ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނައީމާ އަދި ކޮއްކޮ އަފީފާ މޫސާ ޖާމިނުކުރުމަށްފަހުއެވެ. ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލަން ނެރުނު އަމުރު ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ޙުކުމްގައި ބުނެފައިވަނީ އަންމަޓީ ފިލައިގެން ދިއުން މަނާކޮށްފައި އޮތް ނަމަވެސް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމެންޓެއް ހިފެހެއްޓުމުގެ އަމުރެއް ނެތުމުން އަދިވެސް އޭނާ ފިލައިގެން ދިޔުމުގެ އިހުތިމާލް އެބަ އޮތް ކަމަށެވެ. އަދި އޭނާ އަކީ ރެޑް ނޯޓިސް ނެރުމުން ވެސް ރާއްޖެ ނައިސް އުޅުނު މީހެއް ކަމަށް ހުކުމްގައި ބުނެފައިވެއެވެެ.

އެކަމަކު ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް މީހަކު ފިލައިފާނެ އިތުރު ދޮރުތަކެއް ހުރި ކަމަށް ދައުލަތަށް ފާހަގަކުރެވޭނަމަ، އެފަދަ ދޮރުތައް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގައިގެން ބަންދުކުރުމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ. ހައިކޯޓުގެ ހުކުމުގައި ބުނީ ސީލައިފްގެ ހިޔާނާތުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތައް ލިބި ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ބާވަތުން ކަފާލާތުގެ ދަށުން އަންމަޓީ ދޫނުކޮށްލެވޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ.

މިމައްސަލައިގައި ފަނޑިޔާރު ނިޔާޒުގެ ރައުޔަށް ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއީދުކުރައްވާފައެވެެ. މިކަމުގައި ރައުޔު ތަފާތުވެފައިވަނީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާގެއެެވެ. ފަނޑިޔާރު ޒަކަރިއްޔާގެ ރައުޔުގައި ބުނެފައިވަނީ އަންމަޓީގެ މައްޗަށް އޮތް ތުހުމަތަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނަމަވެސް، އޭގެ ސަބަބުން އޭނާ ކަފާލާތުގެ ދަށުން ދޫނުކުރުވޭނެ ސަބަބެއް ނެތް ކަމަށެވެ.

މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާ އަތުލުމަށްފަހު ބޭރުގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ، އަންމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާއެއް އުފުލައިފައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 300 މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 48 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު