އެންސްޕާ އޮފީސް
އެންސްޕާ އޮފީސް
ފާއިތުވި ޖޫން މަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 1100 އަށްވުރެ ގިނަ ބަލިމީހުންނަށް އެހީފޯރުކޮށްދީފައިވާކަން ތަފާސްހިސަބުތަކުން ދައްކައިފިއެވެ.

އެގޮތުން 22 ބާވަތެއްގެ ބައްޔެއްގެ، ޖުމްލަ 1،173 ކޭހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެންސްޕާއިން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖޫން މަހު އެންމެ ބޮޑު ޚަރަދެއްކުރީ ނޭވާލާ ނިޒާމުގެ ބަލިތަކަށާއި ނާރުގެ ބަލިތަކަށެވެ. އެގޮތުން، ނޭވާލާ ނިޒާމުގެ ބަލިތަކުގެ 112 ކޭހަކަށް އަދި ނާރުގެ ބަލިތަކުގެ 111 ކޭހަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ.

ދެން އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ ކަށީގެ ބަލިތަކަށެވެ. އެފަދަ 104 ކޭހަކަށް އެހީ ފޯރުކޮށްދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންސްޕާއިން އެހީ ފޯރުކޮށްދިން އެހެން ކޭސްތަކުގެ އަދަދު:

- ވިހެއުމާގުޅޭ އަދި ކެންސަރު ބަލި: ކޮންމެ ވައްތަރަކުން 99 ކޭސް

- ކުޑަކުދިންގެ ބަލިތައް: 78 ކޭސް

- ކަރުންމަތީގެ ބަލިތައް އަދި ލޮލުގެ ބަލިތައް: ކޮންމެ ވައްތަރަކުން 72 ކޭސް

- ގޭސްޓްރޯއިންޓެސްޓިނަލް: 66 ކޭސް

- ކިޑްނީ ބަލިތަކާ ގުޅޭ: 63 ކޭސް

- ކާޑިއޯވެސްކިއުލާ: 45 ކޭސް

- އެންޑޯކްރައިން، އަންހެނުންގެ ބަލިތައް އަދި ނަފްސާނީ ބަލިތައް: ކޮންމެ ވައްތަރަކުން 38 ކޭސް

- އެހެނިހެން: 30 ކޭސް

- ހެމަޓޮލޮޖިކަލް ބަލިތައް: 26 ކޭސް

- ހަމުގެ ބަލިތައް: 24 ކޭސް

- އޮޓޯއިމިއުން ބަލިތައް އަދި ހެޕަޓިކް: ކޮންމެ ވައްތަރަކުން 13 ކޭސް

- ކޮންޖެނިޓަލް ޑިސްއޯޑާސް، ދަތުގެ ފަރުވާ: ކޮންމެ ވައްތަރަކުން 11 ކޭސް

- ތެލަސީމިއާ ބަލި: 10 ކޭސް

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން 108 މީހަކަށް 4،055،281 ރުފިޔާ މިދިޔަ މަހު އެންސްޕާއިން ހަމަޖައްސައިދީފައިވާކަންވެސް ތަފާސް ހިސާބުތަކުން އެނގެއެވެ.

ހަމަ އެއާއެކު ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 55 މީހަކަށް 385،302 ރުފިޔާ އެ އެޖެންސީން ވަނީ ހަަމަޖައްސައިދީފައެވެ.

މީގެ އިތުރުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މިދިޔަ މަހު 4.97 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު