10 ވަނަ އެޕިސޯޑް

==========

[މަންމަ ހާދަ މޮޅޭ.....] ޒައިހާ މަންމަގެ ކޮނޑުގައި އެލިގަތެވެ. ބަދުރިއްޔާއަށް ލިބުނު އުފަލުގެ ކޮޅެއް ނެތްކަހަލައެވެ.

[މަންމަ ވަރަށް އުފާވެއްޖެ. މާމައަކަށްވުމުގެ ފޮނި ހުވަފެން އަބަދުވެސް މަންމަ ދެކެން. އަވަހަށް ދަރިފުޅުދޭ އަރާމުކުރަން.....މަންމަ މިދަނީ ދަރިފުޅުމެންނަށް ސައިހަދަން.] ޒައިހާއާއި މުއީޒް ކޮޓަރިއަށް ވަނީމާ، ބަދުރިއްޔާ ދިޔައީ ބަދިގެފަރާތަށެވެ. ނިކަން އުފާވެފައި ހުރެއެވެ. ޙުސްނީއަށް އެ ޚަބަރު ދިނުމަށްވެސް މިހާރު އޭނާގެ ކެތްތެރިކަން ކުޑަވަނީއެވެ. އޭނާއެކޭ އެއްފަދައިން، އެޚަބަރު ލިބުމުން، ޙުސްނީވެސް އުފާވާނެއެވެ. އެންމެފަހުން ރޭގައިވެސް ޙުސްނީވަނީ އޭނާއަށް ކާފަ ކިޔާނެ ކުއްޖަކު ބޭނުންވާ ކަމުގައި ބަދުރިއްޔާ ގާތު ބުނެފައެވެ. ފަހަކަށްއައިސް، ކާފަ ދަރިޔަކު ލިބި، ފަޒާތެރޭ އުދުހެނިކޮށްވެސް، ޙުސްނީއަށް ފެންނަ ކަމުގައި އޭނާ ބަދުރިއްޔާ ގާތު ބުނެއެވެ.

ބަދިގޭގައި ސައި ތައްޔާރުކުރަން ހުރި ބަދުރިއްޔާ ބޭރަށް ނުކުތީ، ގޭދޮރުމަތިން މީހަކު ސަލާމް ގޮވާލި އަޑަށެވެ. އޭނާ ބޭރަށް ނުކުތީ ސަލާމް ބަލައިގަންނަމުންނެވެ. ދޮރުމަތީގައި ހުއްޓިހުރީ މުއުމިނާއެވެ.

[އަނހަ.....މުއުމިނާ.....ހާދަ ހާސްވެފައި ހުރިހެން ހީވެޔޭ. އަނެއްކާ ކިހިނެއްވީ؟] މުއުމިނާގެ މޫނުމަތީގެ ކުލަވަރު ފެނި ބަދުރިއްޔާ އެއްސެވެ.

[ބަދުރިއްޔާ، މުއީޒްމެން ވީތަނެއް އެނގޭތަ؟] ހާސްވެ ކަންބޮޑުވެފައިވާފަދަ ގޮތަކަށް މުއުމިނާ އެއްސެވެ.

[އެކުދިން އެބައުޅޭ މިއަދު އައިސް. އަނެއްކާ ޒައިހާ ބަލިވެއިންކަން އެނގިގެންދޯ ތިއައީ.....] ބަދުރިއްޔާ، އެ އުފާވެރި ޚަބަރު މުއުމިނާއަށް ދިނެވެ. އޭނާ ހީކުރީ، އޭނާއެކޭ އެއްފަދައިން، މުއުމިނާވެސް ވަރަށް އުފާވެ، އެހާމެ ހިތްހަމަޖެހޭނެ ކަމަށެވެ.

[އޭނ؟ ކީކޭ! ޒައިހާ ބަލިވެއިނީއޭ.....ނޫން.....ބުނޭ ތީ ދޮގެކޭ.] މަނިކާއި ބާޤިރު އައިސް، އެގޭ ދޮރުމައްޗަށް އެރީ އެވަގުތުއެވެ. ދުވަސްތަކަކަށްފަހު، މަނިކު ފެނުމާއެކު، ބަދުރިއްޔާގެ ދެލޯ ބޮޑުވިއެވެ.

[މަނިކު.....ކަލޭ!] ބަދުރިއްޔާއަށް ފަހަތަށް ޖެހިލެވުނެވެ.

[އާނ، ބަދުރިއްޔާ އަހަރެން.....އަހަންނަށް މަޢާފްކުރޭ.] މަނިކަށް މިހެން ބުނެވުނު ވަގުތު، އެތަނަށް ޒައިހާއާއި މުއީޒްވެސް އަތުވެއްޖެއެވެ.

ޒައިހާ ޙައިރާންވެފައި ހުއްޓަސް، ކަންތައް ވެގެން އުޅޭގޮތް ހިސާބަކަށް އެނގޭތީ، މުއީޒް އެހާ ޙައިރާނެއް ނުވެއެވެ.

[ދަރިފުޅާ ޒައިހާ، ދަރިފުޅުގެ ރަޙުމްކުޑަ ބައްޕައަކީ މިއީ.....ދަރިފުޅުގެ ޙަޤީޤީ ބައްޕައަކީ މިއީ.....] ފުރަތަމަ ފަހަރަށް ބަދުރިއްޔާ ޒައިހާއަށް، އޭނާގެ ބައްޕަ އޮޅުންފިލުވައިދިނެވެ.

[އެކަނި ޒައިހާގެ ބައްޕައެއް ނޫން. މުއީޒްގެ ބައްޕައަކީވެސް މިއީ.....ދަރިފުޅުމެންނޭ، މިމަންމަމެނަށް މަޢާފްކުރޭ. ހަމަގައިމުވެސް މަންމައަށް، ޒައިހާއަކީ މަނިކުގެ ދަރިއެއްކަން ކަށަވަރުވީނަމަ، މުއީޒާއި ޒައިހާގެ ކައިވެނިވިޔަ ނުދިނީމުސް. ކިހިނެއް، އެއްބަފާ ދެބެންނަށް އިނދެވޭނީ] މުއުމިނާގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. މުއުމިނާ އެހެން ބުނީމާވެސް، ޒައިހާއާއި މުއީޒްގެ މޫނުމައްޗަކުން ހާސްވުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ.

[ކީކޭ! މުއީޒަކީވެސް މަނިކުގެ ދަރިއެއް!؟ މުޅި ޤައުމުގައި ކަލޭގެ ފާފައިގެ ނިޝާންތައް] ބަދުރިއްޔާ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.

[އާނ، ބަދުރިއްޔާ، މުއީޒާއި ޒައިހާއަކީ އެއްބަފާ ދެބެން. އެދެބެންގެ ހަށިގަނޑުގައިވެސް ވަނީ އަހަރެންގެ ލޭ.....] މަނިކު ޔަޤީންކަން ދިނެވެ.

[މިއަދުތަ މަންމަވެސް ތިވާހަކަ ބުނަންވީ.....މިހާރު ވަގުތު ފާއިތުވެއްޖެ. މިހާރު ޒައިހާ އެއިނީ އަހަރެންގެ ދަރިއަކަށް ބަލިވެ.....އަހަންނަކަށް ދެނެއް ޒައިހާއަކާ ވަކިންނެއް ނޫޅެވޭނެ.] މުއީޒް މަންމައަށް ރުޅިބޭލިއެވެ. މީގެކުރިން މުއީޒް ދުވަހަކުވެސް މަންމަގެ ކުރިމަތީގައި އެގޮތަށް ރުޅިގަދަވެފައެއް ނުވެއެވެ.

[ދަރިފުޅާ، މަންމަ ކުރިއަކުން ހިއެއްނުކުރަން މިދުވަސް އަތުވެދާނެ ކަމަކަށް.] މުއުމިނާ ފެންކަޅިވިއެވެ. ޙަޤީޤަތުގައި އޭނާ ވަރަށް ބޮޑަށް ދެރަވެ ހާސްވެއްޖެއެވެ.

[މުއީޒް ބުނީ ތެދެއް.....މަންމާ.....ދެން އަހަރުމެންނަށް ވަކިން ނޫޅެވޭނެ. އަހަރުމެން ދުރުކުރަން މަސައްކަތް ނުކުރޭ މަންމާ.....އަހަރުމެންނަކީ ދެބެންނެއް ނޫން.....ދެމަފިރިން.]

ޒައިހާއާއި މުއީޒް އެކުގައި ކޮޓަރިއަށް ވަނެވެ.

[އަޅެ އަހަރުމެން އަހަރުމެން ކިހިނެއްތަ ހަދަންވީ؟] ބަދުރިއްޔާއަށާއި މުއުމިނާއަށާ ދެމީހުންނަށް، އެކުއެކީގައިހެން ބުނެވުނެވެ. މިހާރު އެންމެންވެސް ވަނީ ފިކުރު ބޮޑުވެފައެވެ. އެ ދަނޑިވަޅު އެންމެ ރަނގަޅު ޚިޔާލުދިނީ މަނިކުގެ ރަޙްމަތްތެރިޔާ ބާޤިރެވެ.

[ބަލަ މަނިކު، ކަލޭމެން އަދިވެސް ތިބެނީތަ؟ ކަމާބެހޭ ފަރާތްތަކާ ގުޅައިގެންވެސް، އެދެކުދިން ދުރުކުރަން ޖެހޭނެއެއްނު. ކަލޭމެން ލަދުގަންނަންޖެހޭތީއޭ ކިޔާފައި ހިމޭނުން ތިބޭކަށްނުވާނެ، އަވަސްކުރޭ.] ބާޤިރު، މަނިކުގެ އަތުގައި ހިފައިގެން އެގެއިން ނުކުތެވެ.

[އަހަރެން ކޮންތާކަށްތަ ދާންވީ؟ ފުރަތަމަ ބަލަންވީ، އެކުދިންނަށް ވިސްނައިދީގެން ދުރުކުރެވޭތޯއެއްނު. އެކުދިން އެބުނަނީ، އެއީ ދެބެން ކަމަށް ގަބޫލު ނުކުރާނޭ ކަމަށް. އަޅެ، ބާޤިރު އެކުދިންނަށް ވިސްނައިދެވޭތޯ މަސައްކަތްކޮށްބަލަ.] މަނިކު އަނެއްކާވެސް އެނބުރި އެގެއަށް ވަނެވެ. ފުރަތަމަ ވިސްނައިދެވޭތޯ މަސައްކަތް ކުރުމަކީ، އެންމެ ރަނގަޅުގޮތް ކަމަށް ބާޤިރުވެސް ގަބޫލުކޮށް، މަނިކު ފަހަތުން އެގެއަށް ވަދެއްޖެއެވެ.

]ދަރިފުޅުމެންނޭ ދޮރު ހުޅުވަބަލަ.] ދޮރުގައި ޓަކިޖަހާލުމަށްފަހު، ތަޅުގައި ހިފާލަމުން މަނިކު ގޮވާލިއެވެ. ނަމަވެސް، އެތެރެއަކުން އެއްވެސް ޚަބަރެއްނުވިއެވެ.

[ދަރިފުޅާ، ޒައިހާ ނިކަން ދޮރު ހުޅުވަބަލަ. މަންމަ މޮޔަވެދާނެ.....] ބަދުރިއްޔާ ރޮއިގަތް އަޑު އިވުނީމާ، ޒައިހާ ނިކަން ފަސޭހައިން ދޮރު ހުޅުވައިފިއެވެ.

[މަންމާ، އަހަރުމެން ދޭތެރެއަށް އެއްވެސް މީހަކު ވަންނަން މަސައްކަތް ނުކޮށްބަލަ.....މުއީޒަކީ އަހަންނާ އެއްބަފާ މީހެއް ނޫނޭ.....އެއީ އަހަރެންގެ ފިރިމީހާ.....އާނ.....ރޭވިލޭރޭތަކުގެ ބައިވެރިޔާ. އޭނާ އަހަންނަށް ހުރިހާ އުފާތަކެއްވެސް ހޯދައިދޭނެ.] ކޮޓަރިން ނުކުތީ ޒައިހާ އެކަންޏެވެ. މުއީޒް ހުރީ އެތެރޭގައެވެ. ދިފާޢުގައި ވާހަކަ ދައްކަން ޒައިހާއަށް ހިތްވަރުދީފައެވެ.

]މުއީޒް ކޮބާ.....އެސޮރު ނެރެބަލަ.....] މުއުމިނާ އެއްސެވެ.

[މުއީޒެއް ނެތް.....އޭނާ ކުޑަދޮރުން ފުންމާލައިގެން ހިނގައްޖެ. މަންމަމެން ކިތަންމެ ހުރަސްއެޅިޔަސް، އޭނާވެސް ބޭނުމެއްނުވޭ އަހަންނާ ވަކިވާކަށް.....] ޒައިހާ މިހެން ބުނީމާ، އެންމެން އެއްފަހަރާ އެކޮޓަރިއަށް ވަދެއްޖެއެވެ. އެއީ ތެދެކެވެ. މުއީޒެއް ކޮޓަރިތެރެއަކު ނެތެވެ. އެއާއެކު ހުރިހާ އެންމެން ގޮތް ހުސްވި ކަހަލައެވެ.

ކަމާބެހޭ ފަރާތަށް އެކަން އެންގީ، ޞުލްޙަވެރިކަމާއެކު އެދެބެން ދުރުވާން އެއްބަސްނުވުމާވެސްއެކު، މުއީޒްވެސް ފިލައިފާނެތީއެވެ. ވުމާއެކު، ކަމާބެހޭ ފަރާތްތަކާއި ރަށުގެ ރައްޔިތުން ގުޅިގެން، މުއީޒް ހޯދުމުގެ މަސައްކަތް ނިކަން އަވަހަށް ފެށުނެވެ.

ފަހަރެއްގައިވެސް ޒައިހާ، މުއީޒް އުޅޭ ތަނެއް އެނގޭ ކަމަކަށް އެއްބަހެއް ނުވެއެވެ.

[އަހަރެން ގާތު ކިތަންމެ ވަރަކަށް އެހިޔަސް، ޖަވާބެއް ނުދޭނަން. ދެބެންގެ ކައިވެނި މިގޮތަށް ވާންޖެހުނީވެސް ކަލޭމެންގެ ސަބަބުން. ކަލޭމެން ކުކުޅުހާލުގެ އުޞޫލަށް އުޅުނުކަމުގެ ނަތީޖާ މިއީ. އަރުގައި ހިތިރަހަލީމާ، ކޮންމެހެން އަހަރުމެންގެ ދެމެދަށް ވަންނަން އުޅުމުގެ އެއްވެސް މާނައެއް ނެތް.....] ޒައިހާ ރުޅިބޭލީ، އޭނާގެ މަންމައަށާއި ބައްޕައަށެވެ.

[ދެބެންކަން އެނގުނީމާވެސް ޒައިހާ ތި ބޭނުންވަނީ، ގުޅުން ކުރިއަށް ގެންދަން ރަށުގެ ކަތީބު ނަޞީރު، ޒައިހާއާ ސުވާލު ކުރިއެވެ.

[ދެބެންކަމެއް ނޭނގެ.....ދެބެން ނޫންކަން ކަށަވަރު.....މުއީޒަކީ ދިރިއުޅުމުގައި މިހާތަނާ ޖެހެންދެން އަހަންނަށް ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ހޯދައިދިން ފަރާތް.....މުޅި ދުނިޔެ އަހަރެމެންނާ ދެކޮޅަށް ނުކުތަސް ފަރުވާލެއްނެތް.....އަހަންނެއް މުއީޒާ ވަތްކެއްނުވާނަން.....މިއަދު އަހަރެމެންގެ ލޯބީގެ ނިޝާނެއް އުފަންވާން ވަނީ ތައްޔާރުވެފައި.....] ކަތީބުގެ ކުރިމަތީގައިވެސް ހަތިޔާރު ބަހައްޓާކަށް ޒައިހާ ބޭނުމެއް ނުވެއެވެ.

[ދަރިފުޅާ!؟] ފުރަތަމަ ފަހަރަށް ދަރިފުޅުގެ ކުރިމަތީގައި ރުޅިއިސްކޮށް، ބަދުރިއްޔާ ޒައިހާގެ މޫނުމަތީގައި ބޮނޑިއެއް އެޅިއެވެ. ޒައިހާ ރޮއިގަންނަމުން ކޮޓަރިއަށް ވަދެ އެތެރޭން ތަޅުލިއެވެ.

އެދުވަހާއި އެރޭވެސް ފާއިތުވެދިޔައެވެ. ރަށުގެ ރައްޔިތުންނާއި ވެރިން އެކުވެގެން ކުރި މަސައްކަތްތަކުންވެސް މުއީޒެއް ނުފެނުނެވެ.

[ދަރިފުޅާ.....އާދޭސްކޮށްފައި ބުނަން.....މުއީޒް ވީތަނެއް ބުނޭ.....އެއީ ދަރިފުޅުގެ އެއްބަފާ ބޭބެއޭ.....] ބަދުރިއްޔާ ރޮއިރޮއިފައި، ދަރިފުޅު ގާތު އާދޭސް ކުރިއެވެ. ޙަޤީޤަތުގައި މަންމަ، ޒައިހާގެ ކުރިމަތީގައި އެގޮތަށް ރުއިމަކީ، ފަހަރެއްގައިވެސް އޭނާއަށް ކެތްވާވަރުގެ ކަމެއް ނޫނެވެ.

[މަންމާ، މުއީޒް މަރުވެއްޖެ. މިހާރު އޭނަ މިދުނިޔޭގައި ނެތްތާ ކިތަންމެ ދުވަހެއް ވެއްޖެ. އެއްމަސް ދުވަހެއް ނޫން.....އެއްއަހަރުވަނީ.....] މަންމަގެ ހިތްދަތިކަން ފެނުމުން، ޙަޤީޤަތް ހާމަކުރަން ޒައިހާއަށް މަޖުބޫރުވިއެވެ. މަންމަގެ ހިތްހަމަޖެއްސުމަށްޓަކައެވެ.

]މުއީޒް މަރުވެއްޖެއޭ! އެއްމަސް ދުވަހެއް ނޫނޭ؟ އެއް އަހަރުވަނީއޭ!؟ ތިހެންވީއިރު އިއްޔެގައި ދަރިފުޅާއެކު އެ އައީ؟] ބަދުރިއްޔާ ދެލޯ ބޮޑުވިއެވެ. އޭރު ދާދި ގާތުގައި ޙުސްނީވެސް ހުއްޓެވެ.

[އާނ، މަންމާ މުއީޒް މަރުވިތާ މިހާރު އެއް އަހަރުވަނީ.....އިއްޔެ އަހަންނާއެކު އުޅުނީ.....އަހަރެންގެ ފިރިމީހާ.....ރޭވިލޭރޭތަކުގެ ބައިވެރިޔާ ބީކާލް.....] މަންމަމެންނަށް ގަބޫލު ނުކުރެވުނަސް، ޒައިހާ ހާމަކުރީ ތެދު ޙަޤީޤަތެވެ.

[ކީކޭ؟ ކޮންކަހަލަ ވާހަކަތަކެއްތަ ދަރިފުޅު ތިދައްކަނީ. ތިކިޔާ އެއްޗެއް ރަނގަޅަށް ކިޔާބަލަ.....] މިފަހަރު ޒައިހާއާ މުޚާޠަބުކުރީ ޙުސްނީއެވެ.

[ބައްޕާ، އަހަރެން މިބުނަނީ ރަނގަޅަށް. ބައްޕަމެނަށް ގަބޫލު ނުކުރެވިގެން ތިއުޅެނީ.....މުއީޒް މަރުވިތާ ކިތަންމެ ދުވަހެއް. އަހަރެންގެ ފިރިމީހާއަކީ މުއީޒެއް ނޫން.....އެއީ ބީކާލް.....ރޭވިލޭރެއަކުން އަހަރެންގެ ޙަޔާތަށް އައިސް، މިހާރު އަހަރެންގެ ދިރިއުޅުމުގައި އޭނަވަނީ ފައިތިލަ ސާބިތުކޮށްފައި. އަހަންނަކަށް އޭނައާ ވަކިން ނޫޅެވޭނެ.....] ބީކާލަކީ އިންސާނެއް ނޫންކަން އެނގޭއިރުވެސް، ޒައިހާގެ ހިތްވަނީ ބީކާލަށްޓަކައި ފިދާވާވަރުވެފައެވެ.

[ބީކާލް!؟.....އެއީ ކާކު؟ ދަރިފުޅު ނިކަން ހަމަޖެހޭ ވާހަކައެއް ދައްކަބަލަ.....] ޙުސްނީއަށް ހިސާބަކަށް ޒައިހާގެ ވާހަކަ މޭރުންވީކަންނޭނގެއެވެ.

[އެއީ އަހަރެންގެ ލޯބިވާ ފިރިމީހާ.....އޭނާއާ ބެހޭގޮތުން އިތުރަށް އޮޅުންފިލުވަން މަސައްކަތް ނުކުރޭ.....އަހަރެން އޭނާއާއެކު އުޅޭތަން ދެކެން މަންމަމެން ބޭނުން ނޫނިއްޔާ، އަހަރެން އޭނާއާއެކު އޭނާ ގެންދާ ތަނަކަށްވެސް ހިނގައިދާނަން. މިހާރުވެސް އަހަރެން މިއައީ، އޭނާއާއެކު މާސިންގާ ފަޅު ރަށެއްގައި އެކަނިމާއެކަނި އުޅެފަ.....] އޭރު އެތާތިބި އެހެން މީހުންނަށް ނުފެނުނަސް، ޒައިހާއަށް ފެންނަފަށުގައި މުއީޒްގެ ސިފައިގައި ބީކާލް ހުއްޓެވެ. ޒައިހާއާ ދާދި ގާތުގައެވެ.

[ޙުސްނީ އެމަންޖެ އެހެރީ މޮޔަވެފަ.....އަވަހަށް އެމަންޖެ ޑޮކްޓަރަކަށް ދައްކަން އުޅޭ.....] ޒައިހާ ދައްކާ ވާހަކަތަކަކީ، ހަމަނުޖެހޭ ވާހަކަތަކަކަށް މާނަކުރެވޭތީ، ބަދުރިއްޔާގެ ލޮލުން ކަރުނަހިލުނެވެ.

[ތިހެން ނުބުނޭ މަންމާ، އަހަރެން މޮޔައެއްނުވޭ.....އަހަރެން ހުރިހާ ވާހަކައެއްވެސް މިދައްކަނީ ބުއްދި ސަލާމަތުންހުރެ ދޯ ބީކާލް؟] މަންމައާ ވާހަކަ ދައްކަމުން، ޒައިހާ އޭނައާ ދާދި ގާތުގައި ހުރި ބީކާލަށް ދޯދިނެވެ.

[ދަރިފުޅާ ތިތާ މީހަކު ހުރީތަ؟] ވަށައިގެން ހޯދާލަމުން ޙުސްނީ އެހިއެވެ.

[އާނ އަހަރެންގެ ފިރިމީހާ، އަހަންނާ ދާދި ގާތުގައި އެބަހުރި.....] ޒައިހާ ބީކާލަށް ބަލައިލަމުން ބުންޏެވެ.

[ކީއްވެ، ތިބުނާ މީހަކު، މަންމައަށާއި ބައްޕައަށް ނުފެންނަނީ..... ދަރިފުޅު ތިދައްކަނީ މޮޔަ ވާހަކަތަކެކޭ އެހެންވެގެނޭ މަންމަ މިބުނަނީ.....އަޞްލު ތިއީ ވާނެވެސް ގޮތް.....ދެބެންގެ ގުޅުމަކުން ކުއްޖަކު އުފަންވާން އުޅެނީ.....ދަރިފުޅުމެންގެ ސިކުނޑިއަށް ކުރާނޭ ބާރު މަންމައަށް އިޙްސާސް ކުރެވޭ.....] ބަދުރިއްޔާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭނާ ހީކުރީ ހަމަ ޙަޤީޤަތުގައިވެސް ޒައިހާ މޮޔަވީ ކަމަށެވެ.

[މަންމާ، އަހަރެން މޮޔައެއް ނޫން.....މަންމަ ނުރޮއޭ. ތިގޮތަށް އަހަރެންގެ ކުރިމަތީގައި މަންމަ ރުއިމަކީ، އަހަރެންގެ ހިތަށް ވަރަށް އަސަރުކުރާ ކަމެއް.....އަހަރެންގެ ވާހަކަ މަންމަމެންނަށް ސާބިތުކޮށްދިނުމުގެ ވަގުތު މިހާރު ޖެހިއްޖެ.....] މަންމަ ރޯން ފެށުމުން، ޒައިހާގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވާން ފަށައިފިއެވެ.

[ގަބޫލުކުރޭ މަންމާ.....ﷲގެ ރަޙްމަތްފުޅުން އަހަންނަށް ސިކުނޑީގެ އެއްވެސް މައްސަލައެއް ކުރިމައްޗެއްނުވޭ.....ހުރިހާވެސް މައްސަލައަކީ އަހަންނަށް ބީކާލްދެކެ ލޯބިވެވުނުކަން.....] ޒައިހާ އަނެއްކާވެސް ބީކާލާ ދިމާއަށް ބަލައިލިއެވެ.

[ދަރިފުޅާ، އަބަދު އެދިމާއަށް ތިބަލަނީ ކީއްވެތަ؟] ޙުސްނީވެސް އެދިމާއަށް ބަލަން ފެށިއެވެ.

[އަހަރެން މިބަލަނީ އަހަރެންގެ ފިރިމީހާއަށް.] ޒައިހާ މިހެން ބުނުމާއެކު، ކުއްލިއަކަށް ތޫނު ވިދުވަރަކާއެކު ބީކާލް އެތަނަށް (އެންމެންގެ ލޯމައްޗަށް) ފާޅުވެއްޖެއެވެ. މުއީޒްގެ ސިފައިގައެވެ. ޙުސްނީއާއި ބަދުރިއްޔާ ގަތީ އަމަށަކު ބިރެއް ނޫނެވެ.

[އިންސާނެއްވެސް ނޫންދޯ؟.....] ބަދުރިއްޔާ ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ.

[އާނ.....އަހަރެންގެ ފިރިމީހާއަކީ އިންސާނެއް ނޫން.....މިއީ އަހަރެންގެ ރޭވިލޭރޭތަކުގެ ބައިވެރިޔާ.....މިއީ ޖިންނިއަކަށްވިޔަސް، މަންމައާއި ބައްޕައަށް އެއްވެސް ގެއްލުމެއް ނުވާނެ. މަންމަމެން ހަނދާންވޭތަ، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން، މިރަށު ތުނޑިމަތިން މަރުވެފައިވާ މީހަކު ފެނުނެއްނު.....އެއީ މުއީޒް. އެދުވަހަށްފަހު، ބީކާލް އުޅެމުން އައީ މުއީޒްގެ ސިފައިގައި. އެއީ އަހަރެންގެ ލޯބި ހޯދުމަށް ބީކާލް ކުރި މަސައްކަތް.] ކުރިމަތީގައި ބީކާލް ބަލަހައްޓައިގެން ހުރުމުން، ބީކާލް ދައްކަންޖެހޭ ވާހަކަވެސް ޒައިހާ ދެއްކިއެވެ.

[ހެޔޮ.....ބައްޕަމެން ބޭނުމީ، އޭނަ ދަރިފުޅުގެ ޙަޔާތުން ފެއަށް ޖައްސާލަން.....ދަރިފުޅުގެ ޒަވާޖަށް އަންނަންވާނީ އިންސާނެއް.....ޖިންނިއަކަށް ދަރިފުޅުގެ ޙަޔާތުން ފުރްޞަތު ލިބިގެން ނުވާނެ.] ޙުސްނީ ޒައިހާއާ ދެކޮޅުހެދިއެވެ.

[ތިހެން ނުބުނޭ ބައްޕާ.....ދެން އަހަންނަކަށް ބީކާލާ ވަކިން ނޫޅެވޭނެ. އަހަރެން ބޭނުންވަނީ، ބީކާލާއެކު ދާއިމީ ދިރިއުޅުމެއް. ބީކާލް އަހަރެންދެކެ ނުލާހިކު ލޯބިވޭ.....] އެވަގުތު ވަރުގަދަ އަޑުފަށްގަނޑަކާއެކު ބީކާލް ގެއްލިއްޖެއެވެ.

[ކިތަންމެ ލޯބިވިޔަސް ވަރިހަމަ.....ދަރިފުޅު ދެން އޭނާއާ ވާހަކަ ދައްކައިގެން ނުވާނެ.....ނިކަން ވިސްނާލަބަލަ، މުއީޒް މަރާލީވެސް އޭނަ. އެފަދަ މީހަކާ ދޭތެރޭ ދަރިފުޅުގެ ހިތުގައި ރަޙުމް އުފެދެންވީ ކީއްވެ؟] މިފަހަރު ވާހަކަ ދެއްކީ ބަދުރިއްޔާއެވެ. ނަމަވެސް، ޒައިހާ ގޮތްދޫކުރާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ ބީކާލާއެކު އުޅޭށެވެ. އިންސާނެއް ނޫންކަން އެނގޭއިރުވެސްމެއެވެ. ނަމަވެސް، ބަދުރިއްޔާއާއި ޙުސްނީ އަދި މަނިކު މަޝްވަރާ ކުރުމަށްފަހު ނިންމީ، ފަންޑިތަ ހަދައިގެން، ބީކާލްގެ ކިބައިން ޒައިހާ މިންޖު ކުރުވާށެވެ.

[އެ އެއްޗަކު އެމަންޖެއާ އަވަލައިގެން އުޅޭތާ މިހާރު ކިތަންމެ ދުވަހެކޭ.....އޭރުގައިވެސް އަހަރެން ޙުސްނީ ގާތު އެވަރަށްކީމޭ، ތަވީދެއް ނާޅުވާ ރަނގަޅެއް ނުވާނޭ. ދެންވެސް އަވަހަށް އެމަންޖެ ތިޔަކަންތައްގަނޑުން ސަލާމަތްކުރަން އުޅޭ.....] ބަދުރިއްޔާއާއި ޙުސްނީއާއި މަނިކު ވާހަކަ ދައްކަން ތިބީ، ގޭގެ ފެންޑާގައެވެ. އޭރު ޒައިހާ ރޮއިރޮއި ކޮޓަރިތެރޭގައި އޮތެވެ. އޭނާ ބީކާލާ ވަކިވާން ބޭނުންނުވާތީއެވެ.

[އުތުރުގޭ ޙުސެންފުޅުބެ، އެކަހަލަ ކަންތަކަށް އެންމެމޮޅު މީހަކަށް މިރަށުގައި ހުންނާނީ.....އަހަރެން އަންނާނަން ޙުސެންފުޅުބެ ގޮވައިގެން.....ވީހާވެސް އަވަހަކަށް މަސައްކަތް ކުރެވިގެން ނޫނީ، ތިކަމުގައި ސަލާމަތްވާން އުނދަގޫވާނެ.....] ޙުސްނީ ނުކުތެވެ. ޙުސްނީގެ ފަހަތުން މަނިކުވެސް ނުކުތެވެ.

މުއީޒް މަރާލާފައި، މުއީޒްގެ ސިފައިގައި ޖިންނިއަކު އައިސް ޒައިހާގެ ޙަޔާތަށް ވެރިވެގަތް ޚަބަރުން މުޅި ރަށްވަނީ ގޮވާފައެވެ. ދެމީހަކު އެއްތަން ވެއްޖެއްޔާ، އެނޫން ވާހަކައެއް ނުދައްކައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވުމާއެކު، ޒައިހާ މަގެއްގެ މަތިން ފެނުނަސް، ރަށުގެ ކުޑަކުދިން ދުވެފިލައެވެ. ޖިންނި އަވަލާފައިވާ މީހެކޭ ކިޔާ ގޮވަމުންނެވެ. ނަމަވެސް، އެކަމަކާ ޒައިހާގެ އެއްވެސް ފަރުވާލެއް ނެތްކަހަލައެވެ. އޭނާ ލަދެއްނުގަނެއެވެ.

ޙުސްނީ ޙުސެންފުޅުބެއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމާ އޭނާ ބުނީ، އޭތީގެ ކިބައިން ޒައިހާ ސަލާމަތް ކުރުމަކީ، ނިކަން ބޮޑު ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް، އެއީ ނުވާވަރުގެ ކަމެއް ނޫން ކަމަށް ބުނެ، ޙުސެންފުޅުބޭ ޙުސްނީ ހިތްހަމަޖައްސައިދިނެވެ.

[މާ ލަސްކޮށްފިއްޔާ އެމަންޖެ ހަލާކުވެދާނެ. އެމަންޖެގެ ބަނޑުގައި އޭތީގެ ދަރިޔަކު އަށަގަތުން އެއީ ވަރަށްބޮޑު ނުރައްކަލެއް. ހަމަގައިމުވެސް އިންސާނަކު އުފަންނުވާނެ. ޙަޤީޤަތުގައި މިހާރު އެމަންޖެގެ ބަނޑުގައި ވޭން ނޭޅިޔަސް، އޭތި އެމަންޖެއާ ދުރުކުރަން އަހަރެމެން މަސައްކަތް ފަށާތަނުންހެން، އެމަންޖެއަށް ބުރަ ބޮޑުވާނެ. ބަނޑުގައި ވަކިއަޅާހެންވެސް ހީވާނެ.....] ޙުސެންފުޅުބެ، އޭނާގެ ތަޖްރިބާއަށް ވިސްނާފައި މަޢްލޫމާތު ދިނެވެ.

[ފިސާރި ތެދެއް!؟ އެ ވޭނަށް އެމަންޖެއަށް ކެތްވާނެބާ!] އަހަރެމެންނަށްވެސް ނުރައްކާވާނެ.] އަނެއްކާވެސް ޙުސެންފުޅުބެ އިތުރުކޮށްލިއެވެ.

[ޙުސެންފުޅުބެ ލަހެއްފަހެއް ކުރާނެ ކަމެއްނެތް. އަވަހަށް މަސައްކަތް ފަށަން އުޅެމާ، މިހެން ތިއްބާ މާލަސްވެދާނެ.] ޙުސްނީގެ ހިތް އަވަސްވިއެވެ.

[އަހަރެން ހަވީރު މަސައްކަތް ފަށަން ދާނަން.] އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު، ޙުސެންފުޅުބޭ ބުންޏެވެ. އެއަށްފަހު، މަސައްކަތަށް ބޭނުންވާނެ ސާމާނުގެ ލިސްޓެއް، އޭނާ ޙުސްނީއާ ޙަވާލުކޮށް، އޭނާ ދާންވާއިރަށް ތަކެތި ހޯދުމަށް އެދުނެވެ.

އޭގެކުރިން ޙުސްނީއާއި ބަދުރިއްޔާގެ އުނަގަނޑުގައި އަޅާނޭ ދެތަވީދުވެސް ޙުސެންފުޅުބެ ހަދައިދިނެވެ. ގެއިން ނުކުމެގެންދިޔަނުދީ ޒައިހާ ހިފެހެއްޓުމަށްވެސް ޙުސެންފުޅުބެ ލަފާދިނެވެ.

[މަންމާ، އާދޭސްކުރަން.....ބީކާލަށް ފަންޑިތަ ނަހަދާތި.....އޭނާއަކީ އިންސާނެއް ނޫނޭ ކިޔާފަ.....އަހަންނަށް ވަނީ ކޮން ގެއްލުމެއް.....އޭނާގެ ފުށުން ހުރިހާ ހިތްހަމަޖެހުމެއްވެސް އަހަންނަށް ލިބޭ.....މަންމަ، ބައްޕަގާތު ބުނޭ.....އަހަރެމެން ދުރުކުރުވަން ނޫޅޭށޭ.....] ޒައިހާ ރޮއިރޮއިފައި ބަދުރިއްޔާ ގާތު އާދޭސްކުރަމުން ދިޔައެވެ. ނަމަވެސް، ބަދުރިއްޔާވެސް ޒައިހާގެ އެ އާދޭހުގެ އަޑުއަހާކަށް ބޭނުމެއް ނޫނެވެ.

ބަދުރިއްޔާ އެހާ ލޯބިން ބަލައި ބޮޑުކޮށް ތަރުބިއްޔަތު ކޮށްފައިވާ ދަރިއެއްގެ ދިރިއުޅުމަށް ޖިންނިއަކު ބާރުފޯރުވައިގެން އުޅޭތަން ދުށުމަކީ، އޭނާކުރި އުންމީދެއް ނޫނެވެ. ބަދުރިއްޔާ ބޭނުންވަނީ، އެރަށުގެ ރަނގަޅު ކުއްޖަކާއެކު ޒައިހާގެ އުފާވެރި ޒަވާޖެއް ހޭދަކުރާތަން ދެކޭށެވެ.

[ދަރިފުޅާ، ދަރިފުޅު ނިކަން ވިސްނާލަބަލަ، ތިކަމަކާހުރެ މަންމަމެނަށް މިއުޅެނީ މިރަށު މަގަކަށްވެސް ނުކުންނަން ނުކެރިގެން. ދަރިފުޅު ތިބުނަނީ އޭނާގެ ދަރިއަކަށް ބަލިވެއިން ވާހަކަ. ހީވޭތަ ދަރިފުޅަށް ފުރިހަމަ އިންސާނަކު ދަރިފުޅުގެ ބަނޑުން އުފަންވެދާނެހެން.....] ބަދުރިއްޔާ މަސައްކަތްކުރީ ޒައިހާއަށް ވިސްނައިދޭށެވެ.

[މަންމާ، ބީކާލް ބުނީ އަހަރެން ވިހާނީ ލޯބި ލޯބި ފިރިހެން ކުއްޖެކޯ....ބީކާލް އަހަރެން ގާތު ދޮގެއް ނަހަދާނެ......] އަދިވެސް ޒައިހާ ގޮތެއް ދުލެއްނުކުރެއެވެ.

ހަވީރުވީއިރުވެސް ޒައިހާގެ ޚިޔާލު ބަދަލެއްނުވެއެވެ. ނަމަވެސް، ޙުސެންފުޅުބެއާއި ޙުސްނީމެންގެ މަސައްކަތުގެ ރޭވުން ގެންދަނީ ކުރިއަށެވެ. ހަވީރުވާންވާއިރަށް ޙުސްނީ، އޭނާގެ މަސައްކަތް ފުރިހަމަކުރިއެވެ. ބަރާބަރު ފަހެއް ޖެހިއިރު، ޙުސެންފުޅުބެ މަސައްކަތް ފެށްޓުމަށްޓަކައި، އޭނާގެ ފޮތް ބޮނޑިއާއެކު އައިސް ވަދެއްޖެއެވެ. ޙުސެންފުޅުބެ ފެނުމާއެކު، މަންމައާއި ބައްޕަ ފޮޅުވާލާފައި ޒައިހާ އުޅުނީ ދުއްވައިގަންނާށެވެ. އެއީ ކިޔެވެލި ކިޔަވަން އަންނަން ކިޔާފައިވާ މީހުންނާއި މަނިކުގެ އިތުރުން، ބާޤިރުވެސް އެގެއަށް އައިސް ވަން ވަގުތުކަމުން، ޒައިހާ ހިފެހެއްޓީ އެވެރިންނެވެ.

[އުފުއްލާލައިގެން ގެނެސް އެނދުމަތީގައި ބާއްވާލާ.....އަހަރެންގެ އަތުޖެހޭފަށަށް އާދެވުމުން ބާރެއް ނުދެއްކޭނެ.....] އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެ، ފޮތްބޮނޑިތެރޭގައި އޮތް މަސްދަތް ފިޔޮހި ނަގަމުން، ޙުސެންފުޅުބެ ވާހަކަ ދެއްކިއެވެ. އިސާހިތު މަނިކާއި ބާޤިރު ޒައިހާ ގެނެސް އެނދުގައި ބޭންދިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


0

ނަހުލާ

21-May-2020

ކޮބާ ހާދަ ލަހޭ 11 ތަންކޮޅެއް އަވަހައް ގެނެސްދީބަލަ...


28

ނަހުލާ

21-May-2020

ކޮބާ ހާދަ ލަހޭ 11 ތަންކޮޅެއް އަވަހައް ގެނެސްދީބަލަ...


15

ޖުވޭ

19-May-2020

ސަޅި ވަރަށް



ޓްރެންޑިން