަހުގެ ތެރޭގައި، 9.1 މިލިއަން ވިއުސް މިލަވައަށް ލިބިފައިވެއެވެ.



ހިންދު ކަރައިން ޔޮހާނީއަށް ލިބުނު ތަރުހީބު މިހާހިސާބުން ނިމުނީއަކީ ނޫނެވެ. ޔޮހާނީ ދެކެމުން އައި އެންމެ ފޮނި ހުވަފެން ވެސް ހަގީގަތަކަށް ވީއެވެ. އޭނާއަށް ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ކިޔާލުމުގެ ފުރުސަތު ވެސް ލިބުނީއެވެ. ފިލްމް ޝިއްދަތަށް ޔޮހާނީ ކިޔައިދޭ ހިންދީ ލަވަ މިހާރު ވަނީ ރެކޯޑްވެސް ކޮށްފައެވެ.

ދުނިޔޭގެ އެތައް ބަހުރުވައަކުން ޔޮހާނީގެ މަނިކޭ މަގޭ ހިތޭ ލަވަ ރެކޯޑް ކުރެވި ގިނަ ބައެއްގެ ހިތްތަކާ ކުޅެމުން ދިޔަ ނަމަވެސް މަނިކޭ މަގޭ ހިތޭ ގެ ޔޮހާނީގެ ވާސަން އަދިވެސް ފަނޑުވުމެއްނެތި ފިޔަޖަހަނީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން