ޞާދިރު ޢަލީދީދީ   6 ނޮވެމްބަރު 2021 - 14:34
އެކެއް

ތިރްލޯކް, ޖެނެރަލް ވޯޑުގެ އެނދެއްގައި އޮތް އޭނާގެ ރީތި އެކަމަކު ބަލިކަށި އަނބިމީހާގެ ކައިރީގައި އިނެވެ. އަދި އޭނާގެ ހިތްހަމަ ޖައްސާ ދިނުމުގެގޮތުން ބުންޏެވެ.

[ރޫޕާއެވެ. ކަންބޮޑު ނުވާށެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅު ވެދާނެއެވެ.]

ރޫޕާގެ ތުންފަތުގައި ހިކި ހިނިތުންވުމެއް ދުވެލިއެވެ. އޭނާ ތިރްލޯކްގެ އަތުގައި ހިފާފައި ބަލިކަށި އަޑަކުން ބުންޏެވެ.

[އަޅުގަނޑާމެދު އެއްގޮތަކަށްވެސް ކަންބޮޑެއްނުވެއެވެ. އަޅުގަނޑު ހާސްވަނީ ތިބާއާ މެދުގައެވެ. ހިތަށް އަރަނީ އަޅުގަނޑަށް ގޮތެއްވެއްޖިއްޔާ ތިބާއަށް ވާނީ ކިހިނެއް ބާވައެވެ.]

ތިރްލޯކް އަވަހަށް ރޫޕާގެ އަނގަމަތީގައި އަތްބާއްވާލައިފިއެވެ. އޭނާ ބުންޏެވެ.

[ތިޔަ ކަހަލަ ވިޔާނުދާ ވާހަކަ ނުދައްކާށެވެ.]

ރޫޕާ ތިރްލޯކްގެ އަނެއް އަތުގައި ހިފާފައި ބުންޏެވެ.

[ހިތަށް ފާޑުފާޑުގެ ވަސްވާސްތައް އަންނަނީ ކީއްވެގެންކަމެއް ނޭނގެއެވެ. ހީވަނީ މަޑުމަޑުން ފުރާނަ ދާން އުޅެނީ ހެންނެވެ. އަލިކަން އަނދިރިކަމަށް ބަދަލުވަނީ ހެންނެވެ.]

ތިރްލޯކް ވަރަށް އުނދަގުލުން އަމިއްލަ އަޑުގެ މައްޗަށް ބާރު ހިންގަމުން ބުންޏެވެ.

[ތިޔަހެން ހީވަނީ ކީއްވެގެން ހެއްޔެވެ.]

[އެއްވެސް މީހަކަށް ވިސްނުމުގެ މައްޗަށް ބާރެން ނުހިންގެއެވެ.[ ރޫޕާ ހިކި ހިނިތުން ވުމަކާއެކު ބުންޏެވެ. [އަޅުގަނޑުގެ މަންމައަށްވެސް ޖެހުނީ ކެންސަރެވެ. މާމައާއި ބޮޑުދައިތައަށްވެސް ޖެހުނީ ކެންސަރެވެ. އެމީހުން ދުނިޔެ ދޫކޮށް ދިޔައީ އެބަލީގައެވެ. ހީވާގޮތުގައި އަޅުގަނޑަށްވެސް ޖެހިގެން މިއުޅެނީ ކެންސަރެވެ.]

ތިރްލޯކް ތެޅިގަތެވެ. އޭނާ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

[ނޫނެކެވެ. ރޫޕާއެވެ. ތިޔަހެނެއް ނުވާނެއެވެ. ތިޔަހެން ނުބުނާށެވެ. ދުނިޔޭގައިވާ ކޮންމެ ބައްޔަކީ ވާރުތަކުރާ ބައްޔެއް ނޫނެވެ. ރޫޕާއަށް ޖެހިގެން ތިޔަ އުޅެނީ އާދައިގެ ބައްޔެކެވެ.]

[އާދައިގެ ބައްޔެއް ކަމުގައި ވަންޏާ ދުވަހެއް ދުވަހަކަށް ޞިއްޙަތު ދެރަވަމުން ދަނީ ކީއްވެގެންތޯއެވެ. ހިތް ގެނބެމުން ދާކަހަލައެވެ. ހީވަނީ ކޮންމެވެސް އެއްޗެއް އެތެރެހަށި ކަމުން ތޮރުފަމުން ގެންދަނީ ހެންނެވެ.]

[ރޫޕާއެވެ. ތިޔައީ ރޫޕާގެ ކުށެއްނޫނެވެ. ހައްތާވެސް އަހަރެންގެ ކުށެވެ.] ތިރްލޯކް ބުންޏެވެ. [އަހަންނަކީ އާދައިގެ ކާތިބެކެވެ. މިލިބޭ ކުޑަ މުސާރައިން ރޫޕާއަށް ރަނގަޅު ކާނާއެއް ރީތި އަންނައުނެއް ހޯދައެއް ނުދެވެއެވެ. އަނެއްކޮޅުން ކުޑަކުޑަ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ތިބުމުގެ ސަބަބުން ދުނިޔޭގެ ހަމަ ވައެއްވެސް ނުލިބެއެވެ. ތަނުގެ މާޙައުލު އެހާ ނުބައެވެ. އިރުއެރީއްސުރެ އޮއްސެންދެން އަންހެންވެރިން އެކަކު އަނެކަކާ އަރާރުންވެއެވެ. ފިރިހެނުންގެ ކަމަކީ ރާބޮއިގެން އައިސް ކުދިންނަށް ހާނީއްކަ ކުރުމެވެ. އަދި އަނބީންނަށް އަނިޔާކުރުމެވެ. ކުދިންނަކީ ކިޔަވާ ބައެއްނޫނެވެ. މަސައްކަތެއްކުރާ ބައެއް ނޫނެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ކުޅިވަރެއްގައި މަގުމަތީގައި އެނބުރޭ ތަނެވެ. ޖީބުކަނޑާތަނެވެ. އަދި ވައްކަން ކުރާތަނެވެ. މިއީ ރޫޕާއާއިގުޅޭ މާޙައުލެއް ހެއްޔެވެ. އެކަމަކު ވަޒީފާއަކަށްޓަކައި އަހަރެމެންގެ ވަޒަން ދޫކޮށް މިތަނަށް އަންނަން މަޖުބޫރުވީއެވެ.]

ދެން އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ތިރްލޯކް ރޫޕާގެ އިސްތަށިގަނޑުގައި އަތް ފިރުމަމުން ބުންޏެވެ.

[އެކަމަކު މިހާރު އަހަރެންވެސް އެހެންގޮތަކަށް ނިންމައިފީމެވެ. އަހަރެމެން ވަރަށް އަވަހަށް މިތަން ދޫކޮށް އެހެން ތަނަކަށް ދާނީއެވެ.]

[ދެން ދާނީ ކޮންތާކަށް ތޯއެވެ.] ރޫޕާ ހިނިތުން ވެލާފައި ސުވާލު ކުރިއެވެ.

[ކޮންމެވެސް އެހެންތާކުން ސާފު ތާހިރު ކޮޓަރިއެއް ކުއްޔަށް ހިފާނީއެވެ. އެހެން އެއްވެސް ބަޔަކާ ނުގުޅި އަމިއްލަ ގޮތުންނެވެ. އޭރުން އަހަރެމެންނަށް މިނިވަންކަމާއެކު އުޅެވިދާނެ ނޫން ހެއްޔެވެ. މިނިވަން ޖައްވެއްގައި ވާހަކަ ދެކެވިދާނެ ނޫން ހެއްޔެވެ.]

[ކޮންކަހަލަ ވާހަކަ ތަކެއްތޯއެވެ؟] ރޫޕާ އަހާލިއެވެ.

[ލޯބީގެ ވާހަކައެވެ.] ތިރްލޯކް ރޫޕާގެ ލޮލަށް ބަލާލާފައި ހިނިތުންވަމުން ބުންޏެވެ.

ރޫޕާގެ ލޮލުގައި އާވިދުވަރެއްގެ ކުލަވަރު އުފެދިގަތެވެ. ތިރްލޯކް އޭނާގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. އަދި އޭނާގެ ލޮލަށް ފީނައި ގަންނަމުން ބުންޏެވެ.

[އަހަރެމެން ދެމީހުން އެންމެ ފުރަތަމަ ބައްދަލުވި ދުވަހަކީވެސް ކޮންފަދަ ދުވަހެއް ހެއްޔެވެ. އެދުވަސް ހަނދާން އެބަހުރި ހެއްޔެވެ.]

[އެދުވަސް ހަނދާނުން ފޮހެވޭނީ ކިހިނެއްތޯއެވެ. އެ ބައްދަލުވުން ދުރުހިލޭ ދެހިތް ގުޅުވާދިނެވެ. އަޅުގަނޑު ހަމަރަނގަޅަށް ހަނދާން އެބަހުއްޓެވެ. އޭރަކު ތިބާގެ ހަށިގަނޑުވެސް މިހާ ނިކަމެއްޗެއް ނޫނެވެ. ކޮލެޖްގައި އުޅުއްވަނީ އަބަދުވެސް ހުދު ފަޓުލޫނާ ގަމީހުގައެވެ.]

[އާނއެކެވެ.] ތިރްލޯކް ހީނލާފައި ބުންޏެވެ. [ކޮންމެ ދުވަހަކުވެސް ކޮލެޖުން ނިމިގެން އައިސް އެންމެ ފުރަތަމަ ކަމަކަށް އަހަރެންގެ ހެދުން ދޮންނަމެވެ. އޭގައި ވެސްނޫލަމެވެ. ދެން ހަވީރުވުމުން ކޮންމެވެސް ގެއަކަށްގޮސް އިސްތިރި ކުރަމެވެ. އަހަރެންގެ ބޮޑުބޭބެއާއި ފަހަރި މަލާމާތް ކުރެއެވެ. އަހަރެން ކޮލެޖަށް ދަނީ ކިޔަވާކަށް ނޫންކަމާ އަންހެން ކުދިންނަށް ފަރިދައްކަން ދަނީ ކަމުގައި ބުނެ އެއްޗެތި ކިޔައެވެ.]

ރޫޕާވެސް މަޑުމަޑުން ހީނލާފައި ބުންޏެވެ.

]އަޅުގަނޑު ހީކުރަނީ ތިބާ ކޮންމެ ދުވަހަކުވެސް ކޮލެޖަށް ދުރުވަނީ އެހެން ހެދުމެއް ލައިގެން ކަމުގައެވެ. ހަނދާން އެބަހުރިތޯއެވެ. ތިބާގެ އުޅުމާ އަޚްލާޤު ހުންނަގޮތުން ތިބާއަކީ ކޮންމެވެސް ސޭޓް ސާހަބެއްގެ ދަރިކަލަކު ކަމުގައިވެސް ޓީޗަރަށް ހީކުރެވުނެއް ނޫންތޯއެވެ؟]

[އާނއެކެވެ. ހަނދާން އެބަހުއްޓެވެ.] ތިރްލޯކް ހީނލާފައި ބުންޏެވެ. [އެއްދުވަހަކު އޭނާގެ ގެއަށްވެސް އަހަރެން ގެންދިޔައެވެ. އޭނާގެ ދަރިފުޅާ އެކަނި ވާހަކަދެއްކުމުގެ ވަގުތުވެސް ދިނެވެ. އެހެން ނަމަވެސް އޭނާ އަހަންނާ ބެހޭގޮތުން ސުވާލުކުރީމާ އަހަންނަކީ ޔަތީމު ކުއްޖަކު ކަމުގައި ބުނީމެވެ. ބޮޑުބޭބެއާ ފަހަރީގެ އޯގާވެރި ކަމުގެ ދަށުގައި ހުރެ ކުދިންނަށް ޓިއުޝަން ދީގެން އަމިއްލަ ގޮތުން ޚަރަދުކޮށްގެން ތަޢުލީމު ޙާޞިލުކުރާ ކުއްޖެކޭ ބުނީމެވެ. އެވަގުތު އޭނާގެ އަނގަ ތަންމިނަށް ހުޅުވުނެވެ. ދެން ހަމަވަގުތުން އޭނާގެ ދަރިފުޅު އެތެރެއަށް ފޮނުވާލިއެވެ.]

ރޫޕާ ހީނލާފައި ބުންޏެވެ.

[އޭގެ ފަހުން އޭނާ ތިބާއަކަށް ލިފްޓެއް ނުދެއެއް ނޫންތޯއެވެ.]

ދެމީހުން އެއްފަހަރާ ހީނގަތެވެ. ހީވަނީ ތިރްލޯކް ރޫޕާގެ ބަލީގެ މަތީންވެސް ހަނދާން ނެތުނީ ހެންނެވެ. ރޫޕާވެސް ބަލީގެ މައްޗަކުން ހަނދާނެއް ނެތެވެ...... ތިރްލޯކް ބުންޏެވެ.

[އެއްކަލަ މަޖުނޫނު ސާހަބު އަހަރެމެންގެ ދެމެދަށް ވަނީވެސް އޭގެ ފަހުންނެވެ.]

[ލައްބައެވެ........... މިސްޓަރ ރަމޭޝް ދޮގެއްތޯއެވެ.] ރޫޕާ ހިނިތުން ވެލާފައި ބުންޏެވެ. [އޭނާގެ ފުރަތަމަ ސިޓީ އަޅުގަނޑުގެ ފޮތުގެ ތެރޭން ފެނުނު ދުވަހު އަޅައެއް ނުލަމެވެ. ދެވަނަ ސިޓީ ލިބުނު ދުވަހު އޭނާ ގާތުގައި އޭނާއަކީ ރީތި މީހެކޭ ބުނީމެވެ. އެހެން ނަމަވެސް އެވަރަކުން އޭނާ ނިންމާލީއަކީ ނޫނެވެ. އެންމެ ފަހުން އަޅުގަނޑު މިވާހަކަ ފަހަރި ގާތުގައި ބުނީމެވެ.]

[ދެން ރޫޕާގެ ފަހަރި ޕްރިންސިޕަލަށް ރިޕޯޓް ކުރީއެވެ.]

[ލައްބައެވެ. ދެން އޭނާ ގަސްދުކުރީ މީހުންތަކެއް ގޮވައިގެން އައިސް އަޅުގަނޑު ވަގަށް ނަގާށެވެ.]

[އެދުވަހަކީ އިއްތިފާޤުން އަހަރެން ހޮކީ ކުޅެން ގޮސްފައި އައި ދުވަހެކެވެ.] ތިރްލޯކް ބުންޏެވެ.

[އެދުވަހު ތިބާ އެމީހުންނާ ޙަމަލާދީ އެމީހުން ފައްސާލެއްވީމެއް ނޫންތޯއެވެ.]

[އާނއެކެވެ. އެއީ އަހަރެމެން އެކަކު އަނެކަކާ ވާހަކަ ދެއްކި ފުރަތަމަ ދުވަހެވެ.] ތިރްލޯކް ރޫޕާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.

[ރޫޕާ ބިރުގެންފާ ހުރިވަރުން އަހަރެން ދިޔައީ ރޫޕާ ގޮވައިގެން ރޫޕާގެ ގެއަށެވެ.]

[އެކަމަކު އަޅުގަނޑުގެ ފަހަރި ޝުކުރު އަދާކުރުމުގެ ބަދަލުގައި ތިބާއަށް އެއްޗެތި ގޮވީ ނޫންތޯއެވެ. ފަހަރެއްގައިވެސް އޭނާ އަޅުގަނޑާމެދު ރަނގަޅު ބެލުމަކުން ނުބަލައެވެ. އަބަދުވެސް އަޅުގަނޑާމެދު ޝައްކު ކުރެއެވެ.]

[އޭގެ ފަހުގައި އަހަރެމެން ކޮންމެ ދުވަހަކުވެސް ބައްދަލުވާން ފަށައިފީމުއެވެ.] ތިރްލޯކް ޚިޔާލުގެ ތެރޭގައި އިނދެގެން ބުންޏެވެ. [މަޑުމަޑުން އަހަރުމެންގެ ގުޅުން ބަދަހިވަމުން ދިޔައެވެ. މިކަން އަހަރެމެންނަށް އިޙްސާސް ކުރެވުނީ އެކަކު އަނެކަކާ ވަކިނުވެވޭ ދަރަޖައަށް ދިއުމަށް ފަހުގައެވެ. އޭރު ކޮލެޖް ޗުއްޓީވެސް ފެށިއްޖެއެވެ.]

[ޗުއްޓީގެ ތެރޭގައި އަޅުގަނޑުމެން ޝަހަރުގެ އެކިއެކި ތަންތަނުން ބައްދަލުވެ އުޅުނީމުއެވެ. ތިބާ އެކިއެކި ޕްރޮގްރާމްތައް ރާވާ ހެއްދެވީމުއެވެ.] ރޫޕާ ބުންޏެވެ.

[އާނއެކެވެ. އަހަރެން ގަސްދުކޮށްގެން ހުރީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު ބެންކު މެނޭޖަރެއްގެ މަޤާމު ހޯދުމަށެވެ. ދެން އަހަރެމެންގެ ކައިވަނިކޮށް ރީތި ގެއެއް އެޅުމަށެވެ.] ތިރްލޯކް ފިނި ނޭވާއެއްލާފައި ބުންޏެވެ. [އެހެން ނަމަވެސް ބޮޑުބޭބެގެ ކުއްލި މަރުގެ ސަބަބުން ހުރިހާ ހުވަފެނެއް ވިއްސިވިހާލިވީއެވެ. ބޮޑުދައިތަ ހަމައެކަނި ދެވަނަ ކައިވަންޏެއް ކުރީއަކީ ނޫނެވެ. އަހަރެން ގެއިންވެސް ނެރެލީއެވެ. ރޫޕާ ހަނދާން އެބަހުރި ހެއްޔެވެ. އަހަރެން އެދުވަސްވަރު ގިނައިން ނިދާ އުޅުނީ ފިހާރައެއްގެ ތަޅުންގަނޑު މަތީގައެވެ. ރޫޕާ ކިތަންމެ ދުވަހަކު ފަހަރިއަށް ސިއްރުން ކާއެއްޗެހި ގެނެސްދެމުއެވެ.]

[އަޅުގަނޑުމެން ކައިއުޅުނީވެސް އެކުގައި ނޫންތޯއެވެ.] ރޫޕާ ބުންޏެވެ. [އެގޮތަށް އުޅެނިކޮށް އެއްދުވަހަކު ފަހަރިއަށް ޝައްކުވެގެން އަޅުގަނޑަށް ހާނީއްކަކޮށް ގެއިން ނުކުތުން މަނާކުރީއެވެ. ކޮލެޖް ހުޅުވުމުން އެތަނަށްވެސް ދިއުން މަނާކުރީއެވެ. އެހެންކަމުން ކިޔެވުން ފުރިހަމަ ނުވީއެވެ.]

[ހަނދާން އެބަހުރި ހެއްޔެވެ. ރޫޕާ އަވަށްޓެރި ކުއްޖެއްގެ އަތަށްދީ އަހަންނަށް ސިޓީ ފޮނުވީމުއެވެ. ޙާލު އަހްވާލު އެންގީމުއެވެ. އަދި އަހަރެންވެސް ޖަވާބު ފޮނުވީމެވެ. އެއީ އަހަރެންގެ އިމްތިޙާނުގެ ފުރަތަމަ އަހަރެވެ. އެ އަހަރު ނިމެންއުޅެނިކޮށް ރޫޕާގެ ފަހަރި، އަނބިމަރުވެފައިވާ ދެބައި ޢުމުރުގެ ފިރިހެނަކާ ރޫޕާއާ ދެވަން އުޅުނީއެވެ. ރޫޕާ އެޚަބަރު އަހަންނަށް އެންގެމުން އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.]

[އެދުވަހުގެ ފަހުން ތިންމަސްދުވަހުގެ ތެރޭގައި އަހަންނަށް ޑިގްރީ ލިބުމަށްފަހު އެއްދުވަހަކު އަހަންނާ ސިއްރުން ބައްދަލުވުމަށް އެންގީމެވެ. އަދި އަހަރެމެން ސިއްރުން ފިލައިގެން ކޯޓަށްގޮސް ކާވަނި ކުރީއެވެ.]

[އެގޭ ފަހުގައި އަޅުގަނޑު ގެއިންވެސް ނެރުނީއެވެ.]

[އެހެންވީއިރު އަހަރުމެން އާކާވަނީގެ ފުރަތަމަ ރޭ ފާހަގަ ކުރިތަނެއް ހަނދާން އެބަހުރި ހެއްޔެވެ.]

