އިއްޔެ ތަސްދީގު ކުރި ފޮރިން ސަރވިސް ޤާނޫނާއެކު ރާއްޖޭގެ ޚާރިޖިއްޔާއާއި ގުޅޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރެއްވުމާއި ގުޅިގެނެވެ.

މިނިސްޓަރ ޝާހިދު ވަނީ ފޮރިން ސަރވިސް ޤާނޫނަކީ ރާއްޖެއަށް ބޭނުންތެރި މުހިންމު ޤާނޫނެއްކަމަށެވެ. އަދި މި ޤާނޫނު ވުޖޫދަށް ގެނައުމަށް ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި އުއްމީދު މިއަދު ހަޤީޤަތަކަށްވުމުން ރައީސް ސާލިހަށް ޝުކުރު އަދާކުރަށްވާފަ އެވެ.

ޝާހިދު ވިދާޅުވީ ފޮރިން ސަރވިސް ޤާނޫނާއެކު ޚާރިޖީ ދާއިރާ އިތުރަށް ހަރުދަނާވެ، ރައްޔިތުން ފަހުރުވެރިވާފަދަ މަސައްކަތްތަކެއް އެދާއިރާއިން ކުރެވިގެންދާނެކަމަށެވެ.



ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޛުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ. އަދި، ފޮރިން ސަރވިސް އެކުލެވިގެންވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށް ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި ވާގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެމަތިން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.



ކިޔުންތެރިންގެ ހިޔާލު