ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިއަހަރު ނިމެންވާއިރު އެ ކުންފުނިތަކުގައި މުވައްޒަފުން ތިބޭނީ ހަގީގަތުގައިވެސް ބޭނުންވާ މިންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިިއިރު، ސަރުކާރު ކުންފުނިތަކުގައި 18،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައެވެ.

އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހިއްސާކުރި މައުލޫމާތުތަކަށް އަލިއަޅުއްވާލައްވަމުން، އެ މުވައްޒަފުންނަށް ވަޒީފާ ދީފައިވަނީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ވެރިކަމާ ހަވާލުވި ދުވަސްވަރާ އަޅާބަލާއިރު މިހާރުވެސް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޭކާރު ގޮތުގައި ނަގާފައިވާ މުވައްޒަފުން ވަކިކުރަން ޖެހޭކަން ފާހަގަކުރައްވަމުން، ރައީސް ވަނީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ނުހަނު ޒިންމާދާރުކަމާއެކު ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަޒީފާތަކުން މުވައްޒަފުން ދޫކޮށްލުމުގައި ގެންގުޅޭ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތަށް އަމިއްލައަށް ވަކިވާ މުވައްޒަފުންނަށް ޚާއްސަ ރިޓަޔާމެންޓް ޕެކޭޖެއް ހަމަޖައްސައިދެވޭނެއެވެ. އަދި ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އަމިއްލަ ވިޔަފާރި ފެށުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ލޯނު ލިބޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް