ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން އޮފިސަރުންނަށް ހާއްސަކޮށްގެން "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ކުރިއަށް ގެންދިޔަ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ފުލުހުންގެ ތެރޭގައި ކަނބަލުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާ ހާއްސަކޮށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގައި ފުރަތަމަ ފަހަރަށް ޗީފް އިންސްޕެކްޓަރ ރޭންކުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް އަންހެން ތިން އޮފިސަރުން ޕްރޮމޯޓްކޮށް، ފުރަތަމަ ފަހަރަށް ފުލުހުންގެ ތެރޭގައި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރެވިގެންދިޔަކަމަށް ވިދާޅުވިއެވެ. އަދި މި ކޮމިޓީ، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އިންތިހާބުވެގެން ދާނެކަމަށާއި އަންހެނުންނަކީވެސް ފުލުހުންގެ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރުވެސް ފުލުހުންގެ އެކި ދާއިރާތަކުގައި އަންހެނުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޮންފަރެންސަކީ އެކި ދާއިރާތަކުން އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.

އެގޮތުން، ހިންގުމުގެ ދާއިރާގެ ހުނަރުތަކާއި އެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމާއި، އަމިއްލަ ނަފްސުގެ ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން މުސްތަގުބަލަށް ކަންކަން ރާވައި ހިންގުމަށް މަސައްކަތްކުރާނެ ހުނަރުތައް ވެސް މި ކޮންފަރެންސްގައި ކިޔައިދީފައި ވެއެވެ.

މާލެއާއި އަތޮޅުތައް ހިމެނޭހެން އެކި ދާއިރާތަކުން 23 އަންހެން އޮފިސަރުން މި ކޮންފަރެންސްގައި ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު