އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުން މިހާރުން މިހާރަށްވެސް 20 ޕަސެންޓް އުނިކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް ގޮވާލައިފައިވަނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓާއި މެދު ހުރި ކަންބޮޑުވުތަކާއި ގުޅިގެން އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައެވެ. ނޫސްވެރިންގެ ބައްދަލްވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، 2022 ގެ ބަޖެޓް އިދިކޮޅު ކޯލިޝަނުން ގަބޫލު ނުކުރާ ކަމަށާއި ބަޖެޓުން މިހާރުން މިހާރަށްވެސް 20 ޕަސެންޓް އުނިކުރަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ ބަޖެޓު ކުޑަނުކޮށްފިނަމަ ދިވެހީންނާ ދެން ކުރިމަތިލާ ރޯދަ މަސް ވެގެންދާނީ އެންމެ ދަތީގައި އުޅެންޖެހޭ ރޯދަ މަހަށް ކަމަށެވެެ. އަންނަ އަހަރު 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެ އަދަދަށް އާމްދަނީ ނުލިބޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އެންމެ ގިނަ ވެގެންވެސް ދައުލަތަށް ލިބޭނީ 20 ނުވަތަ 22 ބިލިއަން ރުފިޔާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އޮތްގޮތަށް ބަޖެޓް ފާސްކޮށްފިނަމަ ރާއްޖޭގެ ދަރަނީގެ ތެރެއަށް އިތުރު 14 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަަށެވެ. މި ސަރުކާރުގެ ތިން އަހަރުގެތެރޭގައި 49 ބިލިއަން ރުފިޔާގެ ދަރަނި އުފެދިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެެ. ދަރަނި އިތުރުވުމުން އެކަމުގެ ހުރިހާ ގެއްލުމެއް އޮތީ ރައްޔިތުންނަށް ކަމަށާއި، ތަކެތީގެ އަގު ބޮޑުވެ ޑޮލަރުގެ ކަޅު ބާޒާރު އުފެދިގެން ބޮޑުވެފައިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ސަލީމް ވިދާޅުވިއެވެ.



"މިހާރު އަޅުގަނޑުމެންގެ ހަގީގީ ވިސްނުމަކީ މި ބަޖެޓާއި މެދު ވަރަށް ބޮޑަށް ވިސްނާފައި ނޫނީ މިއަށް އަޅުގަނޑުމެން އެއްބާރުލުން ނުދޭފަދަ ގޮތަކަށް. އެބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކާއި އެހުރިހާ އެއްޗެހި ބަލާފައި ފަހުން އަދި އެކަމަށް (ބަޖެޓަށް ވޯޓްދިނުމާއި މެދު) ގޮތެއް ނިއްމާނަން. މި ބަޖެޓް މިގޮތަށް ފާސްކޮށްފިނަމަ ވަރަށް ބޮޑު ގެއްލުމެއް ރައްޔިތުންނަށް ލިބިގެންދާނެ. ޚާއްސަކޮށް އިތުރަށް ދަރަނިބޮޑުވެގެން ގޮސް ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް މިއަންނަ ރަމަޟާން މަހު ހިސާބުގައި މީހުން ބަނޑަށް ޖެހޭ ހިސާބަށް ދިޔުމަކީ އެކަށީގެންވާ ކަމެއް." ސަލީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ބަޖެޓް ރައީސް ސާލިޙު ނުބައްލަވާ ކަމަށާއި، ބަޖެޓްގައި އޮތް އެއްޗެއް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ތިން ވަނަ ފަރާތަކަށް ހަވާލު ކޮށްގެން ހަދާފައިވާ ބަޖެޓެެއް ކަމަށް ސަލީމް ވިދާޅުވިއެެވެ. އަދި ބަޖެޓްގައި ހުރި އަދަދުތަކަކީ ކިހިނެއް އައިސްފައި ހުރި އަދަދުތަކެއްކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ސަލީމް ވިދާޅުވިއެެވެ.

"މިއީ މަކަރުވެރި ހީލަތްތެރި ބަޔަކު ހަދާފައި އޮތް ބަޖެޓެއް." ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިިމެނިވަޑަައިގަންނަވާ ރެޑް ވޭވް ސަލީމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެެެވެ. އަންނަ އަހަރު ދައުލަތަށް 23.6 ބިލިއަން ރުފިޔާ އާމްދަނީގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު