އިޓަލީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރކަމުގައިވާ ޓީޓީޖީ ޓްރެވަލް އެކްސްޕީރިއެންސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޓީޓީޖީ ޓްރެވަލް އެކްސްޕީރިއެންސް ފެއަރގައި މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 8 ފަރާތަކުންވަނީ ބައިވެރިވެފައެވެ. އެއީ ދަ ބެއާފުޓް އިކޯ ހޮޓެލްސް، ސަން އޯޝަން ޕްރައިވެޓް ލިމިޓެޑް، ގްރާންޑް ބީޗް ދިގުރަށް، ލަކްސް ސައުތު އަރި އަޓޯލް މޯލްޑިވްސް، ރިޒޯޓް ލައިފް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް، ސަން ޓްރެވަލް އެންޑް ޓުއާޒް، ސަން ސިޔާމް ރިޒޯޓްސް އަދި ކެޕިޓަލް ޓްރެވަލް އެންޑް ޓުއާޒްއިންނެވެ.

ޓީޓީޖީ އަކީ އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޓްރެވަލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުން ބައިވެރިވެ ދުނިޔޭގެ ފަތުރުވެރިކަމުގެ އެކި މަންޒިލްތަކާއި ޚިދުމަތްދޭ ފަރާތްތަކާއި އެއްތަނަކުން ބައްދަލުކޮށް، ނެޓްވޯކް ކުރުމަށް ފުރުސަތުދޭ ހަރަކާތެކެވެ.



މި ހަރަކާތުގައި އިޓަލީ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ރާއްޖެއަކީ އިޓަލީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރުމުގެ އިތުރުން ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް، ލިވަބޯޑު ތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރާނެއެވެ.

ޓީޓީޖީގައި ގިނަ އެގްޒިބިޓަރުންތަކެއް ބައިވެރިވަމުންދާއިރު، މި ހަރަކާތުގެ ތިން ދުވަހުގެ ތެރޭގައި ބައިވެރިންނާއި މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގިނަ ބައްދަލުވުންތަކާއި، ސެމިނާ އަދި ނެޓްވޯކިން ސެޝަންތައް ބާއްވާނެއެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. އެގޮތުން ޕެންޑަމިކްގެ ކުރިން އެޤައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ 3 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރު އިޓަލީން ރާއްޖެއަށް 136343 ފަތުރުވެރިން އައިސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން