ސިނަމާލެ ބްރިޖް މަތީގައި ސައިކަލެއްގެ ފުރޮޅު ފަޅައިގެން ގޮސް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެެވެ.

ފުލުހުންގެ އިދާރާއިން ބުނީ ބްރިޖްގެ، އެއާޕޯޓް ލައިޓާ ހިސާބުން މާލެއަށް ދަތުރު ކުރި ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި މިއެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:10 ގައި ކަމަށެވެ. މި އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެނަކާއި ފަހަތުގައި އިން 18 އަހަރުގެ އަންހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލް ދުއްވަން އިން 18 އަހަރުގެ މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށްވެސް ފުލުހުން ބުނެ އެެވެ. އަދި އަނެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެެ. މި އެކްސިޑެންޓް ހިނގާފައި ވަނީ 18 އަހަރުގެ މީހާ ދުއްވި ސައިކަލުގެ ކުރީ ފުރޮޅު ފަޅައިގެން ގޮސްގެން ކަމަށް ފުލުހުންނަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު