ރާއްޖެ މިހާރު އޮތީ ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައި ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް އެކައުންޓްސް ފޯރަމް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުނެެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، އެކައުންޓިންގގެ މަސައްކަތަކީ، ދައުލަތުގެ މުޅި ނިޒާމު އޭގައި ލާމެހިފައިވާ މަސައްކަތެއް ކަމަށާއި، އެއީ ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި، ދައުލަތުގެ ބޭންކިންގ ނިޒާމާއި، ވިޔަފާރިތަކާއި، މުޅި އިޤްތިޞާދީ ނިޒާމު އޭގައި ޝާމިލުވާ މަސައްކަތެއް ކަމަށެވެ.



ރައީސް ސާލިޙު ވިދާޅުވީ އެކައުންޓިންގ ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށާއި، މި ދާއިރާ ހަރުދަނާވެ ފުޅާވިވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު، ބޭންކިންގ ދާއިރާއާއި، އިޤްތިޞާދީ ޞިނާޢަތުގައި، އެކައުންޓެންސީ ދާއިރާގެ ވަރަށް ގިނަ ވަޒީފާތައް މިހާރުވެސް އުފެދެމުން އަންނަ ކަމަށެވެ. އަދި ދައުލަތާއި ޕްރައިވެޓް ސެކްޓަރގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަންވެސް މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީފާތަކަށް ސަރުކާރުވެސް އަދި މި އިންޑަސްޓްރީވެސް ބޭނުންވަނީ، ކޮލިފައިޑް ޤާބިލް އެކައުންޓެންޓުން ކަމަށެވެ. އެހެންކަމުން، މި ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

"މި ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި، މި އިންސްޓިޓިއުޓަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ. އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފުރުޞަތުތައްވެސް ތަނަވަސްކޮށްދޭނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު އިތުރަށް ވިދާޅުވީ އެކައުންޓިންގ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިތުރުން، ޕްރޮފެޝަނަލް އެކައުންޓެންސީ ކޯސްތަކާމެދު ޒުވާނުން ޝައުޤުވެރިކުރުވައި، ގިނަ ޒުވާނުން މި ދާއިރާއަށް ނެރުމަކީ، އިންސްޓިޓިއުޓުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ހުރި ގޮންޖެހުންތަކާމެދު ފޯރަމްގައި މަޝްވަރާ ކުރައްވައި، ޙައްލުތަކެއް ހޯއްދެވުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"މިފޯރަމަކީ، ރާއްޖޭގައި މަސައްކަތް ކުރައްވާ އޮޑިޓަރުންނާއި އެކައުންޓެންޓުން އެއްތަނަކުން ބައްދަލުވެ، މި ދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެއް. އަދި އެ ކަންބޮޑުވުންތަކާމެދު، މި ދާއިރާގެ ޙިއްޞާދާރުންނާ އެކުގައި މަޝްވަރާ ކުރައްވައި، އެއްބަސްވެވޭ ޙައްލަކަށް މިޞްރާބު އަމާޒުކުރެވޭނެ ފޯރަމަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން." ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު