ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ނިޔާވި 7 އަހަރުގެ ރައުޝާން ޖިއާން (ކ)
ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ނިޔާވި 7 އަހަރުގެ ރައުޝާން ޖިއާން (ކ)
އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، 7 އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި 4.5 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސިވިލް ކޯޓުން ޑަބްލިޔު ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ހައިކޯޓުން މިއަދު އަމުރު ކޮށްފިއެވެ.



ބަންގްލަދޭޝަށް ނިސްބަތްވާ ރައުޝަން ނިޔާވީ 16 ޑިސެމްބަރު، 2018 ގައި އޭނާގެ މަންމައާއެކު މަގުމަތިން ހިނގާފައި ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ވަރަށް ބޮޑަށް ޒަހަމްވުމުން އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިމައްސަލައިގައި ކުއްޖާގެ އާއިލާއިން 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުވާކުރީ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ އަމަލުތަކެއްގެ ސަބަބުންކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

17.4 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދޭން އާއިލާއިން އެދުނު ނަމަވެސް ކޯޓުން ހުކުމްކޮށްފައިވަނީ ގެއްލުމަށް ނަގައިދެވޭނީ 4.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭ ދެއްކުމަށް ހުކުމްކޮށްފައިވެއެވެ.

ސިވިލްކޯޓުގެ ހުކުމް ޑަބްލިއު ކޮޮންސްޓްރަކްޝަންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ހައި ކޯޓުން މައްސަލަ ނިމުމުގެ ކުރިން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކޮށްފި ނަމަ، ޑަބްލިއު ކޮންސްޓްރަކްޝަންގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތު އޮތުމުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރާކަމަށެވެ.

ސިމެންތި ބަސްތާ ވެއްޓި ޖިއާން މަރުވި މައްސަލައިގައި ހަ މީހަކަށް 2019 ވަނަ އަހަރު ޖިނާއީ ދައުވާވެސް ކުރިއެވެ. ނަމަވެސް ކުށް ސާބިތުވީ އޭގެތެރެއިން 5 މީހަކަށެވެ. 5 މީހުންގެ ތެރެއިން 2 މީހަކު ޖަލަށްލާން ހުކުމްކުރިއިރު، 3 މީހަކަށް އައީ ޖޫރިމަނާގެ ހުކުމެކެވެ.

ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން