އަނަންތު އަންބާނީ
އަނަންތު އަންބާނީ
އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިކަލުން އަނަންތު އަމްބާނީ، އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނިވަރސިޓީގެ "ޕްރޮފެސަރ އޮފް ޕްރެކްޓިސް އިން ސަސްޓެއިނަބިލިޓީ" ގެ މަޤާމަށް ހަމަޖެއްސުމާ ގުޅިގެން، ތިމާވެށީގެ ދާއިރާގެ އެކްޓިވިސްޓުންނާއި އެކެޑެމިކް ދާއިރާގެ ބޭފުޅުންގެ އިތުރުން އެ ޔުނިވަރސިޓީގެ މުވައްޒަފުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ނިއުކާސަލް ޔުނިވަރސިޓީން ހާމަކުރި ގޮތުގައި، އުމުރުން 31 އަހަރުގެ އަނަންތު އަމްބާނީއަށް މި ޝަރަފުވެރި މަޤާމު އެރުވީ ތިމާވެށި ހިމާޔަތްކުރުމަށާއި، ދިރުންތަކުގެ ނަސްލު ރައްކާތެރިކުރުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށް އޭނާ ވެދެއްވާ ޚިދުމަތްތައް ވެސް އެ ޔުނިވަރސިޓީން ފާހަގަކޮށްފައިވެއެވެ. އަނަންތަކީ އަމްބާނީ އާއިލާގެ ރިލަޔަންސް ގްރޫޕުގެ އެގްޒެކެޓިވް ބޯޑު މެންބަރެއްގެ އިތުރުން، އެ ކުންފުނީގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.

އަނަންތު ވަނީ އިންޑިއާގެ ގުޖުރާތުގައި 1،400 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި "ވަންތާރާ" ގެ ނަމުގައި ޖަނަވާރުން ބަލަހައްޓާ ޚާއްޞަ މަރުކަޒެއް ޤާއިމުކުރައްވާފައެވެ. އެ މަރުކަޒުގައި ސިންގާއާއި، މިނިކާވަގާއި، ކިނބޫ ހިމެނޭހެން 150،000 އަށްވުރެ ގިނަ ޖަނަވާރު ގެންގުޅެމުންދާއިރު، އެ ތަނަށް ޖަނަވާރު ހޯދި ގޮތާމެދު މީގެ ކުރިން ވަނީ ސުވާލުތަކެއް އުފެދިފައެވެ. ނަމަވެސް، ޣައިރުޤާނޫނީ ގޮތުގައި ޖަނަވާރުގެ ވިޔަފާރިކުރާ ކަމަށް ކުރެވުނު ތުހުމަތުތައް ވަންތާރާއިން ދޮގުކޮށްފައިވާއިރު، އިންޑިއާގެ ސުޕްރީމް ކޯޓުން ހިންގި ތަޙުޤީޤަކަށް ފަހު އެ ތަނުގައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ހިންގާފައިނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ނިންމުމަށް ފާޑުވިދާޅުވި ތިމާވެށީގެ މާހިރުންނާއި ޔުނިވަރސިޓީގެ މުވައްޒަފުން ފާހަގަކުރި ގޮތުގައި، ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއަށް މިއަށްވުރެ މާ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިލްމުވެރިންނާއި ސައިންސްވެރިން އެބަތިއްބެވި ކަމަށެވެ. އަދި ބޮޑެތި ވިޔަފާރިވެރިންނާއި ބިލިއަނަރުންގެ ނުފޫޒު މަތީ ތަޢުލީމުދޭ މުއައްސަސާތަކަށް ފޯރުމުގެ ފުރުޞަތު އޮތުމުން، އެފަދަ ފަރާތްތަކަށް އިލްމީ ޝަރަފުތައް ދިނުމުގެ ބަދަލުގައި، އެ މީހުންގެ ޢަމަލުތައް މުރާޖަޢާކޮށް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށްވެސް އެކެޑެމިކް ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް