ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން އިސްތިސްނާކުރުމަށް ދީފައިވާ މުއްދަތަށް އިތުރު އެއް އަހަރު އިތުރުކޮށް ލިމިޓެއް ނެތި މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގޭގޮތަށް ހުއްދަދިނުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މީގެކުރިން ދެ ފަހަރެއްގެ މަތިން މި ހުއްދައަށް އެދުމުންވެސް މަޖިލީހުން ވަނީ އެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.



މިކަމުގެ ހުއްދައަށް 3 ވަނަ ފަހަރަށް އެދިވަޑައިގެން، އިތުރު އެއް އަހަރަށް މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީދު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އަދި ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޯވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަންވެސް މިނިސްޓަރގެ ސިޓީގައި ފާހަގަކުރެއްވިއެވެ.

އަދި މި ހުއްދަ ނުލިބިއްޖެނަމަ އިޤްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެކަމަށް ފިނޭންސް މިނިސްޓަރގެ ސިޓީގައިވެއެވެ.

ފިނޭންސް މިނިސްޓަރގެ މި ހުށަހެޅުމާއި މެދު މަޖިލީހުން ގޮތެއް ނިންމާނީ އެކަމާއިމެދު ބަހުސްކުރުމަށްފަހުއެވެ. ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މިކަމަށް ތާއީދުކުރެއްވިނަމަވެސް، އިދިކޮޅު ފަރާތްތަކުން މިކަމަށް ތާއީދެއް ނުކުރެއެވެ.



ފިނޭންސް މިނިސްޓަރ ހުށަހަޅުއްވާފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އަށް އަމަލުކުރުން އިސްތިސްނާކުރުމަށެވެ.

އެމާއްދާގެ (ހ) ގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރުގެ ސަރުކާރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފައެވެ.

މާއްދާގެ (ރ) ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ޖެނުއަރީ 1، 2016 އިން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ.

ފިނޭންސުން އެދިފައިވާ ގޮތަށް ހުއްދަ ދީފިނަމަ މި މާއްދާތަކަށް އަމަލުކުރުން ސަރުކާރަށް ލާޒިމެއް ނުވާނެއެވެ. އަދި މިގޮތަށް މި މާއްދާތަކަށް އިސްތިސްނާ ދީފައި އޮންނަތާ މިހާރުވެސް 2 އަހަރެއްހާ ދުވަސްވެއްޖެއެވެ.



ކިޔުންތެރިންގެ ހިޔާލު


-2

މޮހޮހު

16-Nov-2021

މަށައް ފެންނަނީ ސަރުކާރު ވެއްޓެންދެކަ ތިހުއްދަ ދީފަބާއްވަން ފުކެއްބޮޑުވަރު