ރޫޕާގެ ލޮލުން ލަދުވެތިކަން ފާޅުވެގެން ދިޔައެވެ. ތިރްލޯކް ބުންޏެވެ. [ރޫޕާގެ އަތުގައި އަޅާފައިހުރި އުޅާތަކުގެ ތެރެއިން ބައެއް ވިއްކާލާފައި ކުޑަވަރެއްގެ ހޮޓަލަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން އަހަރެމެން އެރޭ ފާހަގަކުރީއެވެ. އެއަށްފަހު ރޫޕާގެ ރައްޓެހި އަންހެން ކުއްޖެއްގެ ގެއިން އަހަރެމެން ތިބެލާނެ ތަންކޮޅެއް ދިނީއެވެ. އަދި އަހަރެން ވަޒީފާއެއް ހޯދުމުގެ މަސައްކަތުގައި ނުކުތީއެވެ.]

[އެންމެފަހުން މިތަނުން ވަޒީފާއެއް ލިބިގެން މިތަނަށް އަންނަން ޖެހުނީއެވެ.] ރޫޕާ ބުންޏެވެ.

[އެކަމަކު ދެން މިތަނުގައި މި ބިކަ ތެޅޭކަށް ރޫޕާ ބައިންދާކަށް އަހަރެންގެ ހިތެއް ނުރުހެއެވެ. ރޫޕާ އަވަހަށް ރަނގަޅުވާށެވެ. އެހާތަނަށް އަހަރެން ކޮންމެވެސް އެހެން ތަނެއް ލިބޭތޯ ބަލާނަމެވެ.]

[އެކަމަކު ތިޔަ ހުރިހާ ކަމެއްކުރަން ފައިސާ ކޮބައިތޯއެވެ.]

[އަހަރެން އިތުރު ގަޑީގައި މަސައްކަތް ކުރާނަމެވެ. ޕާރޓްޓައިމް ވަޒީފާ އަދާކުރާނަމެވެ. އެކަމަކު ރޫޕާ މިތާނގައި ނުބައިންދާނަމެވެ.]

[މާނައަކީ އަޅުގަނޑަށްޓަކައި ތިބާ ރެޔާދުވާ އެއްކޮށް އަމިއްލަ ސިއްޙަތު ބަރުބާދު ކޮށްލައްވާނެ ވާހަކަތޯއެވެ.] ނޫނެކެވެ. އެއްގޮތަކަށްވެސް ތިޔަހެން ވިޔަކަ ނުދޭނަމެވެ. ކަލާގެ ހަށިގަނޑު ދެރަވަމުން ދާތަން ފެނިފައި އަޅުގަނޑުގެ ހިތްރޮއެވެ.]

[ރޫޕާގެ ހަށިގަނޑު ދެކެފައި އަހަރެންވަނީ އުފާ ހެއްޔެވެ؟ ދެން ރޫޕާގެ ބަހެއް އަހަންނެއް ނާހާނަމެވެ. މަށަކީ ފިރިހެނެކެވެ. ޒުވާނެކެވެ. ސައުވީސް ގަޑިއިރު މަސައްކަތް ކުރެވިދާނެއެވެ. އަހަރެމެންނަށް އެހެންތާކުން ތަންކޮޅެން ލިބުމަށްފަހު ރޫޕާގެ ސިއްޙަތު ބަލަބަލާ ހުއްޓާ ރަނގަޅުވަމުން ދާތަން ދެކެން ހުންނާށެވެ.]

ކުއްލިއަކަށް މީހަކު އައިސް ތިރްލޯކް ގާތުގައި ބުންޏެވެ.

[ތިރްލޯކްއަކީ ތިޔައީ ހެއްޔެވެ؟]

• މަޤްބޫލް ވާހަކަ ލިޔުންތެރިޔާ ގައްދޫ މުޙައްމަދު ރަޝީދު، އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކޮށް ލިޔުއްވައި 1988 ނެރުއްވި މައްޝޫރު ވާހަކަ "އެހީގެ އަގު" މިއަދު ގެނެސްދީފައިވާނީ ވާހަކާއިގެ ޞަފްހާ ނަމްބަރު 01 -04 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން