އުއްތަމަ ފަނޑިޔާރު އަބްދުލްޢަނީ މުޙައްމަ
އުއްތަމަ ފަނޑިޔާރު އަބްދުލްޢަނީ މުޙައްމަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ކޯޓުގެ އަމިއްލަ އިމާރާތެއް ބިނާކުރުމަށް މާލެއިން ބިމެއް ހަމަޖައްސައިދީފިއެވެ.

މިކަން ހާމަކުރެއްވީ ސުޕްރީމް ކޯޓުގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޢަނީ މުޙައްމަދު އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުޢީ ދާއިރާއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން، މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާއިރު، އެކަމަށް ބޭނުންވާ ބިން މި މަހުގެ 8 ވަނަ ދުވަހު ވަނީ ހަމަޖެހިފައެވެ.

އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ތެރޭގައި އެ އާ އިމާރާތުގައި ޝަރުޢީ މަސައްކަތްތައް ފެށުމެވެ.

ސުޕްރީމް ކޯޓުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވީ، އިންތިޤާލީ މަރުޙަލާގައި އެ ކޯޓު މުލީއާގޭގައި ހިންގުމަށްފަހު، މިހާރު ދާއިމީ ކޯޓު ހިންގަމުންދަނީ ތީމުގެ ތެރޭގައި ކަމަށެވެ. އެ ދެ ތަނަކީވެސް ހައިބަތު ބޮޑު ތަންތަން ކަމުގައިވީ ނަމަވެސް، އެއީ ޝަރުޢީ ކޯޓެއް ހިންގަން ފަރުމާކޮށްފައިވާ އިމާރާތްތަކެއް ނޫންކަމުން ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންނަށް އަވަސް އިންސާފު ފޯރުކޮށްދިނުމުގެ ގޮތުން، ކޯޓުތަކުގައި އެއް އަހަރަށްވުރެ ދިގުލައިގޮސްފައިވާ މައްސަލަތައް އަވަސްކުރުމަށް އިދާރީ އަދި ނިޒާމީ ހުރަސްތައް ދެނެގަނެ، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އަލަށް ލިބުނު ބިމުގައި ބިނާކުރެވޭ އިމާރާތަކީ ސުޕްރީމް ކޯޓުގެ މުސްތަޤުބަލުގެ ތަޞައްވުރު ހަޤީޤަތަކަށް ހަދައިދީ، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް އެކަށީގެންވާ ފަހި މާހައުލެއް ފޯރުކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް