އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ކޮރޯނާވައިރަހުން ސަލާމަތްވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުން ކުރައްވަނީ މެލޭރިއާއަށް ފަރުވާކުރުމަށް އުފައްދާފައިވާ "ހައިޑްރޮކްސީކްލޮރޮކުއިން" ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހައިޑްރޮކްސީކްލޮރޮކުއިންގެ ސަބަބުން ފުރާނައަށް ހުރި ގެއްލުންތަކުގެ ސަބަބުން ކޯވިޑް-19 އަށް ފަރުވާ ކުރުމުގެ ބޭނުމުގައި މި ބޭސް ބޭނުންކުރަންވާނީ ހޮސްޕިޓަލެއްގައި ނުވަތަ ތަހުލީލީ މަރުކަޒެއްގައިކަމަށް އެމެރިކާގެ ސަރުކާރުންނާއި ސައިންސްވެރިން ތަކުރާރުކޮށް އަންގަމުން ގެންދިޔަނަމަވެސް، ހޯމަދުވަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ހައިޑްރޮކްސީކްލޮރޮކުއިންގެ އިތުރުން ޒިންކް ސަޕްލިމެންޓެއް ބޭނުންކުރައްވަމުން ގެންދަވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެދާނެކަމަށެވެ.

އެމެރިކާ ސަރުކާރުގެ އިސް ސިއްހީ މާހިރުންގެ އިންޒާރަށްފަހުވެސް ޓްރަމްޕް ގެންދެވީ މި ބޭސް ޕްރޮމޯޓްކުރައްވަމުންނެވެ. ބޭހާއި ގުޅިގެން ހަދާފައިވާ ތަހުލީލުތަކުން ދައްކާފައިވާގޮތުގައި، ކޯވިޑް-19ގެ ގިނަ ބަލިމީހުންގެ ފަރާތުން ބޭހުގެ ނޭދެވޭ އަސަރުތަކެއް ފެނިފައިވާއިރު، ބަލީގެ ގިނަ މީހުންނަށް މި ބޭހުން ފަރުވާ ނުލިބޭ ކަމަށްވެސް ވަނީ ހާމަވެފައެވެ.

ޓްރަމްޕް ވިދާޅުވީ މިބޭސް ބޭނުން ކުރައްވަނީ އެމަނިކުފާނުގެ ޑޮކްޓަރ މި ބޭސް ދީގެން ނޫންކަމަށާއި ބޭސް ހޯއްދެވީ ވައިޓްހައުސް ޑޮކްޓަރެއްގެ ކައިރީގައި ދަންނަވައިގެން ކަމަށެވެ.

"އަހަރެން މި ބޭސް ބޭނުންކުރަން ފެށީ އެއީ ރަނގަޅު ބޭހެއްކަމަށް އަހަރެންނަށް ފެންނާތީ. ބޭހާއި ގުޅިގެން ވަރަށް ރަނގަޅު ވާހަކަތަކެއް އަޑު އިވިފައި ވަނީ." ޓްރަމްޕް ވިދާޅުވިއެވެ.

ވައިޓްހައުސްގެ ޑޮކްޓަރެއްކަމަށްވާ، ޑރ. ޝާން ކޮންލީ ދެއްވި ބަޔާނެއްގައި ވިދާޅުވީ ބޭހާއި ގުޅިގެން އެނގިފައިވާ ރަނގަޅުކަންކަމާއި ގޯސްކަންކަމާއި ގުޅިގެން ރައީސް ޓްރަމްޕާއެކު އެތައް މަޝްވަރާތަކެއް ކުރުމަށްފަހު، ބޭހުގެ ރަނގަޅު ނަތީޖާތައް، ނޭދެވޭ އަސަރަށްވުރެ ބޮޑުކަމަށް ފެންނަކަމަށް ނިންމާފައިވާކަމަށެވެ.

ނަމަވެސް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެފްޑީއޭ އިން މިދިޔަ މަހު ވަނީ ހޮސްޕިޓަލާއި ތަހުލީލީ މަރުކަޒުތަކުން ބޭރުގައި މި ބޭސް ބޭނުންނުކުރުމަށް އަނގާފައެވެ. އެފްޑީއޭގެ ނިންމުން ބިނާވަނީ ހިތުގެ މަސައްކަތަށް ހުރަސް އަޅާ ބައެއް ހާލަތްތަކުގައި ފުރާނައަށް ވެސް ގެއްލުން ބޮޑުމަށް ބުނާ ރިޕޯޓުތަކެއްގެ މައްޗަށެވެ. މި ބޭހަކީ ލޫޕަސް އަދި އާތްރައިޓިސް އަށް ފަރުވާކުރުމަށްވެސް ބޭނުންކުރާ ބޭހެކެވެ.

"ބުނެވޭނެހާވެސް އެއްޗަކީ، މިހާތަނަށްވެސް އަހަރެން މިހުރީ ރަނގަޅަށް." ބޭހުގެ ނޭދެވޭ އަސަރުތަކާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ވައިޓްހައުސްގައި މަސައްކަތްކުރާ އިތުރު ބަޔަކު މި ބޭސް ބޭނުންކުރާކަމެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު މި ބޭސް ބޭނުންކުރައްވަން ފެއްޓެވީ އެންޓިބައޮޓިކް އެޒިތްރޯމައިސިން ގެ "އޮރިޖިނަލް ޑޯޒް" އަކާއެކުގައިކަމަށެވެ.

ވައިޓްހައުސްގެ ދެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސްއާއި ނައިބުރައީސް މައިކް ޕެންސްގެ އިތުރުން، ރައިސްގެ އަރިސް ބޭފުޅުން ކޮންމެ ދުވަހަކު ކޯވިޑް-19 އަށް ގެންދަނީ ޓެސްޓުކުރަމުންނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަތަކުގެ ސަބަބުން މި ބޭހަކީ ރަނގަޅު ބޭހެއްކަމަށް އެމެރިކާގެ ރައްޔިތުން ގަބޫލުކޮށްފާނެތީ އެކަމާމެދު އެތައް ޑޮކްޓަރުންނެއް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް، ޑރ. ޕެޓްރިސް ހެރިސް ވިދާޅުވީ ކޯވިޑް-19 އަށް ހައިޑްރޮކްސީކްލޮރޮކުއިން އިން ފަރުވާ ކުރެވޭ ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށާއި، މިއަދާއި ހަމައަށް ބޭހައި ގުޅިގެން ލިބިފައިވާ އެއްވެސް ނަތީޖާއަކުން ފަރުވާއެއްގެ ނިޝާނެއް ފެނިފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން