ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު (ކ) އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް
ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު (ކ) އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ޙަމަލާދިންކަމަށް ތުހުމަތުކޮށް ދައުވާ ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ.



މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ބަންދު އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ބަންދު ކުރެވޭ ވަރަށް ދައުލަތުން ހެކި ގަރީނާ ހުށަހަޅާފައިވުމާއި އެ މީހުންގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހު ޝަރީޢަތް ނިމެންދެން އެމީހުން ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށެވެ.

ޢަލިމަނިކަކީ އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލާން މެއި 15، 2008 ގައި ހުކުމް ކޮށްފައިވާ މީހެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި އޭނާއަށް މާފުދީ ޖަލުން ދޫކޮށްލިއެވެ.

ހައެއް މެއިގެ ހަމަލާއާއި ގުޅިގެން ދައުލަތުން މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ނުވަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެއީ އަލީ މަނިކާއި، ތަސްލީމްގެ އިތުރުން، ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިޝްހާގުގެ މައްޗަށެވެ.

މީގެ ތެރެއިން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް އެއްބަސްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ 8:27 ހާއިރު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.

އެ ޙަމަލާ އަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޖަރުމަންވިލާތަށާއި އިނގިރޭސިވިލާތަށެވެ. އެމަނިކުފާނު މިވަގުތު ވަޑައިގެން ހުންނެވީ ރާއްޖޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން