ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން އައު ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލުން ބުނީ ކަސްޓަމަރަށް އެޕްރޫވްވެ ކަނޑައެޅިފައިވާ ކްރެޑިޓް ކާޑު ލިމިޓާ ހަމަޔަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިކާޑަކީ ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރަންޖެހޭ ފަރާތްތަކަށް ވަރަށް އެކަށީގެންވާ ކާޑެއްކަމަށެވެ. އަދި ކާޑަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުންކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

މިހާރު ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް މިހާރު ބޭނުންކުރާ ކާޑު، ޑޮލަރު ކާޑަކަށް ބަދަލު ކުރުމަށް އެދި ހުށަހެޅޭނެއެވެ. އަދި އަލަށް ކާޑަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށްވެސް ކާޑަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލުން ބުނެއެވެ.



ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަރު ބޮޑު ނޭދެވޭ އަސަރެެއްކޮށްފައިވާތީ ހާލަތަށް ރިއާޔަތްކޮށް، މިދިޔަ އަހަރު ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅާފައިކަމަށެވެ.

"މި ވޭތުވެދިޔަ އަހަރުތެރޭގައި ބޭންކުން ވަނީ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައި. ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ. އަދި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ ހަމަޔަށް މި ކާޑު ބޭނުންކޮށްގެން ވިޔަފާރިވެސް ކުރެވޭނެ." ޓިމް ވިދާޅުވިއެވެ.



އަލަށް ތައާރަފް ކުރެވުނު ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށްވެސް ދޫކުރެވޭނެކަމަށާއި ޔޫއެސްޑީ ވިސާ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައްވެސް ކުރެވޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ވިސާގެ ޕްރިންސިޕަލް މެންބަރުވެސްމެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން