ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން ކޮންޓްރޯލްކުރުމުގެ ގޮތުން, ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބޭންކްތަކަށް ޑޮލަރު ދޫނުކޮށް، ގަވާއިދެއް ހެދިޔަސް އޭގެން ރަނގަޅު ނަތީޖާއެއް ނުނުކުންނާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅު ބަޒާރެއް އުފެދި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ބާޒާރުގައި މުދަލުގެ އަގު އުފުލެމުންދާއިރު އެމައްސަލައަށް ހައްލެއް ހޯދިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަންނަނީ އަމާޒު ވަމުންނެވެ. މިކަމާ ގުޅިގެން އެމްއެމްއޭއާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބުނެފައިވަނީ ވަރަށް އަވަހަށް އެމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.



އެއްވެސް ކޮންޓްރޯލެއް ނެތި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަކަށް ފާޑުވިދާޅުވަމުން އާއްޓޭ ވިދާޅުވީ، ދިވެހިރާއްޖެއަކީ އިމްޕޯޓް މުދަލަށް ބަރޯސާވާން ޖެހިފައިވާ ގައުމަކަށް ވާއިރު، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން ކޮންޓްރޯލްކުރުމުގެ ގޮތުން, އެމްއެމްއޭއިން ބޭންކްތަކަށް ޑޮލަރު ދޫނުކޮށް ގަވާއިދެއް ހަދައިގެން ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން އުޅުމުން ނަތީޖާ ރަނގަޅު ނުވާނެކަމަށެވެ.



ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައި އާއްޓޭ ވިދާޅުވީ ކަޅުބާޒާރުން ޑޮލަރު ގަނެގެން ބޭންކް ތަކަށް ޖަމާ ނުކުރެވޭ ގޮތަށް ގަވާއިދުގައި ހިމެނުމަކީ ލަންކާގައި ކުރަމުންދާ ފަދަ ތަޖުރިބާ ތަކެއް ކުރަން ޖެހިދާނެ ކަމެއް ކަމަށެވެ. އެފަދަ އުސޫލެއް ކަނޑައަޅައިފި ނަމަ އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް ވެސް އާއްޓޭ ވިދާޅުވިއެވެ.

"ޑޮލަރު ބްލެކުން ގަނެގެން ބޭންކް ތަކަށް ޖަމާ ކުރުމަކީ ލަންކާގަ މުޅިން މަނާ ކަމެއް. ނަތީޖާއަކީ މިއަދު ލަންކާ ކުންފުނިތަކުގަ ލަންކާ ރުޕީސް ކިތަންމެ ބައިވަރު ހުއްޓަސް ޑޮލަރު ސެންޓްރަލް ބޭންކުން ނުލިބޭތާ ބްލެކުން ގަނެގެންވެސް މުދާ ގެނެވޭ ގޮތްނުވެ ލަންކާ ހާލުގަ ޖެހުން. އިޤުތިޞާދީ އަނަރޫފަ ދުވަސް ވަރެއްގަ ރައްޔިތުންނަށް ބޭނުންވާ ވަރަށް މުދާ އެތެރެނުވާ ނަމަ ނިކަމެތިވާނީ ރައްޔިތުން." އަވަށްޓެރި ސްރީ ލަންކާގެ އިޤުތިޞާދީ ހާލަތުން މިސާލު ދައްކަވަމުން އާއްޓޭ ވިދާޅުވިއެވެ.

އާއްޓޭ އިތުރަށް ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑަސް ލިބޭނެ އެހެން ގޮތެއް ނެތިއްޔާ ކަޅުބާޒާރުން ޑޮލަރު ގަނެގެން ވެސް މުދާ އެތެރެ ނުކުރެވެންޏާ ބާޒާރުގައި މުދާ ނުހުންނާނެ ކަމަށެވެ.

"ލަންކާގެ މިއަދު ތަޖުރިބާއަށް ބަލާފަ ސްވިޗް ކުރެވޭ އުސޫލުން ތިޔަ ހަދަން އުޅޭ ގަވާއިދެއް ހަދަން ވާނީ. އެއްވެސް ހާލަތެއްގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރާށޭ ކިޔާފަ ބޭންކް ތަކަށް އެމްއެމްއޭއިން ޑޮލަރު ދޫނުކޮށް ގަވާއިދެއް ހެދިޔަސް އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ." އާއްޓޭގެ ތަޖުރިބާ ހިއްސާ ކުރަށްވަމުން ވިދާޅުވެފައި ވެއެވެ.

އާދިއްތަ ދުވަހު ބަޖެޓު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަނީ ޑޮލަރުގެ ކަޅުބާޒު ހުއްޓުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރަށްވާފައެވެ. އެބޭފުޅުން ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ކަނޑައަޅައިފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


15

ބޮލުރޮދި

16-Nov-2021

އަނތަރީސްވޭ ބަލަކުރިން ކިކަލޭގެ ފިނޭންސް މިނިސްޓަރަކަށް ހުރެވެސް ގަތީގަނޑޭ މިފަހަރުވެސް މިއުޅެނީ އެކަމާ