ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ގާއިމްކުރާ ޕޮލިސް އެކެޑަމީ އަންނަ އަހަރުގެ މާޗް މަހު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޅ އަތޮޅު ދިއްފުށިމާދޫގައި އަޅަން ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު އިންޑިއާއާއެކު އެއްބަސްވި ނޭޝަނަލް ކޮލެޖް ފޯރ ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް އައްޑޫސިޓީގެ މިހާރު ހުރި ސަރަޙައްދަށް ބަދަލުކުރަން ނިންމީ ރައީސް ވަޙީދުގެ ވެރިކަމުގައެވެ. އަދި އެތަނުގައި ޢިމާރާތް ކުރުމުގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

މިއަދު ރާއްޖޭގެ ބައެއް މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ސީޕީ ޙަމީދު ވިދާޅުވީ އަންނަ އަހަރުގެ ފުލުހުންގެ އަހަރީ ދުވަހަށް އައްޑޫ ސިޓީގައި ގާއިމްކުރާ ފުލުހުންގެ ޓްރެއިނިން ސެންޓަރ ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެންމެ އަވަހަށް ފުލުހުން ފަށާ ތަމްރީނު ޕްރޮގްރާމްތައް ހިންގާނީ ނޭޝަނަލް ކޮލެޖް އިން ޕޮލިސިންގ އެންޑް ލޯ އެންފޯރސްމެންޓްގައި ކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޮޑީ ވޯން ކެމެރާ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޭނުން ކުރަން ފަށާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ. ހަމައެއާއެކު ފުލުހުންގެ އިދާރީ ހިންގުމުގެ ސްޓްރަކްޗާއަށް މިމަހު ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އައްޑޫގައި މިހާރު އިމާރާތް ކުރަމުންދަނީ އެކަޑަމީއެއް ނޫން ކަމަށާއި އެއީ އިންޑިއާ ސިފައިން އައްޑޫ ސިޓީގައި ބޭތިއްބެވުމަށް މިސަރުކާރުން ކުރާ މަސައްކަތެއް ކަމަށާއި މިއީ އައްޑޫ ސިޓީ ރައްޔިތުން ވަރަށް ރަގަޅަށް ވިސްނަންޖެހޭ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިން ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން