image ގައްދޫ ރަޝީދު   17 ޑިސެމްބަރު 2021 - 16:11
އެހީގެ އަގު
އެހީގެ އަގު
27 ވަނަ ބައި

................

ތިރްލޯކް ހުރީ ހިސާބަކަށް ބޮއިގެންނެވެ. ޖީބުގައިވެސް ބައިފުޅި އޮތެވެ. ޖެކެޓްގެ ދަށުން ބެލްޓްގައި ދިގު ވަޅިއެއް އެލުވާލާފައި އޮތެވެ.

ޓެކްސީ [ގޭޓްވޭ އޮފް އިންޑިޔާ] ގެ ކާރެއް މަޑުކޮށްލައިފިއެވެ. މިޓެކްސީގެ ޑްރައިވަރަކީ އާންޓީގެ މަރުކަޒުގެ ދާއިމީ ޑްރައިވަރެކެވެ. އެހެންކަމުން އޭނާއަށް ފައިސާ ދެނީ އާންޓީއެވެ. އޭނާ ޓެކްސީގައި ހިނގައްޖެއެވެ. ތިރްލޯކް ހަމަޖެހިލާފައި ފަރާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. ކުރިމަތިން ތާޖްމަޙަލް ހޮޓެލްގެ ބިލްޑިންގ ފެންނަން ހުއްޓެވެ.

ގަޑިން ގާތްގަނޑަކަށް އެގާރަ ޖަހާފާނެއެވެ. ތިރްލޯކްގެ ނަޒަރު މިހާރު ހުއްޓިފައިވަނީ ތަންކޮޅެއް ދުރުގައި ފާރުބުރި މަތީގައި އިށީނދެގެން ތިބި ޖޯޑާ ދިމާއަށެވެ. އަންހެން ކުއްޖާއަކީ ބޭރު ކުއްޖެކެވެ. ރަތްކުލައިގެ ސްކާރޓްގައި އިންއިރު އޭނާ ވަރަށް ހިތްގައިމެވެ. އޭނާގެ ލޮލާ އެހެނިހެން ވަނާތައް ދެކެފައި ތިރްލޯކްގެ ހިތްތެޅިގަތެވެ.

ގާތްގަނޑަކަށް އެގާރަގަޑި ބައިވުމުން އެމީހުން އެކެއްގެ އަތުގައި ހިފައިގެން އަނެކަކު ތެދުވެއްޖެއެވެ. އަދި ވަރަށް ރީތި ކާރެއްގެ ދޮރު ހުޅުވާލާފައި ދެމީހުން އަރާ އިށީދެއްޖެއެވެ. އެވަގުތު ވައިރޯޅިއެއް ފަދައިން ތިރްލޯކް ފަހަތު ދޮރުފަތް ހުޅުވާލާފައި އަރާ އިށީނދެއްޖެއެވެ. އަދި ފިރިހެން މީހާ އެއްޗެކޭ ބުނުމުގެ ކުރީގައި އަންހެން ކުއްޖާގެ ކަރުގައި ވަޅި ޖައްސާލަމުން ބުނެލިއެވެ.

"އަހަރެން ބުނި ދިމާއަކަށް ކާރު ދުއްވާ! އިތުރު ބަހަނާ ދައްކަން ނަހަދާ! އެހެންނޫނީ ކަލޭގެ ލޯބިވެރިޔާގެ ކަނދުރާ ވަކިކޮށްލަނަން"

އަންހެންކުއްޖާ ހިމޭން ވެއްޖެއެވެ. ފިރިހެންމީހާ ހިއްސު ކެނޑިފައިވާ ކަހަލައެވެ. އޭނާ ހިމޭންކަމާއެކު ތިރްލޯކްގެ އިޝާރާތާ އެއްގޮތަށް ކާރު ދުއްވަމުން ދިޔައެވެ. ތަންކޮޅަކަށް ދުއްވުމަށްފަހު ވީރާނާ ހިސާބުގަނޑަކަށް ކާރު މަޑުކޮލައިފިއެވެ. ކުއްލިއަކަށް ފިރިހެންމީހާގެ ކަންކަށީގައި ވަރަށް ބާރަށް ތިރްލޯކް ޖަހައިފިއެވެ. އެއާއެކުއޭނާގެ ކަނދުރާ ފުރަގަހަށް އެލިއްޖެއެވެ.

+ + + + +

ތިރްލޯކް ޑްރައިވަރުގެ ޔުނީފޯމްގައި ކާރުގައި އިނެވެ. ކާރުއޮތީ ސްޓޭޝަން ކައިރީ އަނދިރީގައެވެ. މިވަގުތާ ހަމައަށް އޭނާ އެތައް ދަތުރެއް ކެންސަލް ކޮށްފިއެވެ. އެގޮތަށް އެތައް އިރަކު އިނުމަށްފަހު ކުއްލިއަކަށް ސޯޅަ ސަތާރަ އަހަރުގެ ވަރަށް ރީތި އަންހެން ކުއްޖަކު އަންނަތަން ފެނިއްޖެއެވެ. ޒަމާނީގޮތަށް ހެދިލައިގެން ހުރި ކުއްޖެކެވެ. އޭނާގެ ހަށިގަނުގެ ވަނާތައް އެހާ ހިތްގައިމެވެ. ޚާއްޞަކޮށް ލޮލުގެ އަސަރުގަދަކަން އޭނާގެ ރީތިކަމަށް އިތުރު މުއްސަނދިކަމެއް ގެނެސްދިނެވެ. ކޮނޑުގައި އެންމެ މިހާރުގެ ގޮތަށް ދަބަސް އަޅުވާލާފައި އޮތެވެ. އޭނާ ވަރަށް ޖެހިލުންކުޑަ ގޮތަކަށް ކާރުގެ ފަހަތު ދޮރު ހުޅުވާލާފައި އިށީންނަމުން ބުންޏެވެ.

"ދާންވީ ވަރްސަވާ ރޯޑަށް "

ޓެކްސީ ދުއްވާލައިފިއެވެ. އަންހެން ކުއްޖާއަކީ ވަރަށް ހަލަބޮލި ކުއްޖެކެވެ. އިރުއިރުކޮޅާ ފަރާތް ފަރާތަށް ބަލާލައެވެ. އެންމެފަހުން އޭނާ އަހައިފިއެވެ.

"އަންކަލް! ގަޑިން ކިހާއިރެއްތޯ؟"

"ދިހައެއް ޖަހަނީ"

"އަސްތާ! އަންކަލް ވަރަށް ލަސްވެއްޖެ މިއަދު މަންމަ ރުޅި ދުރުވާނެކަން ގައިމް"

"ތާކަށް ދިޔައީތަ؟"

"ޕިކްނިކް ދިޔައީ އައި މަގުމަތީގައި ކޮލެޖްގެ ބަހުން ވަކިހިސާބަކަށް އައިސް ލޯކަލް ޓްރޭންގައި އައީ"

ޓެކްސީ ވަރްސަވާ ރޯޑަށް އަޅުވާލުމާއެކު އަންހެން ކުއްޖާ ބުންޏެވެ.

"އެންމެ އެކޮޅުގައި ހުރި ބަސް ސްޓޮޕް ކައިރިއަށް އެތާނގައި ކޮޓެޖެއް ކަހަލަ ގޮތަކަށް ހުންނާނީ އަޅުގަނޑުމެންގެ ގެ"

މިހާރު މަގުމަތި ވަރަށް އަމާންވެއްޖެއެވެ. ކުއްލިއަކަށް ތިރްލޯކް މަގުގެ އެއްފަރާތަށް ކާޑު މަޑުކޮށްލުމުން އަންހެން ކުއްޖާ އަހައިފިއެވެ.

[އަންކަލް! ކިހިނެއްވީތޯ"

"ކާބްރޭޓަރުގައި ކުއްޏެއް ޖެހުނީ ވަރަށް އަވަހަށް ރަނގަޅަށް ބަލާލާނަން"

ތިރްލޯކް ކާރުން ފައިބައިފިއެވެ. އެއާއެކު އަންހެން ކުއްޖާވެސް ފައިބައިފިއެވެ. އޭނާ ބުންޏެވެ.

"އަޅުގަނޑު މިހިސާބުން ފައި މަގުގައި ހިނގައިދާނަން ފަނަރަވަރަކަށް މިނިޓް އިރުގެ ތެރޭގައި ދެވިދާނެ"

ދެން އޭނާ ދަބަސް ހުޅުވާލިއެވެ. އޭނާ އެއުޅުނީ ފައިސާ ދަބަސްނަގަން ކަންނޭގެއެވެ. އެހެން ނަމަވެސް ހަމަ އެވަގުތު ތިރްލޯކް ކުއްލިއަކަށް އޭނާގެ އަނގަމަތީގައި އެއްއަތް އަޅާފައި އަނެއްއަތުން އޭނާ ނަގާ ކޮނޑަށްލައިފިއެވެ. އަންހެން ކުއްޖާ ވަރަށްބޮޑަށް ތެޅުނެވެ. އެހެން ނަމަވެސް ތިރްލޯކް އޭނާ ގޮވައިގެން އެދިމާއިން އަތިރި މައްޗަށް ފައިބައިފިއެވެ. އަދި......... ބާރު އޮތިފަހަރަކާއެކު އޭނާ ހޭނައްތާލައިފިއެވެ. ދެން މައްޗަށް އައިސް ދަބަސް ނަގާފައި އޭގައިހުރި ފައިސާކޮޅު ނެގުމަށްފަހު އަންހެން ކުއްޖާއާ ދިމާއަށް އެއްލާލައިފިއެވެ.

ތިރްލޯކް އެނބުރި ޓެކްސީގެ ކައިރިއަށް އައިސް އަނބުރާލަން އުޅެނިކޮށް ކުއްލިއަކަށް މީހަކު ގޮވާލި އަޑު އިވިއްޖެއެވެ.

"ޓެކްސީ....... ޓެކްސީ......"

ތިރްލޯކް ޓެކްސީ ކާރު އަނބުރާލާފައި އަލިއަޅުވާލިއެވެ. މެދު ޢުމުރުގެ މީހަކު ދުވެފައި އަންނަނީއެވެ. އޭނާ ކައިރިއަށް އައިސް މަތިނޭވާ ލަމުން ސުވާލުކުރިއެވެ.

"ޓެކްސީ ހުސް ތޯ"

"ދާންވީ ކޮންތާކަށްތޯ"

"ދާންވީ ތަންތަން ވަރަށް ގިނަ. އަދިމިތަނަށް އަންނަންވެސް ބޭނުން. އަހަރެމެންގެ ކާރު ހަލާކުވެގެން މިހެން ދިމާވީ"

"އެނބުރި މިކޮޅަކަށް ނާދެވޭނެ"

"މައްސަލައެއް ނެތް. ގޮވައިގެން ދެވިދާނެ ތޯ"

"އިށީންދޭ ތިރްލޯކް މީޓަރު އަނބުރާލަމުން ބުންޏެވެ.

ކުއްލިއަކަށް ކުރިމަތިން އަންހެނަކު ވަރަށް ބާރަށް ދުވެފައި އަތުވެއްޖެއެވެ. ފިރިހެންމީހާ ބުންޏެވެ.

"ޕްރަބާއެވެ. މިހިސާބުން ޓެކްސީއެއް ލިބުނުކަމަށްޓަކައި ޝުކުރު ކުރޭ"

ޕްރަބާ..........!! ތިރްލޯކްގެ ބޮލުގައި ބާރު އެއްޗަކުން ޖެހުނު ކަހަލައެވެ. އަލީގެ ތެރެއިން އެ އަންހެން މީހާ ތިރްލޯކަށް ފެނުނީ އެންމެ ފަހަރަކުއެވެ. އެއީ ހަމަ ޕްރަބާއެވެ. އޭނާގެ ކޮއްކޮއެވެ...... ޕްރަބާއެވެ. ތިރްލޯކްގެ ހިތް ބާރަށް ވިންދު ޖަހަން ފަށައިފިއެވެ. .......... ޓެކްސީ ދުއްވާލުމުން ޕްރަބާ މަތި ނޭވާލަމުން އޭނާގެ ފިރިމީހާ ގާތު ބުންޏެވެ.

"މި އުފުލަން ޖެހުނީ ކިހާބޮޑު ހިތާމައެއްތޯ؟ ކިހާ ބޮޑު ހާސްކަމެއްތޯ؟"

"މިހާ ލަސްވާނެކަމެއް އަހަންނަށް އެނގޭތަ؟ މިކަން ކުރިން އެނގުނުނަމަ އެއްގޮތަކަށްވެސް ހުއްދަ ނުދިނީމު"

"ރަނގަޅު. ކަލާ ހުއްދައެއް ނުދެއްވާނެ..... ދެން އެންމެ ރަނގަޅު...... އޭނާ އެހަލާކުވަނީ ކަލާގެ ސަބަބުން. އެހާވަރަށް ލޯބިވާތީ"

"ހުރިހާ ކަމަކަށްވެސް ހުރީ ހަމައެންމެ އަންހެން ދަރިއެއް. އޭނާ ދެކެ ލޯބިނުވާންވީ ކީއްވެގެން؟"

"ތިޔަކަހަލަ ލޯބި ރަނގަޅީ ނުވިއްޔާ........ މިހާރު މިޖެހުނީ ރޭ ހަތަރުދަމު ހޭލާ ތިބެގެން އޭނާ ހޯދަން"

"ކަލޭ ތިޔަ ކަންބޮޑުވަނީ އެއްވެސް ކަމަކާ ނުލާ. އޭނާ ދާނީ ވަކި ކޮންތާކަށް. އޭނާއާއެކު ފަންސާސް އަންހެން ކުދިން ޕިކްނިކް ދިޔަ. ބަސް ހަލާކުވެގެން ނާދެވުނީ ކަމުގައިވެސް ވެދާނެ"

"އަޅުގަނޑު އެންމެ ބިރުގަންނަނީ އެޑާކޫއާ ހެދި. މިހާރު ދިހަ އަހަރު ވަނީ. އަދާ ހަމައަށްވެސް ފުލުހުންނަށް އޭނާ އަތުލެވުނު ކަމަކަށް ނުވޭ. ކޮންމެ ހަފްތާއެކު ކޮންމެވެސް އަންހެން ކުއްޖެއްގެ ޢިއްޒަތް އޭނާ ފޭރިގަނޭ. އަޅުގަނޑަށް ބުނެވޭނީ އޭނާ ފުލުންނާ ކޮންމެވެސް ގުޅުމެއް އޮންނަނީ ކަމުގަ. އެހެން ނޫންނަމަ އަތުލެވެން އެންމެ ރަނގަޅު ނޫންތޯ. އިންސާނެއް ވިއްޔާ. ހަމަގައިމުވެސް ފުރޭތައެއް ނޫން"

"ކުށްވެރިން އެހާ ފަސޭހައިން އަތުލެވޭނަމަ އެއްވެސް މީހަކު ކުށެއް ނުކުރާނެ"

ތިރްލޯކްގެ ސިކުނޑި ބާރަށް އެނބުރެމުން ދިޔައެވެ. ......... މާތްކަލާކޯ.... މިވީ ހާދަހާ ދެރަ ކަމެކޭ....... އެއީ ޕްރަބާގެ ދަރިފުޅު. އަހަރެންގެ ކޮއްކޮގެ ދަރިފުޅު. އަދި ......... އަހަރެން އޭނާ ލޫޓުވާލީ. ތިރްލޯކް ޓެކްސީގެ ދުވެލި ބާރު ކޮށްލިއެވެ.

+ + + + +

ރޭ ހަތަރުދަމު އާންޓީގެ ގޭގެ މަތީބުރީގައި ތިރްލޯކް އޮތީ ހޭލައެވެ. އިރުއިރުކޮޅުން ވިސްކީ ބޯލައެވެ. ވީ ކިހިނެއްކަމެއްވެސް ނޭގެއެވެ. ދެފުޅި ތިންފުޅި ހުސްވިއިރުވެސް މަސްތުވާ ގޮތެއްނުވިއެވެ. އިރުއިރުކޮޅުން އޭނާގެ ލޯމައްޗަށް ފެންނަނީ ޕްރަބާގެ ދަރިފުޅެވެ. އެއީ އަމިއްލަ ދަރިއެއްފަދަ ކުއްޖެކެވެ.

ދަރިފުޅު.......... ތަކުރާރުކޮށް އަމިއްލަ ދަރީގެ މަތިން އެނާއަށް ހަނދާން ކުރެވެއެވެ. އޭނާވެސް ޕްރަބާގެ ދަރިފުޅާ އެއްވަރުވާނެއެވެ. ނޫނެކެވެ. އެއަށްވުރެވެސް ބޮޑުވާނެއެވެ............. އަނެއްކާ ނޭނގުމުގެ ތެރޭގައި.......... ނޫނެކެވެ..... ތިރްލޯކް ރޫރޫ އަޅައި ގަތުމާއެކު ފުޅީގައި ބާކީއޮތް އެތިފޮދުވެސް ހުސްކޮށްލިއެވެ. އެއާއެކު އެނދު މައްޗަށް ދެމިއްޖެއެވެ.

މަސްތު ކަމުގައި އޭނާ ނިދާފައި އޮތީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ނިދާ ތެދުވުމަށްފަހު އެންމެ ފުރަތަމަ ތުނބުޅި ހަދާލިއެވެ. ދެން ފެންވަރާލައިގެން ހެދުން ބަދަލުކޮށްލިއެވެ. އަދި މީހަކު އައުމުގެ ކުރީގައި ސިއްރު ސިއްރުން ފުރަގަހު ދޮރުން ބޭރަށް ނުކުމެއްޖެއެވެ. މިހާރު އަޅާފައިހުރި ހެދުމުން އޭނާއަކީ އޭހާ ނުބައި ނުލަފާ މީހެއް ކަމުގައި ޝައްކެއްވެސް ނުކުރެވޭނެއެވެ.

ތިރްލޯކް އެންމެ ފުރަތަމަ ނޫސް ބަލާލިއެވެ. އޭގައި ރޭގެ ޙާދިސާ ތަފްޞީލްކޮށް ލިޔެފާ އޮތެވެ. އެއާއެކު އަންހެން ކުއްޖާ ޝޯބާ އަމިއްލައަށް މަރުވާން އުޅުނު ޚަބަރުވެސް ލިޔެފައިވެއެވެ. އަދި އޭގެ އިތުރުން ޝޯބާ އިންނަން އުޅުނު ކުއްޖާ ކާވެންޏަށް އިންކާރު ކުރި ޚަބަރުވެސް އޮތެވެ. އެއީ ޝަހަރުގައި ހުރި އެންމެ ބޮޑު ސޭޓްގެ ދަރިއެވެ. ތިރްލޯކްގެ ޒަމާންވީ ސޭޓެވެ. އަދި އެކުއްޖާއަކީ އަމިއްލަ ދަރިފުޅު މަރުވުމުން ދަރިއެއްގެ ގޮތުގައި ބަލާބޮޑުކުރި ކުއްޖާއެވެ.

ތިރްލޯކްގެ ސިކުނޑިއަށް ދުން އަރަމުން ދާކަހަލައެވެ. ދެން އޭނާ ނާސްތާ ކުރުމަށްފަހު ބޭރަށް ނުކުމެ ޕަބްލިކް ޓެލެފޯން ބޫތަކަށްވަދެ ސޭޓްގެ ނަންބަރާ ގުޅާލައިފިއެވެ. އެގެއާ ގުޅުމަށްފަހު ފިރިހެން ކުއްޖާއާ ވާހަކަ ދައްކަން ބޭނުން ކަމުގައި ތިރްލޯކް ބުންޏެވެ. ކުޑައިރުކޮޅަކަށްފަހު އަޑުއައެވެ.

"ވާހަކަ ދައްކަނީ ޖީތެންދުރާ"

ތިރްލޯކް ކުޑަކޮށް އަޑުކުރަކި ކޮށްލާފައި ބުންޏެވެ.

"ކަލޭ ފަހަރެއްގައިވެސް މަރާމެދު ޚިޔާލު ކުރިން ހެއްޔެވެ؟"

"ތިޔަ ބުނަން އުޅޭ އެއްޗެއް ނުވިސްނުނު"

"މި ބުނަނީ މަރުގެ ވާހަކަ. މީގައި ނުވިސްނޭ ވަރުގެ އެއްޗެއްނެތް......!! އަދި އެމަރު، ބިރުވެރި ކަމުން ފުރިއްޖިއްޔާ ހާލަކީ ކޮބައިބާ. މިސާލަކަށް ކަލޭގެ ގައިގެ އެކި މަސްކޮޅު ވަކިވަކިން ކަނޑާފައި ލޮނުމިރުސް އެޅުމާ އަދި އަނގައިގެ ހުރިހާ ދަތްތައް ދުއްވާލުން ފަދަ ކަންކަން"

"ތި.......... ތިޔައީ........ ކާކު؟" ޖީތެންދުރަ ހާސްވެފައި ސުވާލުކުރިއެވެ.

"ދިހައަހަރު ދުވަސްވަންދެން ފުލުހުން މަސައްކަތްކޮށް އަތުނުލެވުނު މީހާ. އަހަރެން ކަލޭ އަތުލައި ގަންނަން ބޭނުމިއްޔާ ކަލޭގެ ގޭގެ ހަތަރުފަރާތުން ބަންދުކޮށް މުޅި ފައުޖެއް ގެވަށާލައިގެން ތިއްބަސް ކަލޭ ސަލާމަތެއް ނުކުރެވެނެ"

"ކަލޭ ބޭނުންވަނީ ކޮންކަމެއް؟"

"ސައްވީސް ގަޑިއިރު ތެރޭ ކަލޭގެ ކައިވަނި. ކަލޭ އިންނަން އުޅުނު ކުއްޖާއާ"

"އެކަމަކު........ އޭނާ.............]

"ކަލޭ އެކުއްޖާއާއި ރައްޓެހިވުމުގެ ކުރީގައި ދުވަހަކުވެސް އެހެން އަންހެން ކުއްޖެއްގެ ގައިގައިވެސް ޖެހިނުލާ ކަމުގައި އެއްބަސްވެ ހުވާކޮށްފާނަންތަ؟ "ނޫނީ ކާވަންޏަށްފަހު އެންމެފަހު ނޭވާއާ ހަމައަށްވެސް އަނބިމީހާނޫން އެހެން އަންހެނަކާ ހަތަރުކަޅިވެސް ހަމަކޮށްނުލާނެ ކަމުގައި އަޙުދު ވެދާނަން"

އަނެއްކޮޅުން ހިމޭން ވެއްޖެއެވެ. ތިރްލޯކް ފިނި އަޑުން އަނެއްކާވެސް ބުންޏެވެ.

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 111 އިން 114 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން