ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ދައުވާ ސާފު ނުވާކަމަށް ކޯޓުގައި އޭނާ ވިދާޅުވެއްޖެއެވެ.

ޝިޔާމްއަށް ދައުވާ ކުރަނީ ސިފައިންގެ ވެރިޔަކަށް އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލާގައެވެ.

މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝިޔާމް ވަނީ ދައުވާއަށް އިންކާރުކުރަށްވާފައެވެ. ނަމަވެސް, އެ އަޑުއެހުމުގައި ޝިޔާމްގެ ވަކީލަކު ނެތެވެ.



ޝިޔާމް މިއަދު ކޯޓަށް ހާޒިރުވެވަޑައިގެންނެވީ، ވަކީލް ޝިޔާނާއާ އެކުގައެވެ. އަދި ޝިޔާމްގެ އަނެއް ވަކީލް ހަމްޒާ ލަތީފާއި ދައުލަތުގެ ވަކީލުންގެ އިތުރުން ގާޒީ، ހަސަން ސައީދު ޝަރީއަތުގެ އަޑުއެހުމުގައި މިއަދު ބައިވެރިވަޑައިގަތީ އޮންލައިންކޮށެވެ.

ކުރީގެ އަޑުއެހުމުގައި ދައުވާ ސާފުވާކަމަށް ވިދާޅުވިނަމަވެސް މިއަދުގެ އަޑުއެހުމުގައި ޝިޔާމް ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށާއި، ދައުލަތުން ޝިޔާމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ސީޣާގައި ހުންނަން ޖެހޭ އުންސުރުތައްވެސް ފުރިހަމަ ނުވާ ކަމަށެވެ.

ޝިޔާމްގެ ވަކީލުން ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރިކަން ސާފު ނުވާ ކަމަށާއި އަދި ނަހަމަ ގޮތުގައި ޝިޔާމް ލިބިގަތީ ކޮން ފައިދާއެއްކަން ދައުވާ ފޯމުގައި ބަޔާންކޮށްފައިވެސް ނުވާކަމަށެވެ. އަދި ޝިޔާމް ހިލާފުވީ އެމްއެންޑީއެފްގެ ކޮން ގާނޫނަކާކަން ދައުވާ ފޯމުގައި ނެތްކަންވެސް ފާހަގަކުރިއެވެ.

ޝިޔާމްގެ ވަކީލުން ވިދާޅުވީ ދިފާއީ ވަކީލުންނަށް ދައުވާ ސާފުނުވާ ކަމަށް ވާނަމަ، ދައުވާއަށް ޖަވާބުދާރީ ނުވެވޭނެކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާއަށް ރައްދުވާ ފަރާތުން އެއްބަސްވެ، އެ ތުހުމަތުތަކަށް އިންކާރު ކޮށްފައިވާތީ، އެ މަރުހަލާ ނިމިފައިވާ ކަމަށެވެ.

ގާޒީވެސް ވިދާޅުވީ މަދަނީ މިންގަނޑުން ޝިޔާމަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝިޔާމަށް ކުރާ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ. މި ދައުވާތަކުން ބަރީއަވުމަށްޓަކައި ޝިޔާމްގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ވަގުތަށް އެދުމުން، ގާޒީ ވަނީ ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ލިޔުންތައް ކޯޓަށް ހުށަހަޅަން 15 ދުވަސް ދީފައެވެ.

މިއަދުގެ އަޑުއެހުމުގައި ޝިޔާމް ވަނީ އޭނާގެ މައްސަލައަށް ނޫސްވެރިން ނުވެއްދުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އޮންނަ އުސޫލުގެ ދަށުން އަޑުއެހުމަށް ނަން ނޯޓްކޮށްގެން އައި ނޫސްވެރިޔަކަށް އަޑުއެހުމުގައި ބައިވެރިވާން ފުރުސަތު ނުދީ ނުހިފެހެއްޓޭނެކަން ކޯޓު އޮފިސަރު, ޝިޔާމަށް އެންގިއެވެ.



ކިޔުންތެރިންގެ ހިޔާލު


9

އަލިބެ

16-Nov-2021

ދައުވާ ސާފެއް ނުވޭ. ކުރިން އިންކާރުކުރީ ދައުވަ ސާފުވާތީކަމަށް ބުނުމުން ނޫސްވެރިން ނުވެއދުމަށް. މިވަރުން ސާފުނޫންތޯ? މީހަމަ ކުރިކަމެއް އަހަރުމެން ޑިއުޓީތަކުގައިވެސް ދުށިން މަންޒަރު ވަރައް ކައިރިން. މިގައުމުގައި ކުށެއް ސާބިތުވާވީ ކިހައިވަރެއް ވެގެންތޯ?