ހުސްވި އޮކްޓޯބަރު މަހު މުދާ އެތެރެކުރި މިންވަރު ރެކޯޑް އަދަދަކަށް އިތުރުވެ ކޯވިޑް-19ގެ ކުރީގެ ހާލަތަށް ރާއްޖޭގެ އިމްޕޯރޓް އަރާހަމަކޮށް، އިޤުތިޞާދު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.

2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެ ދިޔަ އޮކްޓޯބަރު މަހު ރެކޯޑު އަދަދަކަށް ވަނީ ރާއްޖެއަށް މުދާ އެތެރެކޮށްފައެވެ. ރާއްޖޭގެ ކަސްޓަމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ހުސްވި އޮކްޓޫބަރު މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައި ވެއެވެ.





ކަސްޓަމުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް ބޭރުން މުދާ އިމްޕޯޓުކުރަމުން އައި މިންވަރާއި ދާދި ގާތަށް މިހާރު މުދާ އިމްޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ހުސްވި އޮކްޓޫބަރު މަހު އިމްޕޯޓްކޮށްފައިވާ އަދަދާ ގާތްކުރާ އަދަދަކަށް އެންމެ ފަހުން މުދާ އިމްޕޯޓުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހު ކަމަށް ކަސްޓަމުގެ ހިސާބުތައް ދައްކައެވެ. އެމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ.

އެހެންކަމުން މިއަހަރުގެ އޮކްޓޯބަރުމަހު މުދާ އިމްޕޯޓުކޮށްފައިވާ މިންވަރު މިވަނީ ކޮވިޑް-19ގެ ކުރިން އިމްޕޯޓުކުރަމުންއައި އަދަދަށްވުރެ ވެސް އިތުރުވެފައިކަން ކަސްޓަމުން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރު މަހެއްގެ މައްޗަށް ރާއްޖެއަށް އެތެރެކޮށްފައިވާނީ 3.7 ބިލިއަން ރުފިޔާގެ މުދާކަމަށް ކަސްޓަމުން ބުނެފައިވެއެވެ.

މިއަހަރު ރާއްޖެ އިމްޕޯޓުކުރި މުދަލުގެ ތަފްސީލުތައް ހިއްސާކުރަމުން ކަސްޓަމުން ބުނީ މިއަހަރުގެ ޖެނުއަރީމަހު އިމްޕޯޓުކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާގެ މުދާކަމަށެވެ. އަދި ޖެހިގެން އައި ފެބްރުއަރީމަހު 2.8 ބިލިއަން ރުފިޔާގެ މުދާ، މާޗް މަހު 3.5 ބިލިއަން ރުފިޔާގެ މުދާ، އޭޕްރީލް މަހު 2.9 ބިލިއަން ރުފިޔާގެ މުދާ، އަދި މެއި މަހު 3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެއިތުރުން، ޖޫން މަހު 3 ބިލިއަން ރުފިޔާގެ މުދާ، ޖުލައި މަހު 2.7 ބިލިއަން ރުފިޔާގެ މުދާ، އޮގަސްޓު މަހު 3.4 ބިލިއަން ރުފިޔާގެ މުދާ، ސެޕްޓެމްބަރު މަހު 3.5 ބިލިއަން ރުފިޔާގެ މުދާ އަދި އޮކްޓޯބަރު މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށް މިހިސާބުތަކުން ދައްކައެވެ.

އެހެންކަމުން މިއަހަރުގެ އޮގަސްޓުމަހުން ފެށިގެން ރާއްޖެއަށް މުދާ އިމްޕޯޓުކުރާ މިންވަރު އިތުރުވާން ފަށާފައިވާކަމަށް ވަނީ ފާހަގަވެފައެވެ. މިއީ ރާއްޖޭގެ ވިޔަފާރިތައް އިތުރުވެ ގައުމުގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތަކެއް ކަމުގައި ބެލެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން