ބަޖެޓް ދަރަނި ކުޑަކުރަން ސިޔާސީ މީހުން މަދުކޮށް، ސިޔާސީ މީހުންގެ މުސާރަތައް ކުޑަކުރަންޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން އިސްތިސްނާކުރުމަށް ދީފައިވާ މުއްދަތަށް އިތުރު އެއް އަހަރު އިތުރުކޮށް ލިމިޓެއް ނެތި މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގޭގޮތަށް ހުއްދަދިނުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

މިމައްސަލައަށް ބަހުސްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ދައުލަތުން ދަރަނި ނަގާއިރު، އެ ނަގާ ފައިސާއިން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ބޭކާރު ހަރަދުތައްކުރުންވެސް މަދުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ފައިސާ ޗާޕްކުރުމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގު އުފުލިގެންދާނެކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ބަޖެޓް މެނޭޖްކުރަން ދަތިވާކަމަށްވާނަމަ އެންމެ ފުރަތަމަ ކަމަކަށް ސިޔާސީ މީހުން މަދުކުރަންވީކަމަށެވެ. އަދި ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން އިސްތިސްނާކުރުމަށް ދީފައިވާ މުއްދަތަށް އިތުރު އެއް އަހަރު އިތުރުކޮށް ލިމިޓެއް ނެތި މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގޭގޮތަށް ހުއްދަދިނުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު ފިނޭންސް މިނިސްޓްރީން މީގެކުރިން ދެ ފަހަރެއްގެ މަތިން މި ހުއްދައަށް އެދުމުންވެސް މަޖިލީހުން ވަނީ އެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.

މިކަމުގެ ހުއްދައަށް 3 ވަނަ ފަހަރަށް އެދިވަޑައިގެން، އިތުރު އެއް އަހަރަށް މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީދު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އަދި ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޯވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަންވެސް މިނިސްޓަރގެ ސިޓީގައި ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު