ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
"ވަރލްޑް ޓްރެވަލް އެވޯޑްސް"ގެ އިންޑިއަން އޯޝަން ކެޓަގަރީން ދިވެހިރާއްޖެއަށް 4 އެވޯޑެއް ލިބިއްޖެއެވެ.

މިދިޔަ އަހަރު ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި ވޯލްޑް ޓްރެވަލް އެވޯޑްގެ، "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ހޯދާފައެވެ. އަދި މިއަހަރުގެ ވޯޑްލް ލީޑިންގ ޑެސްޓިނޭޝަން އެވޯޑަށްވެސް ރާއްޖެ ވާދަކުރާއިރު މިއަހަރުގެ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު ރަޝިއާގެ ވެރިރަށް މޮސްކޯގައެވެ.

ރޭ ބޭއްވި 28 ވަނަ "ވަރލްޑް ޓްރެވަލް އެވޯޑްސް" ގައި މިއަހަރު ދިވެހިރާއްޖެއިން ކާމިޔާބުކޮށްފައިވަނީ އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަން އެވޯޑާއި، ލީޑިން ޑެސްޓިނޭޝަން 2021 އެވޯޑާއި، އިންޑިއަން އޯޝަންގެ ލީޑިންގް ބީޗް ޑެސްޓިނޭޝަން 2021 ގެ އިތުރުން އިންޑިއަން އޯޝަންގެ ލީޑިންގް ޑައިވް ޑެސްޓިނޭޝަން 2021، އެވޯޑެވެ.

މީގެ އިތުރުން އިންޑިއަން އޯޝަންގެ ލީޑިން ޓުއަރިސްޓް ބޯޑް 2021ގެ އެވޯޑް، މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ވަނީ ކާމިޔާބުކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގެ ރިސޯޓުތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން އެވޯޑް ޙާސިލްކޮށްފައެވެ.

މިއީ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން އިންޑިއަން އޯޝަންގެ އެންމެ މަޤުބޫލު މަންޒިލްގެ މަގާމު ހާސިލް ކުރި 13 ވަނަ ފަހަރެވެ. 1993 ވަނަ އަހަރު ދޭން ފެށި، މި ޝަރަފުވެރި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު އެވޯޑެކެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555,494 ފަތުރުވެރިންނެވެ. މި އަހަރު މިހާތަނަށް 923,146 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ލަފާކޮށްފައިވަނީ މި އަހަރު އެއް މިލިޔަނަށް ވުރެގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރާތްކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން